ދިރާސާ: ކުރިއަށް އޮތް 50 އަހަރުތެރޭ ދުނިޔޭގެ ހުރިހާ ފަރެއް ނެތިދާނެކަމުގެ އިންޒާރު ދީފި

ސްރީލަންކާގެ މުރަކަތަކެއް: އައިޔޫސީއެންގެ ދިރާސާއަކުން ވަނީ ފަރުތައް ކުރިއަށް އޮތް 50 އަހަރުތެރޭ ނެތިދިއުމުގެ އިންޒާރުދީފައި

ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި، ދުނިޔޭގެ ތިލަ ސަރަހައްދުތަކުގައިވާ ގާތްގަނޑަކަށް ހުރިހާ ފަރެއް އެއްކޮށް ހަލާކުވެ، ނެތިދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިޔޫސީއެން) އިން ކުރި ދިރާސާއަކުން އިންޒާރު ދީފިއެވެ.

ދުނިޔޭގެ ފަރުތަކުގެ ނިޒާމުގެ 96 ޕަސެންޓު މިހާރު ވަނީ ނެތިދިއުމުގެ އެންމެ ނާޒުކު ހާލަތުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދިރާސާގެ ނަތީޖާ ދައްކާގޮތުން އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ މުރަކަތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެކަމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަތައް ކުރިއަށް ވުރެ ގިނަވެ، ފަރުތަކުގެ ދިރުންތައް ދަނީ މަރުވަމުންނެވެ.

ގާ ހުދުވާން ދިމާވާ މައިގަނޑު އެއް ސަބަބަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިއުމެވެ. ދުނިޔެ ހޫނުވެ، އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ.

އައިޔޫސީއެންގެ ޑިރެކްޓާ ޖެނެރަލް ޑރ. ގްރެތެލް އަގުއިލާ އާ ހަވާލާދީ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން ފަރުތަކަކީ ކަނޑުގެ ދުޅަހެޔޮކަން ހާމަކޮށްދޭ އެންމެ މުހިންމު ރަމްޒެވެ. އެހެނީ، ކަނޑުގެ ދިރުންތަކުގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅެނީ ފަރުތަކުގައިކަމުން، މިތަންތަން ހަލާކުވެއްޖެނަމަ އެތަކެތީގެ ކާނާގެ އިތުރުން ގެދޮރާއި އެހެނިހެންވެސް ވަސީލަތްތައް ނެތިދާނެކަން، ޑރ. ގްރެތެލްއާ ހަވާލާދީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހުދުވެފައިވާ މުރަކަތަކެއް: އައިޔޫސީއެންގެ ދިރާސާއަކުން ވަނީ ފަރުތައް ކުރިއަށް އޮތް 50 އަހަރުތެރޭ ނެތިދިއުމުގެ އިންޒާރު ދީފައި --

ފަރުތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެފައިވީ ނަމަވެސް، ކުރިއަށްއޮތް ތަނުގައި އެތަކެތި ހިމާޔަތްކުރުމަށް އެެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރެވިއްޖެ ނަމަ، އެންމެ ނާޒުކު ހާލަތުގައި އޮތް 96 އިންސައްތަ، 24 އިންސައްތައަށް ދަށްކުރުމުގެ ފުރުސަތުވެސް އެބައޮތްކަން ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ފަރުތައް ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޑރ. މިޝަލް ގުޑްކާއާ ހަވާލާދީ ރިޕޯޓުގައި މިކަން ވަނީ އިތުރަށް ކަށަވަރުކޮށްދީފައެވެ. މިއީ މާޔޫސްވެ. ކަންބޮޑުވާންވީ ވަގުތުގެ ބަދަލުގައި މިކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތުކަމަށް ޑރ. މިޝަލްއާ ހަވާލާދީ، ރިޕޯޓުގައި ބުނެފައިވެއެވެ.

އައިޔޫސީއެން އިން މުރަކަ ފަރުތަކުގެ ނިޒާމުތައް ދިރާސާކުރުމުގެ އިތުރުން، އެ ޖަމިއްޔާގެ ނެތިދިއުމުގެ ބިރު އޮތް ދިރުންތަކުގެ ރެޑް ލިސްޓުގައި ހިމެނޭ، ފަރު ބިނާކުރާ 892 ބާވަތެއްގެ މުރަކައިގެ ހާލަތު ދާދި ފަހުން ވަނީ އަލުން ވަޒަންކޮށްފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މީގެ ތެރެއިން %44 ބާވަތަކީ ނެތިދިއުމުގެ ބިރު އޮތް ބާވަތްތަކެވެ. މި ދެ ދިރާސާއަކީ އެކަތި އަނެކައްޗަށް ބާރުދޭ، ގުޅިފައިވާ ދެ މަސައްކަތެކެވެ. އެގޮތުން އެއް ދިރާސާއަކުން ވަކިވަކި މުރަކައިގެ ބާވަތްތައް ނެތިދިއުމުގެ ނުރައްކާ ވަޒަންކުރާއިރު، އަނެއް ދިރާސާއިން ބަލަނީ މުރަކަ ފަރުތަކުގެ މުޅި ނިޒާމު ހަލާކުވެ، އޭގެ މުހިންމު ދައުރު ގެއްލިގެން ދިއުމުގެ ބިރު އޮތް މިންވަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް