ޢުމުރު ހަމަނުވާތީ ސްކޫލުގައި ގްރޭޑް ބަދަލުނުކުރެވުނު ކުއްޖެއްގެ އެސެސްމަންޓުތަކަށް ބަލައި އެ ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރު ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ކަނޑައެޅި ޢުމުރު ހަމަނުވާތީ، ޕްރީސްކޫލް ކުއްޖަކު ނާސަރީއަށް ބަދަލުނުކޮށް ރިޕީޓްކުރަން މިނިސްޓްރީން ނިންމުމުން، އެ ކުއްޖާގެ ބެލެނިވެރިޔާ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އެޑިއުކޭޝަން މިނިސްޓްރީއާ އެއްކޮޅަށް ނިންމި ނަމަވެސް، ހައިކޯޓުން ނިންމީ ކުއްޖާގެ ތޫނުފިލިކަމާއި އެސެސްމަންޓްތަކަށް ރިޢާޔަތްކޮށް، ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު ފަންނީ މިންގަނޑުތަކުން އަލުން ގޮތެއް ނިންމުމަށެވެ. އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ޙުކުމުގައި ފާހަގަކުރައްވާފައި ވަނީ ތަޢުލީމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކުދިން ވައްދާނެ ގްރޭޑް ކަނޑައަޅާފައިވަނީ ކުއްޖާގެ ޢުމުރަށް ބަލައިގެން ކަމަށްވުމާއި ތަޢުލީމީ ސިޔާސަތުތައް އެކުލަވާލައި ތަންފީޛުކުރުމުގެ ޤާނޫނީ ބާރު ލިބިގެންވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ކަމަށްވާއިރު، އެ ނޫން ގޮތަކަށް ޢަމަލުކުރަން ތަންފީޛީ އިދާރާއަކަށް ކޯޓުތަކުން އަމުރުނުކުރެވޭނެ ކަމަށެވެ.