އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓުގެ އެއްބަސްވުން ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނިކޮށް، އެ މަޝްރޫގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ކުރިއަށްގެންދާ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި އެ މަޝްރޫއާ ގުޅޭ ގޮތުން (ރިއަލް އެސްޓޭޓް ޓޫރިޒަމް) ޚާއްސަ ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެ ބިލު މަޖިލީހުން އާންމުންގެ ޚިޔާލާ މަޝްވަރާއަށް ހުޅުވާލާނެ ކަމަށާއި އެ މަޝްރޫއުގެ އެގްރިމަންޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއެއްގައި ބެލުމަށް ކޮމިޓީއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
އަލުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރު ގޮތެއްގައި ހިންގާ ސަރުކާރެއްގައި މިއަށްވުރެ ފުރިހަމައަކަށް މި ކަމެއް ނުކުރެވޭނެ. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި މަންދޫބުން ތިބި މަޖިލީހަކީ ރައްޔިތުންގެ މަޖިލީސް. އެހެންވީމަ ރައްޔިތުންނަށް އެ އޮތީ އެގްރިމަންޓު ފޮނުވިފައި،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެގްރިމަންޓު ފޮނުވާނެ ކަމަށާއި ބިލު ވެސް ގާނޫނަކަށް ވުމުގެ ކުރިން ރައްޔިތުންގެ ޚިލާޔާއި މަޝްވަރާއަށް ހުޅުވާލެވޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަން ކުރިއަށްދަނީ ވަރަށް ދެފުށްފެންނަ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމްގެ 'ނޭޝަންސް ޗެޓް' ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް އެމަނިކުފާނު ވަނީ މިހާރު ދެކެވޭ ވާހަކަތަކަކީ އިދިކޮޅު ސިޔާސީފަރާތްތަކުން އޮޅުވާލާ ދޮގާއި މަކަރު ހަދައިގެން ދައްކާ ވާހަކަތައް ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ބަދަލުކުރުމަކީ އެމަނިކުފާނަށް އެހާ މުހިންމު ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
އެމީހުންނަނީ ޒިންމާދާރު ބައެއް ނޫން. އެމީހުން ދައްކާ ވާހަކައަކާ ވެސް އަޅުގަނޑު ފަރުވާލެއް ނެތް. އަޅުގަނޑު އެމީހުންގެ ވާހަކަތައް ބަދަލުކުރުމަކަށް މަސައްކަތެއްވެސް ނުކުރާނަން. އަޅުގަނޑު ބޭނުންވަނީ ރަނގަޅު ގޮތާއި ނުބައިގޮތް ބަލައި، އޭގެތެރެއިން ރަނގަޅު ގޮތް ޚިޔާރުކުރާ ފިކުރުގެ ރައްޔިތުންނަށް، އެއީ އަޅުގަނޑު އެޑްރެސްކުރާ ބަޔަކީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވަނީ ރަސްމާލެ މަޝްރޫއަކީ އެއްވެސް ވަރަކަށް ރައޔިތުން ކަންބޮޑުވާންވި މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެ މަޝްރޫގެ ސަބަބުން ރައްޔިތުންނަށް ވާނީ ފައިދާ ކަމަށާއި ކުރު ގޮތަކަށް ވިދާޅުވާނަމަ، އެ މަޝްރޫއަކީ ރިސޯޓެއްގަ ކަންކަން އޮންނަ ފުޅާމިނަށްވުރެ ވެސް ލިމިޓެޑް މަޝްރޫއެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއަކީ، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމައިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއެވެ. ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއާއެކު، އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ.
އެހެންނަމަވެސް ރަސްމާލެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.