ބޮލީވުޑްގެ ތާރީޚު ދުށް އެންމެ ކާމިޔާބު ސުޕަސްޓާރުންނާއި މި ޒަމާނުގެ ޒުވާން އެކްޓަރުންގެ ވިސްނުމުގައި ހުރި ބޮޑެތި ފަރަގުތައް ފާހަގަކޮށް، ފިލްމު ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާން ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
ފަރާ ފާހަގަކުރި ގޮތުގައި، ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ފަދަ ލެޖެންޑަރީ ތަރިންނާއި މިހާރުގެ ޖީލާ ދެމެދު އޮތް އެންމެ ބޮޑު ތަފާތަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި މަސައްކަތުގެ މައިދާނުގައި އެކުގައި މަސައްކަތްކުރާ ޓީމަށް ކުރާ އިތުބާރެވެ. އަދި މި ޒަމާނުގެ އެކްޓަރުންގެ ކިބައިގައި މި މުހިންމު ސިފަ ނެތުމުގެ ސަބަބުން، އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ޑިޕާޓްމަންޓްތަކުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައި އަތްބާނަން މަސައްކަތްކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ނެހާ ދޫޕިއާ އާއި އަންގަދް ބޭދީގެ ވްލޮގަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ފަރާ ބުނީ، މިހާރުގެ އެކްޓަރުންނަށް ޑައިރެކްޓަރުންގެ ނިންމުންތަކަށް ފުރިހަމައަށް އިތުބާރުކުރަން ނޭނގޭ ކަމަށެވެ. އެގޮތުން ލަވަތަކުގެ ކޮރިއޮގްރަފީ އާއި މިއުޒިކް އުފެއްދުމުގެ މަރުހަލާތަކުގެ އިތުރުން ކާސްޓިންގެ ކަންކަމުގެ ތެރެއަށް ވެސް މިޒަމާނުގެ އެކްޓަރުން އަތްގަދަކުރަން ބޭނުންވާކަން އޭނާ ހިއްސާކުރިއެވެ. މިއީ އެ އެކްޓަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުން ދިމާވާ މައްސަލައެއް ކަމަށާއި އަމިއްލަ ހުނަރާއި މަސައްކަތަށް ފުރިހަމަ ޔަޤީންކަން އޮންނަ ނަމަ އެހެން މީހުންގެ މަސައްކަތަށް ފުރިހަމައަށް އިތުބާރު ކުރެވޭނެ ކަމަށް ފަރާ ވަނީ ބުނެފައެވެ.
ފަރާ ޚާން އިންޑިއާގެ މަޤުބޫލު އެކްޓަރު ޝާހްރުކް ޚާންއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާމި މޭރުމުން ވާހަކަ ކުރިއަށްގެންދަމުން ފަރާ ވަނީ 'މައި ހޫ ނާ' އަދި 'އޯމް ޝާންތި އޯމް' ގައި ޝާހްރުކް ޚާނާއެކު ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެ ޖީލުގެ ތަފާތު ސާފުކޮށްދީފައެވެ. އެގޮތުން ޝާހްރުކް ދުވަހަކު ވެސް ކާސްޓިން ފަދަ ޑައިރެކްޝަންގެ ނިންމުންތަކާ މެދު ސުވާލު އުފައްދާފައި ނުވާކަން ހާމަކުރަމުން ފަރާ ބުނީ، 'މައި ހޫ ނާ'ގެ ބަތަލާއަކަށް ސުޝްމިތާ ސެން ހަމަޖެއްސި ދުވަސްވަރަކީ އޭނާއަކީ މާ ބޮޑު ލީޑް ތަރިއެއްގެ ގޮތުގައި ނެތް ދުވަސްވަރެއް ކަމަށާއި، ބޮޑު ކޮންމެ ބަތަލާއަކުވެސް އެ ރޯލު ކުޅެން ތައްޔާރަށް ހުރި ނަމަވެސް ޝާހްރުކް އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރި ކަމަށެވެ.
ހަމައެއާއެކު، 'އޯމް ޝާންތި އޯމް'އަށް މުޅިން އާ މޫނެއް ހޯދުމުގެ ތެރޭގައި ދީޕިކާ ޕަދުކޯންގެ ފޮޓޯ ދެއްކުމުންވެސް، ފަރާގެ ނިންމުމަށް އިތުބާރުކޮށް އިތުރު އެއްވެސް ޝަކުވާއެއް ނެތި ޝާހްރުކް އެއްބަސްވިކަން ފަރާ ހަނދާން އާކުރިއެވެ.
ސުޕަސްޓާރެއްގެ ދަރަޖަ ހާސިލުކުރުމަށް ކޮންމެހެން ބޭނުންވާ ސިފަތަކާ ބެހޭގޮތުން ވާހަކަދައްކަމުން ފަރާ ބުނީ، އަމިއްލަ ނަފްސަށް އޮންނަ ސާބިތު އިތުބާރާއެކު ވަރުބަލިކަމެއް ނެތި ކުރާ ބުރަ މަސައްކަތަކީ އެ މަޤާމަށް ވާސިލުވުމުގެ އެންމެ މުހިންމު ތަޅުދަނޑި ކަމަށެވެ. މިގޮތުން އަމީތާބް ބައްޗަން، ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ފަދަ ފަންނާނުންނަކީ ކެރިއަރުގެ ފެށުމެކޭ އެއްފަދައިން މިއަދުވެސް އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތުގައި ދެމިތިބި ބައެއްކަން އޭނާ ފާހަގަކުރިއެވެ.
މި ވާހަކަތަކުގެ ތެރެއިން ފަރާ ޚާން ވަނީ މިހާރުގެ ތަރިން ގޮވައިގެން އުޅޭ ބޮޑެތި ޓީމުތައް ނުވަތަ 'އެންޓުއާޖް' ސަޤާފަތަށް ވެސް ފާޑުކިޔައި، އެ މީހުންނަކީ އެކްޓަރުން ވަށައިގެން ތިބޭ "މިނިއަންސް" ތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ މުޅި ބޮލީވުޑްގައިވެސް މިހާރު ވަރަށް ބޮޑަށް ހޫނުވެފައިވާ ބަހުސަކަށް ވާއިރު، ކަރަން ޖޯހަރް އަދި ޕްރިޔަދަރްޝަން ފަދަ ޑައިރެކްޓަރުން ވެސް ވަނީ މި ސަޤާފަތުގެ ސަބަބުން ފިލްމު އުފެއްދުމުގެ ބަޖެޓު އަތްނުފޯރާ ފަށަށް އުފުލި، މަސައްކަތުގެ މާހައުލަށް ދަތިތައް ކުރިމަތިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފަރާ އެންމެ ފަހުން ޑައިރެކްޓްކޮށް ސިނަމާތަކަށް ގެނެސްދިން ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި މަގްބޫލު އެކްޝަން-ކޮމެޑީ، "ހެޕީ ނިއު އިޔާ"އެވެ.