އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން، މާލެ ސިޓީ ކައުންސިލަށް މަހަކު ލިބޭ ފައިސާގެ ތެރެއިން 10 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ތަސްދީގު ކުރައްވައިފައެވެ. އެ ގާނޫނުގައި މާލެ ސަރަހައްދަށް ޚާއްސަ ބާބެއް ހިމެނޭއިރު، އެ ބާބުގެ 101 ވަނަ މާއްދާގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި، ހިންގުމަށް 'ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު' އުފައްދާނެ ކަމަށެވެ.
ތަސްދީގުކުރައްވާތާ މަހެއް ފަހުން އަމަލުކުރަން ފަށާ އެ ގާނޫނުގައި ބުނާ ގޮތުން، މާލެ ސަރަހައްދުގެ އުޅަނދުތަކާ ގުޅުންހުރި ފީތައް ކުރިއަށް އޮތް ތަނުގައި ޖަމާކުރަނީ އެ ފަންޑަށެވެ. އޭގެ ތެރޭގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ފީއާއި ލައިސަންސް ފީއާއި އުޅަނދުގެ އަހަރީ ފީއާއި މަލްޓިޕަލް އޯނަޝިޕާއި ގާނޫނާއި ގަވައިދާ ޚިލާފުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ހިމެނެއެވެ.
މީގެ ކުރިން، މާލެ ސަރަހައްދުގެ އުޅަނދު ފަހަރު ރަޖިސްޓްރީކުރުމުގެ ފީއާއި އަހަރީ ފީތައް ލިބެމުން އައީ މާލެ ސިޓީ ކައުންސިލަށެވެ.
އާޒިމް "ސަން"އަށް ވިދާޅުވި ގޮތުގައި، އެ އިސްލާހާއެކު ކައުންސިލަށް މަހަކަށް ލިބޭ އާމްދަނީގެ ތެރެއިން 10 މިލިއަން ރުފިޔާ ގެއްލޭނެއެވެ. އެ ފައިސާއަކީ، މިސްކިތްތައް މަރާމާތުކުރުމާއި ޕާކުތައް މަރާމާތުކުރުން ފަދަ ކަންކަމަށް ބޭނުންކުރާ ފައިސާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: ގާނޫނަށް ގެނައި ބަދަލާއެކު، ކައުންސިލަށް މަހަކަށް 10 މިލިއަން ރުފިޔާ ގެއްލޭ ކަމަށް އާޒިމް ވިދާޅުވި ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް"މިއަދު އެ ކަނޑާލުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ. މިސްކިތްތަކުގެ ފެން ބިލާއި ކަރަންޓު ބިލު ދެއްކުމާއި ކަންކަން ނުވާނެ. އިތުރަށް ދަތިތަކެއް މިއައީ،" މޭޔަރު ފާހަގަކުރެއްވިއެވެ.
އާޒިމް ސިފަކުރެއްވި ގޮތުގައި، ކައުންސިލަށް ލިބޭ އާމްދަނީ ސަރުކާރުން ކަނޑާލުމަކީ ވަރަށް ނާތަހަޒީބު ކަމެކެވެ. އަދި، މިއީ ރައްޔިތުން ބިކަކުރުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަކުރައްވާފައެވެ.
މި ކަމާ ގުޅިގެން މިހާތަނަށް ފިނޭންސް މިނިސްޓްރީގެ ބަހެއް ނުލިބެއެވެ.
އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގައި ވެސް އާޒިމް ވަނީ، އެ ކައުންސިލަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން ކަނޑާލައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަހު ވެސް ސަރުކާރުން ބްލޮކް ގްރާންޓުން 13 މިލިއަން ރުފިޔާ ކަނޑާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އާޒިމް ވަނީ، ސިޓީ ކައުންސިލުގައި ކުންފުނިތަކަށް ދައްކަން ޖެހޭ ބިލުތައް ހުރި ކަމަށާއި އެ ފައިސާ ދައްކަނީ، އެ ކައުންސިލަށް ލިބޭ އާމްދަނީންކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ފައިސާ ކަނޑަމުންދާތީ، މި މަހު މުސާރަ ދިނުމަށް ވެސް ބަޖެޓުގައި ފައިސާ ނުހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވި ގޮތުގައި މިދިޔަ މަހު ވެސް މުވައްޒަފުންނަށް މުސާރަ ދެވުނީ، ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުން ބައެއް ރައްކާކޮށްފައި އޮތުމުންނެވެ.
މޭޔަރު އެ ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ، މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް، މި ސަރަހައްދުގައި ދުއްވާ ހުރިހާ އުޅަނދެއްގެ އަހަރީ ފީ ލިބެނީ މާލެ ސިޓީ ކައުންސިލަށްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ވެހިކަލް ފީގެ ގޮތުގައި ސިޓީ ކައުންސިލަށް އަހަރަކު 150 މިލިއަން ރުފިޔާ ލިބޭ ކަމަށާއި ނަމަވެސް މަގުތައް މަރާމާތު ކުރުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެ ބޭފުޅުން [ސިޓީ ކައުންސިލް]ގެ މައްޗަށް މަތިވެފައި އޮތް ކަމެއް މަގުތައް ހެދުމާއި މިފަދަ ކަންކަން. އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން، ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަދީ ކަނޑާލާފައި، އެ ތަން ހަލާލުކޮށްލާފައި ދާއިރުގައި، އެ ތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީއެއް ވެސް. އަޅުގަނޑުމެން ސްޓޭންޑަޑެއް ހަދާފައި ފޮނުވައިފިން ކަނޑައިފި ކަމަށް ވަންޏާ ކަނޑަންވާނީ މިހެންނޭ. އެ ތަންތަން މަރާމާތު ކުރަންވާނީ މިގޮތަށޭ.“ މުއްތަލިބު ވިދާޅުވިއެވެ.
އެ ވާހަކަ ދައްކަވަމުން އެ ދުވަހު މުއްތަލިބު ވަނީ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ގޮވާލައްވައިފައެވެ.