'ކޭޕޮޕް ޑީމަން ހަންޓާސް'ގެ ތަރި އީޖޭ ހަނީމޫނަށް ރާއްޖެއަށް

ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ އީޖޭ، އޭނާގެ ފިރިމީހާ އަދި މިއުޒިކް ޕްރޮޑިއުސަރު ސެމިއުލް ކިމްއާއެކު ދެ މީހުންގެ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބައިނަލްއަގުވާމީ ގޮތުން މަގުބޫލުކަން ހޯދާފައިވާ "ކޭޕޮޕް ޑީމަން ހަންޓާސް"ގެ ތަރި އަދި ލަވަކިޔުންތެރިޔާ އީޖޭ، އޭނާގެ ފިރިމީހާ އަދި މިއުޒިކް ޕްރޮޑިއުސަރު ސެމިއުލް ކިމްއާއެކު ހަނީމޫންއަށް ރާއްޖެ އަތުވެއްޖެއެވެ. ކައިވެންޏަށްފަހު ދެމަފިރިން ރާއްޖޭގައި ހޭދަކުރަމުންދާ ހިތްގައިމު ވަގުތުތަކުގެ ޚާއްސަ މަންޒަރުތައް އީޖޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކާއެކު އޭނާ ބުނެފައިވަނީ، ދިވެހިރާއްޖޭގައި މި ހޭދަކުރެވުނީ ދުވަހަކު ވެސް ހަނދާނުން ފޮހެވިގެންނުދާނެ ފަދަ އުފާވެރި ތަޖުރިބާއެއް ކަމަށެވެ. އެގޮތުން އެ ދެމަފިރިން ޗުއްޓީ ހޭދަކުރި "ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު"ގެ ޓީމުން ދެއްކި ފުރިހަމަ މެހެމާންދާރީއަށާއި، މި ދަތުރުގެ ކޮންމެ ކަމެއް އެހާ ޚާއްސަކޮށްދިނުމަށް ކޮށްދިން މަސައްކަތްތަކަށްޓަކައި އޭނާ ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.

މި ފޮޓޯތަކުން ފެންނަ ގޮތުގައި ދެމަފިރިން ވަނީ ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކުގައި ވަގުތުތަކެއް ހޭދަކުރުމުގެ އިތުރުން، ސްނޯކްލިންގް ތަޖުރިބާކޮށް ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ބަލައިލުމާއި ލަގްޒަރީ ޔޮޓެއްގައި ދަތުރުކުރުމުގެ އުފާވެސް ހޯދާފައެވެ. މި މަންޒަރުތައް ފެނުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔައި، އެ މީހުންގެ ހަޔާތަށް ބާއްޖަވެރިކަމަށް އެދެމުންނެވެ. ވަކިން ޚާއްސަކޮށް، އިންސްޓަގްރާމް ސްޓޯރީތަކުން ފެނުނު މަޖާ އަދި ލޯބި ވަގުތުތަކަކީ ވަރަށް ހިތްގައިމު މަންޒަރުތަކެއްގެ ގޮތުގައި ސަޕޯޓަރުން ފާހަގަކުރިއެވެ.

އީޖޭ، އޭނާގެ ފިރިމީހާ ސެމިއުލް ކިމްއާ އެކު ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް

އީޖޭ އާއި ސެމިއުލް ކައިވެނި ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ދެކުނު ކޮރެއާގައެވެ.

ކައިވެނީގެ ހަފުލާއާ ބެހޭގޮތުން ޝުއޫރު ފާޅުކުރަމުން އީޖޭ ހާމަކުރި ގޮތުގައި، ކޮރެއާގެ ސަގާފީ އާދަކާދަތަކާއެކު ކައިވެނީގެ ކަންކަން ކުރިއަށް ގެންދެވުމަކީ މުޅި އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މީގެއިތުރުން ކައިވެނި ބޭއްވި ތަނަކީ އޭނާ ކުޑައިރު ކާފަ އާއި މާމަ ދިރިއުޅުނު ގެ ހުރި ބިން ކަމަށްވުމުން، އެ ހަފުލާއަކީ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ޚާއްސަ ހަފުލާއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ފެންވަރުގެ މަޝްހޫރު ފަންނާނުންނާއި ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އަބަދުވެސް އިންތިހާއަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން ހޮލީވުޑާއި ބޮލީވުޑްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުންނާބުއުސް ތަރިން އަބަދުވެސް ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކާއި އެކަހެރި ލަގްޒަރީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރެއެވެ.

comment ކޮމެންޓް