ދިވެހިރާއްޖޭގެ ކަނޑު ފަޅުތަކުގެ އެންމެ ޕަސެންޓެއް ވެސް އަދި ހިމާޔަތް ނުކުރެވޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީއާއި ތިމާވެށީ ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެ ދިރާސާތައް ހުށަަހަޅާފައި ވަނީ މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ޖަމިއްޔާގެ ފަރާތުންނެވެ.
އެ ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހާ ވިދާޅުވީ ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތައް އޮތް ނަމަވެސް ރާއްޖޭގެ ކަނޑުފަޅުގެ އެންމެ ޕަސެންޓެއް ވެސް އަދި ހިމާޔަތްކުރެވިފައި ނުވާ ކަމަށެވެ. ސައިންސްގެ އަލީގައި ބުނާ ގޮތުންނަމަ މަދުވެގެން 30 އިންސައްތަ ރަނގަޅަށް ހިމާޔަތް ކޮށްގެން ނޫނީ ގުދުރަތީ ތަންތަނުން ލިބެންޖެހޭ އިކޮލޮޖިކަލް ސާވިސް ނުވަތަ ހިލޭ ލިބޭ ޚިދުމަތްތައް ނުލިބޭނޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ކަނޑުގެ ހާލަތަށް ބަދަލުތައް އަންނަމުންދާކަން އެނގޭއިރުވެސް، އެތަށް އަހަރެއް ވެއްޖެ މި ބަދަލުތައް އަންނަމުންދާ ކަން އަހަރުމެންނަށް އެނގޭތާ. އެކަމަކުވެސް މަސްވެރިކަން މޮނީޓާ ކުރުމުގައި މޫސުމީ އަދި ދިރުންތަކުގެ މާހައުލާ ބެހޭ މައުލޫމާތު ނިޒާމީ ގޮތެއްގައި ބޭނުމެއް ނުކުރެވޭ،" ޝާހާ ކިޔައިދެއްވިއެވެ.
އޭނާ ވަނީ މަސްވެރިކަން މޮނިޓާކޮށް ބެލެހެއްޓޭނެ ވަރަށް ރަނގަޅު ނިޒާމެއް ރާއްޖޭގައި އެބައޮތް ކަމަށާއި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާ އެއްވަރަށް މަސްވެރިކަން ބެލެހެއްޓުން އެހާ ރަނގަޅަކަށް ކުރިއަކަށް ނުދާކަން ފާހަގަކުރައްވައިފައެވެ. އަދި މަސް އުޅޭ ސަރަހައްދުތައް ބަދަލުވި ނަމަވެސް މަސްބާނާ މިންވަރު ކަނޑައެޅުމުގައާއި ބެލެހެއްޓުމުގައި މޫސުމީ ބަދަލުތަކަށް ސީދާ ގޮތެއްގަ ރިއާޔަތް ނުކުރާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްވެރިކަން ބިނާވެފައި އޮންނަ ފަރުތަކާއި ކަނޑުތަކުގެ ދިރުންތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާ ވަމުންދެއެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސް އުޅޭ ސަރަހައްދުތަކަށާއި އާލާވާ މިންވަރަށް ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވިފާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގާހުދުވުމުން ފަރުތަކުގައި އުޅޭ ދިރުންތަކާ އެން އުޅޭ މާހައުލު ނެތިދިއުމުގެ ބިރު އެބައޮތް،" ޝާހާ އިތުރަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި، ދުނިޔޭގެ ތިލަ ސަރަހައްދުތަކުގައިވާ ގާތްގަނޑަކަށް ހުރިހާ ފަރެއް އެއްކޮށް ހަލާކުވެ، ނެތިދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިޔޫސީއެން) އިން ކުރި ދިރާސާއަކުން ވެސް ވަނީ އިންޒާރު ދީފައެވެ.