ވަޓްސްއެޕް މެސެޖުތަކުގައިވާ ނަންބަރާއި އެޑްރެސްތައް ފަސޭހައިން ހޯދޭ އާ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް މެޓާޢިން ފަށައިފިއެވެ. މިއީ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޗެޓުތަކުގައި ހުންނަ ފޯނު ނަންބަރާއި، އެޑްރެސް، އަދި ތާރީޚު ފަދަ މައުލޫމާތުތަކަށް ސީދާ ފަސޭހައިން އަމަލުކުރެވޭނެ ގޮތް ހަދައިދިނުމަށް "ސްމާޓް ޓެކްސްޓް އެކްޝަންސް" ގެ ނަމުގައި އިތުރުކުރާ ފީޗާއެކެވެ.
މި ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ އެންޑްރޮއިޑް އަދި އައިއޯއެސްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރާ މަދު ބަޔަކަށެވެ. ވަޓްސްއެޕުން މިކަން ރަސްމީކޮށް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، ޑަބްލިއުއޭބީޓާ އިންފޯ އިން ވަނީ މި ފީޗާ ބައެއް ޔޫޒަރުންނަށް ލިބެމުންދާކަން ރިޕޯޓުކޮށްފާއެވެ.
"ސްމާޓް ޓެކްސްޓް އެކްޝަންސް" ފީޗާގެ ސަބަބުން، ވަކިވަކި ޗެޓުތަކާއި ގްރޫޕް ޗެޓުތަކުގައި ފޮނުވާ އަދި ލިބޭ މެސެޖުތަކުގައި ހުންނަ ވަކި ހާއްސަ މައުލޫމާތުތަކެއް ވަޓްސްއެޕުން އަމިއްލައަށް ދެނެގަންނާނެއެވެ. އޭގެ ތެރޭގައި ފޯނު ނަންބަރު، ތާރީޚު، ވަގުތު، އީމެއިލް އެޑްރެސް އަދި ތަންތަނުގެ އެޑްރެސް ފަދަ މައުލޫމާތުތައް ހިމެނެއެވެ.
މެސެޖެއްގައި މިފަދަ މައުލޫމާތެއް ހިމެނޭނަމަ، އެ ލިޔުމެއްގެ ދަށުގައި ތިކިޖެހި ރޮނގެއް ދައްކާނެއެވެ. އެ ލިޔުމަށް ފިތާލުމުން ނުވަތަ މެސެޖަށް ފިތައިގެން ހުރުމުން، އެ މައުލޫމާތަކާ ގުޅޭގޮތުން ކުރެވިދާނެ ކަންކަމުގެ ޝޯޓްކަޓް މެނޫއެއް ޕޮޕްއަޕްގެ ގޮތުގައި ފެންނާނެއެވެ. މީގެ އިތުރުން، ވަޓްސްއެޕުން ދެނެގަނެފައިވާ މައުލޫމާތު ރަނގަޅުތޯ ބެލުމަށްޓަކައި އެ މެނޫގެ އެންމެ މަތީގައި އެ ލިޔުން ފެންނަން ހުންނާނެއެވެ.
މި ފީޗާ މެދުވެރިކޮށް، ފޯނު ނަންބަރެއްގައި ފިތާލުމުން އެ ނަންބަރު ކޮޕީކުރުން، ކޮންޓެކްޓަށް ސޭވްކުރުން ނުވަތަ ސީދާ ގުޅާލެވޭނެއެވެ. ތާރީޚާއި ވަގުތު ހިމެނޭ މެސެޖުތަކުން ކަލަންޑަރު އިވެންޓެއް ހެދުން ނުވަތަ ފޯނުގެ ކަލަންޑަރަށް އިތުރުކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އެޑްރެސްތަކުގައި ފިތާލުމުން ސީދާ މެޕްސް އެޕްލިކޭޝަން ހުޅުވޭއިރު، އީމެއިލް އެޑްރެސްތަކުން ފޯނުގެ ޑިފޯލްޓް އީމެއިލް އެޕް މެދުވެރިކޮށް ސީދާ އީމެއިލް ފޮނުވުމުގެ ޝޯޓްކަޓް ފެންނާނެއެވެ.
މީގެ ކުރިންވެސް މިފަދަ ބައެއް ކަންކަން ވަޓްސްއެޕްގައި ކުރެވުނު ނަމަވެސް، މިއީ މިއަށްވުރެ ތަރުތީބު އަދި ފަސޭހަ އިންޓަފޭސްއެކެވެ. މީގެ އިތުރުން، ދައްކާ ޝޯޓްކަޓްތަކަކީ ބޭނުންތެރި ޝޯޓްކަޓްތަކެއްތޯ ބަލައި، އެކަމާ ގުޅޭގޮތުން ފީޑްބެކް ދިނުމުގެ ފުރުސަތުވެސް ސްކްރީންގެ ތިރިން ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި ފީޗާގެ ސަބަބުން އާންމުކޮށް ކުރާ ޗެޓްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. މި ޝޯޓްކަޓްތައް ބޭނުންކުރަން ބޭނުންނުވާ ފަރާތްތަކަށް، ފާހަގަކުރެވިފައިވާ ލިޔުންތަކަށް އަޅާނުލައި އާންމުކޮށް ޗެޓް ކުރިއަށް ގެންދެވޭނެއެވެ. ވަޓްސްއެޕުން މި ފީޗާ ދޫކުރަމުން ދަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށްވާތީ، އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި މި ފީޗާ ލިބިގެންދާނެއެވެ.