އެންޑްރޮއިޑް ވަޓްސްއެޕް ބީޓާގެ ކޮންޓެކްޓްސްއަށް ޚާއްޞަ ޓެބެއް

ގޫގުލް ޕްލޭ ބީޓާ ޕްރޮގްރާމް މެދުވެރިކޮށް މި ފީޗާ މިހާރު ދަނީ ބީޓާ ޓެސްޓަރުންނަށް ފޯރުކޮށްދެމުން --

އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ ވަޓްސްއެޕް އެޕްލިކޭޝަންގެ ބީޓާ ވާޝަން ބޭނުންކުރާ ފަރާތްތަކަށް، މީހުންގެ މައުލޫމާތު ހޯދައި މެނޭޖްކުރުމަށް ޚާއްޞަ "ކޮންޓެކްޓްސް" ޓެބެއް ތަޢާރަފުކުރަން ފަށައިފިއެވެ.

މި އާ ފީޗާއާއެކު، އެޕްގެ ތިރީގައިވާ ނެވިގޭޝަން ބާގައި ކުރިން އިންނަ "ކޮމިއުނިޓީސް" ޓެބުގެ ބަދަލުގައި ދެން ފެންނާނީ މި ކޮންޓެކްޓްސް ޓެބެވެ.

މި ބަދަލު ގެނެސްފައިވަނީ އެންޑްރޮއިޑް ވަޓްސްއެޕް ބީޓާ ވާޝަން 2.26.45.2 ގައެވެ. ޑަބްލިއުއޭބީޓާ އިންފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޫގުލް ޕްލޭ ބީޓާ ޕްރޮގްރާމް މެދުވެރިކޮށް މި ފީޗާ މިހާރު ދަނީ މަދު ބީޓާ ޓެސްޓަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ބީޓާ ޔޫޒަރުންނަށް މި ފީޗާ ލިބެމުންދާނެ ކަމަށް ބެލެވޭއިރު، އާންމުކޮށް އެންމެންނަށް މި ފީޗާ ލިބޭނެ ވަކި ތާރީޚެއް ވަޓްސްއެޕުން އިއުލާނެއް ނުކުރެއެވެ.

މި އާ ކޮންޓެކްޓްސް ޓެބުގެ ސަބަބުން، ޗެޓްތައް ހުންނަ މައި ސްކްރީނަށް ނުގޮސް، ސޭވްކޮށްފައިވާ މީހުންގެ ލިސްޓު ބަލައި ސީދާ ވާހަކަދައްކަން ފެށުމުގެ ފުރުޞަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ. މި ޓެބުގެ އެންމެ މަތީގައި "ފޭވަރިޓްސް" އަށް ހެދިފައިވާ ކޮންޓެކްޓްތައް ފެންނަން ހުންނައިރު، އޭގެ ތިރިން ސޭވްކޮށްފައިވާ އެހެން ކޮންޓެކްޓްތައް ފެންނަން ހުންނާނެއެވެ.

މިފީޗާއިން މައި ސްކްރީނަށް ނުގޮސް، ސޭވްކޮށްފައިވާ މީހުންގެ ލިސްޓު ބަލައި ބޭނުން މީހަކަށް ގުޅައިލެވޭނެ ---

މި ލިސްޓުގައިވާ ކޮންޓެކްޓްތައް ތަރުތީބުކުރުމަށް ޚާއްޞަ އޮޕްޝަންތަކެއް ހިމެނެއެވެ. އެގޮތުން ނަމުގެ އަކުރުގެ ތަރުތީބުން (އަލްފަބެޓިކަލީ)، އުފަންދުވަހަށް ބަލައިގެން، ނުވަތަ އެކްޓިވިޓީއަށް ބަލައިގެން ލިސްޓު ތަރުތީބުކުރެވޭނެއެވެ. އެކްޓިވިޓީ ފިލްޓަރު ބޭނުންކުރުމުން އެވަގުތު އޮންލައިންކޮށް ތިބި މީހުން ލިސްޓުގެ ކުރިއަށް އަންނާނެއެވެ. އަދި އެފަރާތްތަކުގެ ނަން ކައިރީގައި ފެހި ކުލައިގެ ތިކިޖެހިފައި އިނދެއެވެ. މީގެއިތުރުން، އެހެން މީހުން ތަރުތީބުވާނީ އެމީހުންގެ ޕްރައިވެސީ ސެޓިންގްސް ހުރިގޮތެއްގެ މައްޗަށް ބިނާކޮށް "ލާސްޓް ސީން" ނުވަތަ އެންމެ ފަހުން އޮންލައިންވި ވަގުތަށެވެ.

މީގެއިތުރުން، މި އާ ޓެބުގައި މެޓާ އޭއައިއަށް ވަދެވޭނެ ޝޯޓްކަޓެއްވެސް ހިމެނިފައިވެއެވެ. އަދި ވަޓްސްއެޕް އިންވައިޓް ލިންކުތައް ހިއްސާކުރުމާއި، އިންސްޓަގްރާމް ފޮލޯވަރުން ވަޓްސްއެޕްގައި ވާހަކަދެއްކުމަށް އިންވައިޓްކުރުމުގެ ފުރުޞަތުވެސް މިއާއެކު ލިބިގެންދެއެވެ. އަދި ޓެބުގެ ތިރީގައިވާ ބަޓަނެއް މެދުވެރިކޮށް ނަން، ޔޫޒާނޭމް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން އާ ކޮންޓެކްޓްތައް އިތުރުކުރެވޭނެއެވެ. މީގެތެރެއިން ފޯނު ނަންބަރު ބޭނުންކޮށްގެން އިތުރުކުރާ ކޮންޓެކްޓްތައް ސީދާ ފޯނުގެ އެޑްރެސް ބުކަށް ސޭވްކުރުމުގެ އިޚްތިޔާރުވެސް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.

comment ކޮމެންޓް