އަޚުލާގާއި ސުލޫކު ހިމެނޭ ގޮތަށް ގައުމިއްޔަތު މާއްދާއަށް މިއަންނަ އަހަރުން ފެށީގެން ބަދަލު ގެންނަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދަރިވަރުންތަކަކާއެކު -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގައުމިއްޔަތާއި އަޚުލާގު ހިމެނޭ ގޮތަށް ގައުމިއްޔަތު މާއްދާއަށް އަންނަ އަހަރުން ފެށިގެން ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އަހާ ފޯރަމުގައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރުން ފެށިގެން އެކި ކީސްޓޭޖްތަކަށް ގައުމިއްޔަތު މާއްދާ ތައާރަފުކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ކީސްޓޭޖް ތިނަކާ ހަމައަށް ގައުމިއްޔަތު މާއްދާ ތައާރަފުކުރެވިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ލިބޭ މައުލޫމާތުގެ މައްޗަށް ބެލުމަށްފަހު، އަންނަ އަހަރު މި މާއްދާއަށް ކުދި ބަދަލުތަކެއް ގެނައުމަށް ގަސްތުކޮށްފައިވާ ކަމަށެވެ.

މިރޭ ބޭއްވި އަހާ ފޯރަމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތަށް ކާބަފައިންގެ ފަރާތުން ވާރުތަކޮށްފައިވާ ރިވެތި އާދަތަކާއި ގައުމުގެ މުހިންމު ބަހާތައް ހިމެނޭ ގޮތަށް މިހާރު ބިންގާ ޕްރޮގްރާމުގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާނެ ކަމަށާއި، މިއަދާ ހަމައަށް 200 ސްކޫލެއްގައި 15،000 އަށްވުރެ ގިނަ ހަރަކާތް ދަރިވަރުން ޝާމިލުވާ ގޮތަށް ބޭއްވިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެންވީމަ ގައުމިއްޔަތު މާއްދާއަށް ގެންނަ ބަދަލުގެ ތެރޭގައި ގައުމިއްޔަތާއި އަޚުލާގު ހިމެނޭ ގޮތަށް މާއްދާއަށް އަޅުގަނޑުމެންނަށް މި ލިބުނު މައުލޫމާތުގެ އަލީގައި އިރާދަފުޅުން މި އަންނަ އަހަރުން ފެށިގެން ބަދަލުތައް ގެނެސް، ކުރިއަށް މިއޮތް ދެ އަހަރުގެ ތެރޭގައި ގައުމިއްޔަތު މާއްދާގެ ތެރެއިން ކާބަފައިންގެ ވާހަކައާއި ގައުމުގެ މުހިންމު ބަހާތަކާއި ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ ރިވެތި އަޚުލާގާއި ސުލޫކު ހިމެނޭ ގޮތަށް އޭގެތެރެއަށް އަޅުގަނޑުމެން އިންޓަގްރޭޓް ކުރުމަށް މަސައްކަތް ކުރާ ވާހަކަ ދަންނަވާލަން،އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މި ސަރުކާރުން ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ޚާއްސަ ސަމާލުކަމެއްދޭއިރު، ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގައުމީ ލޯބި ދަރުވަރުންގެ ހިތްތަކުގައި ދިރުވައި އާލާކުރުމަށް ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ގައުމީ ސަލާމުން ފައްޓަން ވެސް މި ސަރުކާރުން ނިންމިއެވެ.

comment ކޮމެންޓް