ގިނަ އަދަދެއްގެ ވޭޕާއި ޑްރަގާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް

ގިނަ އަދަދެއްގެ ވޭޕާއި ޑުރަގާއެކު ހައްޔަރުކުރުން: ތިން މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި -- ފޮޓޯ: ފުލުހުން

ދެ ކިލޯގެ މިންވަރާ ގާތްކުރާ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން އުމުރުން 25 އަހަރުގެ މުޙައްމަދު ނާހިލްއެވެ. މިއީ މި މައްސަލައިގައި މި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރުވަނަ ފަހަރެވެ.

މި މައްސަލައިގައި ފުރަތަމަ މި ތިން މީހުން ހައްޔަރުކުރީ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގައެވެ. އޭރު މަރިޔަމް ޢިޝާ އަޝްރަފާއި ހުސައިން ޝާވިންގެ ބަންދަށް ކޯޓުން ޖެހީ 15 ދުވަހެވެ. އަދި މުޙައްމަދު ނާހިލްގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. ނާހިލްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މިދިޔަ މަހުގެ އަށްވަނަ ދުވަހެވެ.

https://sun.mv/229321

އެއަށްފަހު އެ މުއްދަތު ހަމަވުމުން 30 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު މިދިޔަ މަހުގެ 19 ވަނަ ދުވަހު ބަންދުގެ މުއްދަތު 20 ދުވަހަށް އިތުރުކުރިއެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަނެއްކާވެސް އެ ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާއާއި ހެކިންގެ ބަޔާނުގެ އިތުރަށް، ރެންޓު އެގްރިމެންޓުގެ ކޮޕީއާއި ފިންގާޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސްގެ އިތުރުން އިންޓެލިޖެންސް ރިޕޯޓާއި ސީން އޮފް ކްރައިމް (ސޯކޯ) ރިޕޯޓު އަދި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ފެނުނު ތަނަކީ އެ ތިން މީހުންނާވެސް ގުޅުންހުރި ތަނެއް ކަމަށާއި މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ލިޔެކިޔުން ބަލައިގަތް ނަމަވެސް، ތަހުގީގު ކުރިއަށްގެންދެވޭނެ ކަމަށް ފެނޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އަވަސްކަމާއެކު ދައުވާ ކުރުމާއި ޝަރީއަތްކުރުމުގެ އަސާސީ ހައްގު ވީއެންމެ ބޮޑަކަށް ކަށަވަރުކޮށްދިނުމުގެ ގޮތުން، ވީހައިވެސް އަވަހަށް މައްސަލައިގެ ލިޔެކިޔުންޔުންތައް ޕީޖީ އޮފީހަށް ފޮނުވުން މުހިންމު ކަމަށް ދެކޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އީޝާއާއި ނާހިލްގެ ކޯޓު އަމުރުގައި އެމީހުން ތިބި ތަނުގައި ހާމައަށް މަސްތުވާތަކެތި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޝާވިން ގެ އަމުރުގައި އޭނާގެ ފިންގާ ޕްރިންޓު މަސްތުވާތަކެތި ހުރި ޕެކެޓުތަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ނިމިއްޖެނަމަ، އޭނާގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނާއި ހަވާލުކުރުމަށް ހުރަހެއް ނެތް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

https://sun.mv/226939

އެ އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެއެވެ.

comment ކޮމެންޓް