ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން މޮރިޝަސްއާ ފުށުއަރާ ކަމަށް ބުނާ އިން ވަކިކުރުމުގެ މައްސަލައިގައި ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދި ޚާއްސަ ރިޔާސީ ކޮމިޝަންގެ ރައީސް ހިމެނޭހެން، އެ ކޮމިޝަނުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
މި މަހުގެ އެއްވަނަ ދުވަހު އުފެއްދެވި މި ކޮމިޝަނަށް ބަދަލު ގެންނަވާފައި ވަނީ އުފެއްދިތާ ހަފުތާއެއްހައި ދުވަސް ތެރޭގައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ކޭސް ނަންބަރު 28 ގައި ރާއްޖެއިން އަމަލުކުރި ގޮތް ބެލުމަށް އެކުލަވައިލި މި ކޮމިޝަނަށް ނެރުއްވި އާ ރިޔާސީ ގަރާރުގެ ދަށުން، ކުރިން ރައީސްކަމުގައި ހުންނެވި ކަށިމާ އަހުމަދު ޝާކިރާއި މެންބަރު އަބްދުލްއަޒީޒު ޔޫސުފް ވަނީ ވަކިކުރައްވައިފައެވެ.
އެ ދެ ބޭފުޅުންގެ ބަދަލުގައި ކޮމިޝަނަށް އަލަށް އައްޔަންކުރެއްވީ ކެޕްޓަން އަހުމަދު ޒުބައިރު އަދި އާއިޝަތު ފަޒުނާ އަހުމަދެވެ. އަދި ކޮމިޝަނުގެ އާ ރައީސަކަށް ހަމަޖައްސަވާފައި ވަނީ، ފުރަތަމަ އެކުލަވާލިއިރު ވެސް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ޑރ. އަބްދުލްމުހުސިން މުހައްމަދެވެ.
މި ބަދަލުތަކާ އެކު ދެން ކޮމިޝަނުގައި ތިއްބަވާނީ ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) މުހައްމަދު ސޯދިގާއި، އަހުމަދު އަލީ މަނިކުގެ އިތުރުން ފާތިމަތު މިންހަތު އިއްޒަތެވެ.
ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ކޮމިޝަނާ މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން އެ ކޮމިޝަން ދެމިއޮންނާނެއެވެ.
ޗާގޯސްގެ ރަށްތައް -- ފޮޓޯ; އަލާމީރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިރާސާކުރި ބައިނަލްއަގުވާމީ މާހިރުންގެ ޓީމުން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އިޓްލޮސްގައި މައްސަލަ ހިނގަމުން ދިޔައިރު އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލި، މަސްވެރިކަމަށާއި ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، މި މައްސަލައިގައި ދައުލަތުގެ މުވައްޒަފުންނާއި މުޝީރުން އަދި ކަމާބެހޭ އިސްވެރިންގެ ފަރާތުން ގާނޫނީ އިހުމާލެއް ވެފައިވޭތޯ ބެލުމާއި، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ލަފާދިނުން މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު، އެ ސްޓޭންޑް ބަދަލުކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 22 އޮގަސްޓު 2022 ގައެވެ. އެ ސިޓީފުޅު މި ސަރުކާރުން ވަނީ 19 ޑިސެމްބަރު 2023 ގައި އާންމުކޮށްފައެވެ. ދެ ގައުމުގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ 95,563 އަކަކިލޯމީޓަރުގެ ސަރަހައްދު ބެހުމުގައި އިޓްލޮސްއިން ނިންމި ނިންމުމާ އެކު ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ވަނީ ކަނޑައަޅައިފައެވެ.
ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ ޒަމާނުއްސުރެ ދިވެހިން މަސްވެރިކަމަށް ގޮސް އުޅުނު، ދިވެހިރާއްޖެއާ ތާރީޚީ ގޮތުން ގުޅިފައިވާ ސަރަހައްދެކެވެ.
އިޓްލޮސްގެ ނިންމުމާ ގުޅިގެން ވެރިކަންކުރާ ޕީއެންސީން އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ އެ މުޅި ސަރަހައްދަކީ ރާއްޖެއަށް ހައްގުވާ ބައެއް ކަމަށާއި، ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.