އިންސާނާގެ ސިކުނޑިން މަޢުލޫމާތު ނަގައިގަންނަ ގޮތާއި އާދަތައް އަށަގަންނަ ގޮތް ރަނގަޅަށް ދެނެގަނެ، ކޮންމެ ދުވަހަކު ގެންނަ ކުދި އެހެން ނަމަވެސް މުހިންމު ބަދަލުތަކުން މުޅި ދިރިއުޅުމުގެ ދުޅަހެޔޮކަމަށް ބޮޑު ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ނިއުރޯސައިންޓިސްޓް ކުމާރު ބަގްރޯދިއާ ވިދާޅުވެއްޖެއެވެ.
ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ ގޮންޖެހުންތަކާ ސިކުނޑި ކުރިމަތިލާ ގޮތް ތަފްސީލުކޮށްދެއްވަމުން ބަގްރޯދިއާ ފާހަގަކުރެއްވީ، މާނަވީ ބޮޑު މަޤްސަދެއް ނުވަތަ އަމާޒެއް ދިރިއުޅުމުގައި އޮތުމަކީ ނަފްސާނީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެން ކޮންމެ ދުވަހަކު ނިންމާ ކުދިކުދި އާދައިގެ ނިންމުންތަކަކީ، ވަގުތު ފާއިތުވަމުންދާ ވަރަކަށް މުޅި މީހާގެ ވިސްނުމުގެ ވައްޓަފާޅި ނުވަތަ މައިންޑްސެޓް އެއްކޮށް ބައްޓަންކޮށްދޭ އަސާސީ ބާރު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިދުމުގެ ދަތިތަކަށް އަލިއަޅުއްވާލައްވަމުން، މިފަހަކަށް އައިސް މެލަޓޮނިން ފަދަ ނިދާ ބޭސްތަކަށް އާންމުން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ ބަގްރޯދިއާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ނުނިދުމަކީ ހަމައެކަނި ވަކިން ފެންނަން އޮތް ބައްޔެއް ކަމަށް ދެކިގެން ކޮންމެ ފަހަރަކު ބޭސް ގުޅައެއް ކައިލުމަކީ ދާއިމީ ހައްލެއް ގެނެސްދޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ސަމާލުކަން ދޭންވީ ނިދި ނައުމުގެ އަސްލު ސަބަބުތައް ކަމުގައިވާ ހާސްކަމާއި، ހާސްވެ މާބޮޑަށް ފިކުރުކުރުން ފަދަ ނަފްސާނީ މައްސަލަތައް ދެނެގަނެ އެކަންކަމަށް ފަރުވާ ހޯދުމަށެވެ.
ހަށިގަނޑުގެ ޤުދުރަތީ ގަޑި ނުވަތަ ސާކޭޑިއަން ރިދަމް ހަމައަކަށް އެޅުވުމަށްޓަކައި ހެނދުނު އަވީގައި ވަގުތު ހޭދަކުރުމާއި، ދުވާލު ދާ ވަރަކަށް ކޮންމެވެސް ވަރެއްގެ ކަސްރަތެއް ނުވަތަ ހަރަކާތްތެރިކަމެއްގައި ދެމިހުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވާ-- ފޮޓޯ/ ފޭސްބުކްއެއްވެސް ބޭހަކާ ނުލައި ޤުދުރަތީ ގޮތުން ނިދި ރަނގަޅުކުރުމަށްޓަކައި، ކޮންމެ މީހަކަށްވެސް ފަސޭހައިން ޢަމަލުކުރެވިދާނެ ސާދާ އުސޫލުތަކެއް އޭނާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ހަށިގަނޑުގެ ޤުދުރަތީ ގަޑި ނުވަތަ ސާކޭޑިއަން ރިދަމް ހަމައަކަށް އެޅުވުމަށްޓަކައި ހެނދުނު އަވީގައި ވަގުތު ހޭދަކުރުމާއި، ދުވާލު ދާ ވަރަކަށް ކޮންމެވެސް ވަރެއްގެ ކަސްރަތެއް ނުވަތަ ހަރަކާތްތެރިކަމެއްގައި ދެމިހުރުން މުހިންމެވެ.
ހަމައެއާއެކު ނިދުމުގެ ވަގުތު ކައިރިވުމުން ކެފެއިން އަދި އަލްކޮހޯލް ފަދަ ތަކެއްޗާ ދުރުހެލިވުމާއި، އެނދަށް ދިއުމުގެ ކުރިން ސްކްރީންތަކާއި ފޯނު އެއްފަރާތްކުރުމުގެ އިތުރުން، ނިދުމުގެ ކުރިން ނޭވާލުމުގެ ކަސްރަތުތައް ފަރިތަކުރުމަކީ ސިކުނޑި މަޑުމައިތިރިވެ އަރާމު ނިންޖަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
ބަގްރޯދިއާގެ ވާހަކަކޮޅު ނިންމަވާލައްވަމުން ދެއްވި މައިގަނޑު މެސެޖަކީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ދުވަހުން ދުވަހަށް ގެންނަ ދެމެހެއްޓެނިވި ކުދި ހެޔޮ ބަދަލުތަކަކީ، ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށް މުޅި ދިރިއުޅުމުގެ އުފާވެރިކަން އިތުރުކޮށްދޭ އެންމެ ވަރުގަދަ ވަސީލަތް ކަމެވެ.