އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގައި އީރާނާއެކު ކުރިއަށްދާ ހަނގުރާމައިގެ އަސަރު ފޯރާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިންތިޚާބުން ނުކުތް ހިތި ނަތީޖާގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މައްސަލަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާޚިލާފަށް އުފުލި، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ރައްޔިތުންގެ ނުރުހުން އުފެދުނު މުހިންމު ސަބަބެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރެއްވިއެވެ. ނަމަވެސް ތާރީޚީ ގޮތުން ބަލާއިރު އީރާނާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަކީ ގައުމީ ސަލާމަތަށްޓަކައި އަޅުއްވަންޖެހުނު ރަނގަޅު ނިންމެވުމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއާއެކު ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީން ހޯދާފައިވާއިރު، ޓްރަމްޕް ވަނީ ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވައި، ގައުމުގެ މަސްލަޙަތަށްޓަކައި އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމިގްރޭޝަން ފަދަ މުހިންމު ދާއިރާތަކުން ދެ ޕާޓީ ގުޅިގެން ހައްލުތަކެއް ހޯދިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ރަނގަޅު ގޮތުގައި އަމަލުކުރާނަމަ އެއްބަސްވުމެއްގައ އަލުން ސޮއިކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ ގައުމުން އިދިކޮޅު ހަރަކާތްތައް ކުރިއަށްދާނަމަ ހަނގުރާމަ ފުރިހަމައަށް ނިންމާލުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.