ބޮޑު ޖަމާއަތުގައި ސިފައިން ކުރި ފަތިސްނަމާދާއެކު، 3 ނޮވެމްބަރުގެ ގާޑު މައުންޓުކުރުމާއި ދިދަ ޖެހުން ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން އެ މައިދާނުން އެދެކަނބަލުންނަށް، މަރުހަބާ ދަންނަވާފައިވަނީ މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް، ޙަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ނަޞްރުގެ ދުވަސް ވެސް ފަށާފައިވަނީ ބޮޑު ޖަމާޢަތުގައި ކުރި ފަތިސްނަމާދުންނެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ، ދިވެހި ރައްޔިތުންނަށާއި ދިވެހި ސިފައިންނަށް ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ރާއްޖޭގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅުނު ހިނދު ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި، ގައުމުގެ ހައްގުގައި ސިފައިން ކުރެއްވި މަތިވެރި ޖިހާދު ފާހަގަކުރައްވާ، މިކަންކަމުން އަޅުގަނޑުމެން އިބުރަތް ހާސިލުކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

މަޝްހޫރު ޝާޢިރު، އާދަމް ޙަލީމް ޢަދުނާން ލިޔުއްވާފައިވާ "ޝަހީދުންގެ ޒިކުރާ" މި ޅެމުގެ މައިގަނޑު ޙިއްސާކުރައްވައި ކުރެއްވި މި ޕޯސްޓުގައި ރައީސް ވަނީ މި ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުންއެދި ދުޢާކުރައްވާފައެވެ.

ނޮވެމްބަރު ތިނަކީ ފަހުގެ ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ. ސްރީލަންކާގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ އަދާވަތްތެރި ދުޝްމަނުންނެވެ.

ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށް ޓަކައެވެ. ނަމަވެސް، އަދާ ހަމައަށް މި ގައުމު މިނިވަންކަންމަތީ ދެމިއޮތުމުގެ އެންމެ ބޮޑު އަސްލަކީ އެދުވަހު ސިފައިން ކުރެއްވި މަތިވެރި ޖިހާދެވެ.

comment ކޮމެންޓް