އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަށިގަނޑަށް ކެންސަރު ފެތުރެނީ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން. ބައިޑަން އަށް ޖެހިފައިވާ ކެންސަރު ބަލި އަންނަނީ ހަށިގަނޑަށް ފެތުރެމުން. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރު އޭނާގެ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރި، ހާލަތު ގޯސް ކަމަށް ދަރިކަލުން ހަންޓާ ބައިޑަން ވިދާޅުވެއްޖެއެވެ.

ބީބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހަންޓާ ވަނީ އޭނާގެ ބައްޕަގެ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކައި އެއީ ބަލަން ވަރަށް ހިތާމަވެރި ކަމެއް ކަމަށް ސިފަކުރައްވައިފައެވެ.

"ކެންސަރު ކަށިތަކަށްވެސް ފެތުރިފައި ވަނީ. އެއީ ވަރަށް ވޭންދެނިވި ކަމެއް." ހަންޓާ ވިދާޅުވިއެވެ.

އުމުރުން 83 އަހަރުގެ ބައިޑަން އަކީ އެމެރިކާގެ ރައީސްގެ މަގާމު އަދާ ކުރެއްވި އެންމެ ދުވަސްވީ މީހާއެވެ. ސިއްޙީ ހާލުކޮޅާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، ބައިޑަން ވަނީ އެމެރިކާގެ ރިޔާސީ ރޭހުންވެސް ވަކިވެވަޑައިގެންފައެވެ.

ކެންސަރު ޖެހިފައިވާކަން ހާމަކުރެއްވީ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގެންނެވިތާ ހަތަރު މަސް ފަހުން މިދިޔަ އަހަރުގެ މެއި މަހުއެވެ.

އޭނާގެ އޮފީހުން އޭރު ބުނީ އޭނާގެ ކެންސަރު ޖެހިފައިވާކަން އެގުނުއިރު ހުރީ އެންމެ ސީރިއަސް ކެޓަގަރީ ކަމަށްވާ ސްޓޭޖް ފަހެއްގައި ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބައިޑަން ވަނީ ހަމުގެ ކެންސަރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ޕްރޮސްޓޭޓް ކެންސަރަށް ރޭޑިއޭޝަން ތެރަޕީއެއް ދިން ކަމަށްވެސް އޭނާގެ އޮފީހުން ބުނެއެވެ.

ސީބީއެސް ނިއުސްއަށް މިދިޔަ މެއި މަހު ދެއްވި އިންޓަވިއުއެއްގައި ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން ވިދާޅުވީ އެ ބަލި ޖެހިފައިވާކަން އާއިލާއަށް އެނގުމުން ލިބުނީ ޝޮކެއް ކަމަށެވެ.

ބައިޑެންއަށް ޖެހުނު ކެންސަރަކީ ވަރަށް ނުރައްކާތެރި ކެންސަރެއް ކަމަށާއި، ކެންސަރު ސެލްތައް ވަރަށް އަވަހަށް ހަށިގަނޑަށް ފެތުރިގެންދާ "ހައި ގްރޭޑް" ކެންސަރެއް ކަމަށް އިނގިރޭސިވިލާތުގެ ކެންސަރު ރިސާޗް ސެންޓަރާ ހަވާލާދީ ބީބީސީން މީގެކުރިންވެސް ރިޕޯޓުކޮށްފައިވެއެވެ.

ޕްރޮސްޓޭޓް ކެންސަރަކީ ހަމުގެ ކެންސަރަށް ފަހު، ފިރިހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ކަމަށް ކްލީވްލެންޑް ކްލިނިކުން ބުނެއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ކޮންމެ 100 ފިރިހެނުންގެ ތެރެއިން 13 ފިރިހެނުންނަށް އުމުރުގެ ކޮންމެ ވެސް ހިސާބަކުން ޕްރޮސްޓޭޓް ކެންސަރު ޖެހޭނެއެވެ. އަދި އުމުރަކީ އެ ބާވަތުގެ ކެންސަރު ޖެހޭ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެސް ސީޑީސީން ހާމަކުރެއެވެ.

ވެރިކަމުން ނާކާމިޔާބު ލިބިވަޑައިގެންފަހުން، ބައިޑެން އާންމުންނަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ.

ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވެސް ވަނީ ސިކުނޑީގެ ކެންސަރު ޖެހިގެން 2015 ވަނަ އަހަރު އަވަހާރަވެފައެވެ.

comment ކޮމެންޓް