ވޯލްޑް ކަޕްގައި ޕާފޯމްކުރި ސަންޖޯއީ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުން ފެންނާނެ

ފީފާ ވޯލްޑް ކަޕުގެ ރަސްމިއްޔާތުގައި ސަންޖޯއީ އާއެކު ނޯރާ އާއެކު ފްރާންސްގެ ރެޕަރު ވޭގްޑްރީމް--

ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބަންގްލަދޭޝްއަށް އުފަން އެމެރިކާގެ މަޝްހޫރު ޑީޖޭ އަދި މިއުޒިކް ޕްރޮޑިއުސަރު ސަންޖޯއީ މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްގައި މި މަހުގެ 5 އިން 17 އަށް ކުރިއަށްދާ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އޭނާ ފެނިގެންދާނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތުންނެވެ.

ވޯލްޑް ކަޕްގެ ސްޓޭޖުގައި ކެނެޑާގެ އާޓިސްޓް ނޯރާ ފަތޭހީ އަދި ފްރާންސްގެ ރެޕަރު ވޭގްޑްރީމްއާ އެކު ވިދާލި ސަންޖޯއީ ބުނިގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ޕާފޯމްކުރުމަކީ ލިބުނު ޝަރަފެއް ނަމަވެސް، އަމިއްލަ ގައުމުގެ ފަސްގަނޑުގައި މިފަދަ ބޮޑު ސަރަހައްދީ މުބާރާތެއްގެ ފެށުމުގައި ބައިވެރިވެ، ސަޕޯޓަރުންނަށް ފޯރިގަދަ ހުށަހެޅުމެއް ދައްކާލުމަކީ މުޅިން ތަފާތު އިހުސާސެއް ކަމަށޭވެ.

ކެޕްޝަން..

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ގިނަ ބަދަލުތަކަކާއެކު ފެނިގެންދާނެ މުބާރާތެކެވެ. ފީފާގެ ސަސްޕެންޝަނެއްގެ ސަބަބުން ނޭޕާލް މިފަހަރުގެ މުބާރާތުން ބާކީވެފައިވާއިރު، ޖުމްލަ 6 ގައުމެއް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް، ސްްރީލަންކާ އަދި ބޫޓާނެވެ. އަދި ދިވެހިރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މި މުބާރާތް 9 ފަހަރު ކާމިޔާބުކޮށްފައިވާ ވަރުގަދަ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނޮވެމްބަރު 5 އިން 11 އަށް ކުރިއަށްދާއިރު، ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމު ނޮވެމްބަރު 14 ގައި ބާއްވާ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތަށި ކާމިޔާބުކުރާ ގައުމެއް އެނގިގެންދާނީ ނޮވެމްބަރު 17 ވާ އަންގާރަ ދުވަހު ކުޅެވޭ ފައިނަލް މެޗުންނެވެ.

comment ކޮމެންޓް