ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ 21.8 ޕަސެންޓް އިތުރުވެ، 5.97 ބިލިއަނަށް އަރައިފި

ހުޅުމާލޭގެ ފިހާރަތަކެއް: ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ 21.8 ޕަސެންޓް އިތުރުވެ، 5.97 ބިލިއަނަށް އަރައިފި --- ފޮޓޯ/އެޗްޑީސީ

ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ 21.8 ޕަސެންޓް އިތުރުވެ، 5.97 ބިލިއަނަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 22ގެ ނިޔަލަށް، މި އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ވަނީ 33.36 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 31.60 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރު ލިބުނު އަދަދަކީ 5.6 ޕަސެންޓްގެ އިތުރުވުމެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 ޕަސެންޓް އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް ލިބުނު އަދަދު ވަނީ 5.7 ޕަސެންޓް އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 2.6 ޕަސެންޓް އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓު ފޮތް: މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ ވަނީ 21.8 ޕަސެންޓް އިތުރުވެފައި -- ފޮޓޯ/ މަޖިލިސް

އެ ތަފާސްހިސާބުގައިވާ ގޮތުން، އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުގެ ތެރެއިން، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ އާމްދަނީ ވެސް 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޯޕަރޭޓް އިންކަމް ޓެކްސް ކަމަށްވާއިރު، އެ ޓެކުހަށް 3.03 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން، އިމްޕޯޓް ޑިއުޓީ 11.0 އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

comment ކޮމެންޓް