މައްސަރު ދުވަސްވަރު މައިގްރޭންގެ ރިހުން ގަދަވަނީ ކީއްވެ؟

މައްސަރު ދުވަސްވަރު މައިގްރޭން ރިހުން ގަދަވުމުން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް-- ފޮޓޯ/ ހިންދުންސްތާން ޓައިމްސް

މައްސަރު ކަންތައް ޖެހުމާ ދިމާކޮށް ބަނޑު ފުފުމާއި، މޫޑު ގޯސްވުމާއި، ބަނޑުގައި ރިއްސުން ފަދަ އުނދަގޫތަކަކީ އަންހެނުންނަށް އާންމުކޮށް ކުރިމަތިވާ ކަންކަމެވެ. މީގެ އިތުރުން މި ދުވަސްވަރު ބޮލުގައި ގަދައަށް ރިއްސަން ފެށުމަކީ އާންމު ދިރިއުޅުމަށް ބޮޑު ހުރަހެއް އެޅި، އެތައް ތަކުލީފުތަކެއް އުފުލަންޖެހޭ މައިގަނޑު އެއް ސަބަބެވެ.

ސްޓްރެސްގެ ސަބަބުންނާއި ގިނަ ވަގުތު ސްކްރީންތަކަށް ބަލަން އިނުމުން ދޭތެރެއަކުން ބޮލުގައި ރިއްސި ނަމަވެސް، ކޮންމެ މަހަކުވެސް މައްސަރު ދުވަސްވަރާ ދިމާކޮށް ބޮލުގެ ރިހުން އިންތިހާއަށް ގަދަވާ މައިގަނޑު ސަބަބުތަކާއި އޭގެ ހައްލުތަކަށް ސިއްޙީ މާހިރުން ވަނީ އަލިއަޅުވާލައްވާފައެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ވޮކްހާޓް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. ޕްރަޝާންތު މަޚީޖާ ވިދާޅުވީ، ކޮންމެ މަހަކުވެސް އެއް ދުވަސްވަރެއްގައި ތަކުރާރުވާ މިފަދަ ބޮލުގެ ރިހުންތަކަކީ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. ޚާއްޞަކޮށް މައްސަރު ކަންތައް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހަށިގަނޑުގައި އެސްޓްރޮޖެން ހޯމޯން ހުންނަ މިންވަރު ކުއްލިއަކަށް ދަށްވެގެން ދިއުމަކީ، މައިގްރޭންގެ ވޭން ފެށުމަށް ނުވަތަ އެ ރިހުން އިތުރަށް ގަދަވުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

ސިއްހީ ގޮތުން "މެންސްޓްރުއަލް މައިގްރޭން"ގެ ގޮތުގައި ފާހަގަކުރެވޭ މި ހާލަތުގެ އަލާމާތްތައް އާންމު މައިގްރޭން އެޓޭކަކާ ވަރަށް އެއްގޮތެވެ. އޭގެ ތެރޭގައި ބޮލުގައި ވިންދު ޖަހާ ފަދަ ގަދަ ރިހުމެއް އުފެދުމާއި، މޭނުބައިކުރުމުގެ އިތުރުން އަލިގަދަ އަވި، އަލި ނުވަތަ ބާރު އަޑުތަކަށް ކެތްނުކުރެވުން ހިމެނެއެވެ. ނަމަވެސް އާދައިގެ މައިގްރޭންތަކާ އަޅާބަލާއިރު، މައްސަރު ދުވަސްވަރު ދިމާވާ މި ބާވަތުގެ ރިހުން ދިގުދެމިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައި، އޭގެ ވޭން ކޮންޓްރޯލް ކުރަން އުނދަގޫވާކަން ޑރ. މަޚީޖާ ފާހަގަކުރެއްވިއެވެ.

މައިގްރޭންތަކުން ސަލާމަތްވުމަށް މައްސަރު ކަންތައް ފެށޭ ތާރީޚާއި، ބޮލުގައި ރިއްސަން ފަށާ ވަގުތާއި، ރިހުން ދެމިހުންނަ މުއްދަތު އަދި ވޭން ހުންނަ މިންވަރު ކުރު ނޯޓެއްގެ ގޮތުގައި ބަލަހައްޓަމުން ދިއުމަކީ ވަރަށް މުހިންމު ކަމެއް-- ފޮޓޯ/ ހިންދުންސްތާން ޓައިމްސް

މައްސަރު ދުވަސްވަރު ކުރިމަތިވާ ކޮންމެ ބޮލުގެ ރިހުމަކީ ހަމައެކަނި މައިގްރޭންގެ ސަބަބުން ވާ ކަމެއް ނޫންކަން ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން މި ދުވަސްވަރު ރަނގަޅަށް ނިދި ނުލިބުމާއި، ބަނޑުގައި ގަދައަށް ރިއްސުމާއި، ގަޑިން ގަޑިއަށް ނުކެއުމުގެ އިތުރުން ނަފްސާނީ ސްޓްރެސްގެ ސަބަބުން ވެސް ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހޯމޯންގެ އަސަރުތަކުގެ އިތުރުން، އެކަށީގެންވާ ވަރަށް އަރާމުކުރުމާއި، ގިނައިން ފެން ބުއިމާއި އަދި ހަށިގަނޑަށް ލުއިފަސޭހަ ގޮތްތައް އިޚްތިޔާރުކުރުމަކީ މިފަދަ ބޮލުގެ ރިހުންތަކުން ދުރުހެލިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

މިފަދަ މައިގްރޭންތަކުން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމަ ކަމަކީ ރިހުން އުފެދޭ ގޮތް ވަރަށް ގާތުން މޮނިޓާކޮށް ބެލެހެއްޓުމެވެ. ޑރ. މަޚީޖާ ލަފާދެއްވާ ގޮތުގައި މައްސަރު ކަންތައް ފެށޭ ތާރީޚާއި، ބޮލުގައި ރިއްސަން ފަށާ ވަގުތާއި، ރިހުން ދެމިހުންނަ މުއްދަތުގެ އިތުރުން ވޭން ހުންނަ މިންވަރު ކުރު ނޯޓެއްގެ ގޮތުގައި ބަލަހައްޓަމުން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިގޮތަށް ރެކޯޑުކުރުމުން ކޮންމެ މަހަކުވެސް މައްސަރު ކަންތަކާ އެކު މި ރިހުން އެއްގޮތަކަށް ތަކުރާރުވާކަން ސާފުވެ، ޑޮކްޓަރެއްގެ ލަފާގެ މަތިން އެކަށީގެންވާ ރަނގަޅު ފަރުވާއެއް އެކުލަވާލުމަށް މަގުފަހިވެގެން ދާނެއެވެ. އެހެންކަމުން އަމިއްލައަށް ގޭގައި ބޭސްއެޅުމުގެ ބަދަލުގައި، އަދި އާންމު ދިރިއުޅުމަށް ބުރޫއަރާ މިންވަރަށް ރިހުން ބޮޑުވާނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުމަކީ ދުޅަހެޔޮ ސިއްހަތަކަށް އެންމެ ރައްކާތެރި ގޮތެވެ.

comment ކޮމެންޓް