ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި ރޭ ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިޔާމް ވިދާޅުވީ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގަައި ދެންނެވުމުން، 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ފަހުން ރޭ އޭނާ ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. އަދި މިއަދު ވަނީ އޭނާގެ މައްޗަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
ޝާހިދު ރޭ ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އެއީ ޝަޚުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން ވަނީ ޝާހިދު ދިރިއުޅޭ ގެއަށް ގޮސް، އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އަބްދުއްﷲ ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި، އަދި ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތުގެ ކާމިޔާބު ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.