އެކްސްޕޯއަށް ޒިޔާރަތްކޮށް، ދިރާގުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިހާރު ފެށިގެން ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގައި ހުންނަ ދިރާގުގެ "އެކްސްޕީރިއެންސް ސްޓޯލް"އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، އެންމެ ފަހުގެ އައިފޯނަކާއި ޗުއްޓީ ދަތުރު ހިމެނޭހެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

މި އެކްސްޕޯގައި ދިރާގުން ހުށަހަޅާފައިވާ ބޮޑެތި އިނާމުތަކުގެ ތެރޭގައި އެންމެ ފަހުގެ އައިފޯން 18 ޕްރޯ އަދި ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން، ކޮންމެ ދުވަހަކު ދޭ ޚާއްސަ އިނާމުތައް ވެސް ހިމެނޭކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއްނެތް ފައިބަރު ކަނެކްޝަނެއް ނަގާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯއެއް ލިބިގެންދާނެއެވެ. އަދި ދިރާގުގެ އޭއައި ކޯލް އެސިސްޓަންޓް "އައިވް"އަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް "އައިވް ޑޭޝް" ގޭމް ކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25 ޖީބީގެ ހިލޭ ޑޭޓާއާއެކު މައިފައި ޑިވައިސްއެއް ލިބޭނެ މަގުވެސް ދިރާގުން ވަނީ ފަހިކޮށްދީފައެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިރާގުގެ އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ޚިދުމަތްތައް ތަޖުރިބާކޮށްލުމުގެ އިތުރުން، އެކްސްޕޯއަށް ޚާއްސަ އަގުހުރި އޮފާތަކާއި ފައިދާތައް ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ޚާއްސަ ގޭމިން ހަރަކާތްތަކެއް ވެސް އެކްސްޕޯގައި ދަނީ ކުރިއަށް ގެންދަމުންނެވެ. ޑީ.ޖީ.ޖީގެ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި މަގުބޫލު އެފް.ސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމެނެއެވެ.

މީގެ އިތުރުން، ޖީ.ޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް މުޅިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ ދުވަހަކު ކަނޑައެޅޭ ވަކި ޗެލެންޖްތައް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް