ބައިޑެން ފޮތެއް ނެރުއްވަނީ، އެކަމު ވިދާޅުވަނީ ކެންސަރު ބައްޔާ ހަނގުރާމަކުރައްވާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސިއްހީ ހާލަތު ހުރިގޮތުން، އެމަނިކުފާނު ނެރުއްވުމަށް ހަމަޖެހިފައިވާ ހަނދާނީ ފޮތް (މެމޮއާ) ޕްރޮމޯޓްކުރުމަށް އުންމީދުކުރެއްވި ވަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގެންނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނިއުޔޯކް ޓައިމްސްގައިވާ ގޮތުން، އުމުރުފުޅުން 83 އަހަރުގެ ބައިޑަން ވަނީ މިދިޔަ އަހަރު ކަށިތަކަށް ފެތުރިގެންދިޔަ ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރަކަށް ފަރުވާ ހޯއްދަވަން ފައްޓަވާފައެވެ. އަދި ހަމުގެ ކެންސަރަށް އޮޕަރޭޝަން ކުރެއްވުމުގެ އިތުރުން ރޭޑިއޭޝަން ތެރަޕީ ވެސް އެ މަނިކުފާނު ވަނީ ނަންގަވާފައެވެ. ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަން ވިދާޅުވެފައިވަނީ ބައްޕާފުޅުގެ ހާލުކޮޅު ދެރަވަމުންދާ ކަމަށާއި، ވަރަށް ބޮޑަށް ތަދު އިހުސާސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ބައިޑަންގެ ވެރިކަމުގެ ދައުރާ ގުޅޭގޮތުން ލިޔުއްވި "ޕްރޮމިސް މީ، އެމެރިކާ" މި ފޮތް ލިޔުއްވަން ފެއްޓެވީ ކެންސަރު ބަލި ހުރިކަން އެނގުނު ހިސާބުން ކަމަށާއި، ބައްޔާ ހަނގުރާމަކުރައްވަމުން ޕަބްލިޝަރާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން ފޮތް ނިންމަވަން ބޮޑު ޕްރެޝަރަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ބައިޑަން ވިދާޅުވީ، ބައެއް ދުވަސްދުވަހު ހާލުކޮޅު ރަނގަޅުވި ނަމަވެސް ބައެއް ދުވަސްވަރު ހަރަކާތްތެރިވުން ލަސްވާ ކަމަށެވެ. އަދި އޭގެ ސަބަބުން އުންމީދުކުރެއްވި ވަރަށް ފޮތާ ގުޅޭގޮތުން ވާހަކަދެއްކެވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ނަމަވެސް، ފަރުވާއަށް ހަށިކޮޅު އިޖާބަދޭ މިންވަރާމެދު ޑޮކްޓަރުން އުންމީދު ގެއްލުވާނުލާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިޑަންގެ އުމުރާއި ސިއްޙީ ހާލަތާމެދު އެމަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު ވަރަށް ބޮޑަށް ބަހުސްކުރެވުނެވެ. ޚާއްސަކޮށް ޖޫން 2024 ގައި ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބޭއްވި ބަހުސްގައި ފެނިގެންދިޔަ ބަލިކަށިކަމަށްފަހު، އެމަނިކުފާނު ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ. ދަރިކަލުން ހަންޓަ ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި އެ ދުވަސްވަރު ވެސް އެމަނިކުފާނު ގެންދެވީ ނޭނގި ނަމަވެސް ކެންސަރުގެ ވޭން ތަހައްމަލު ކުރައްވަމުންނެވެ.

މިދިޔަ އަހަރު 10 މިލިއަން ޑޮލަރަށް ޙައްޤުތައް ވިއްކާލި މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު 17 ގައެވެ. މި ފޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއި، އަފްޣާނިސްތާނާއި ޔޫކްރެއިން ހަނގުރާމަ އަދި ޖެނުއަރީ ހައެއް، 2021 ގައި އެމެރިކާގެ ކެޕިޓަލްއަށް ދިން ހަމަލާގެ ވާހަކަތައް ހިމެނޭނެއެވެ.

ބައިޑަން ވިދާޅުވީ، މިއީ އެމެރިކާގެ ގައުމިއްޔަތާއި ދުނިޔޭގައި އެ ގައުމުގެ ދައުރާ ގުޅޭ ވާހަކަތަކެއް ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އެމެރިކާގެ ރައްޔިތުންނާއި ޑިމޮކްރަސީއަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރުގެ މައްޗަށް ކަމަށެވެ.

comment ކޮމެންޓް