މެޓާގެ ދަށުން ހިންގަމުން އަންނަ މެސެޖިން ޚިދުމަތް، ވަޓްސްއެޕްގެ ގްރޫޕް ޗެޓްތަކަށް އިތުރު ހަތަރު ފީޗަރެއް އަލަށް ތަޢާރަފުކޮށްފިއެވެ.
މިއީ ގްރޫޕްތަކަށް އަލަށް ގުޅޭ މެންބަރުންނަށް ކުރީގެ ވާހަކަތައް އޮޅުންފިލުވައިދިނުމަށާއި، ގްރޫޕްގެ ބައިވެރިން މެދުކެނޑުނު ހިސާބުން އަލުން ވާހަކަތައް ކުރިއަށްގެންދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރި ފީޗަރުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އައު އަދާހަމައާއެކު، ގްރޫޕް ޗެޓްތަކުގައި ހުންނަ މުހިންމު މެސެޖުތައް "ފޮއެވާ" ނުވަތަ ދާއިމީކޮށް ޕިންކޮށްފައި ބެހެއްޓުމުގެ ފުރުޞަތު މިހާރު ލިބިގެންދާނެއެވެ. ކުރިން ވަޓްސްއެޕްގައި މެސެޖެއް ޕިންކުރެވެނީ އެންމެ ގިނަވެގެން 24 ގަޑިއިރު، 7 ދުވަސް ނުވަތަ 30 ދުވަހުގެ މުއްދަތަށެވެ.
ދެވަނަ ފީޗަރެއްގެ ގޮތުގައި، ގްރޫޕަށް އަލަށް ގުޅޭ މެންބަރުންނަށް ގްރޫޕްގެ ކުރީގެ މެސެޖު ހިސްޓްރީ ފޮނުވައިދިނުމުގެ ޤާބިލުކަން ވަނީ ހިމަނާފައެވެ. ގްރޫޕް އެޑްމިން ނުވަތަ މެނޭޖަރުންނަށް އަލަށް ގުޅުނު މެންބަރުގެ ނަމަށް ފިތާލުމަށްފަހު ފަހުގެ މެސެޖުތައް ހިއްސާކުރެވޭނެއެވެ. އަދި މިގޮތަށް ހިއްސާކުރެވޭ މެސެޖުތަކަކީވެސް އެންޑް-ޓޫ-އެންޑް އެންކްރިޕްޓް ކުރެވިފައިވާ މެސެޖުތަކެއްކަމަށް ވަޓްސްއެޕުން ކަށަވަރުކޮށްދެއެވެ.
ފަހުން އިތުރުކުރި ހަތަރު ފީޗާއަކީވެސް ގްރޫޕްޗެޓްތަކަށް ޚާޢްޞާ ފީޗާތަކެއް --ކުރިން ގްރޫޕަށް މެންބަރުން އިތުރުކުރާ ވަގުތު އެކަނި މެސެޖު ހިސްޓްރީ ހިއްސާކުރެވުނު ނަމަވެސް، މި ބަދަލާއެކު ކުރިން ހިއްސާކުރަން ހަނދާންނެތުނު މެންބަރުންނަށްވެސް ފަހުން މެސެޖު ހިސްޓްރީ ފޮނުވައިދެވޭނެއެވެ. މީގެ އިތުރުން ގްރޫޕް ޗެޓްތަކުގައި ތިމާއަށް ޓެގްކޮށްފައިވާ ނުވަތަ މެންޝަންކޮށްފައިވާ މެސެޖުތައް އެކަނި ވަކިން ފިލްޓަރުކޮށްގެން ބަލާލެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.
ހަތަރުވަނަ ފީޗަރެއްގެ ގޮތުގައި ވަޓްސްއެޕުން ތަޢާރަފުކުރީ ގްރޫޕްގެ މެންބަރުންނަށް އެކަނި ފެންނާނެހެން "ގްރޫޕް ސްޓޭޓަސް" ހިއްސާކުރުމުގެ ފުރުޞަތެވެ. މި ސްޓޭޓަސްތައް ފެންނާނީ އެ ސްޓޭޓަސްއެއް ހިއްސާކުރުމަށް ޚާއްޞަކުރާ ވަކި ގްރޫޕެއްގެ މެންބަރުންނަށް އެކަންޏެވެ.
އާންމު ސްޓޭޓަސްތަކެކޭ އެއްފަދައިން 24 ގަޑިއިރު ތެރޭގައި މި ސްޓޭޓަސްތައް ގެއްލޭނެއެވެ. އަދި ގްރޫޕްގެ އިތުރު މެންބަރުންނަށް މި ސްޓޭޓަސްތަކަށް ރިއެކްޓްކޮށް، އަމިއްލަ ސްޓޭޓަސްތައް ވެސް އިތުރުކުރެވޭނެއެވެ.