ސިޔާސީ އިތުބާރުގެ ބޭނުން ހިފައި، އިގްތިސޯދީ އައު ފުރުސަތުތައް ފަހިކުރަންޖެހޭ: ޗައިނާ ސަފީރު

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދެ ގައުމުގެ ސިޔާސީ އިތުބާރުގެ މައްޗަށް ބިނާކޮށް ހުނަރުވެރި ޒުވާނުން އުފެއްދުމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ފައިދާހުރި ތަރައްގީގެ އާ ބިންގަލެއް އެޅުމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އިގުތިސާދީ ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އަދި އެ ކާމިޔާބު އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނަށްޓަކައި ދެ ގައުމުގެ މެދުގައި އާ "ރަމްޒީ އެކުވެރިކަމުގެ ބްރިޖެއް" އުފެއްދެވުމަށް ސަފީރު ވަނީ ގޮވާލައްވާފައެވެ.

ސަފީރުގެ ތަގުރީރުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ވެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވީ، ދެ ގައުމުގެ އިސްވެރިން ކަނޑައެޅުއްވި އިސްކަންދޭ ކަންކަމާއެކު ޓެކްނޮލޮޖީ ބަދަލުކުރުމާއި، އިންވެސްޓްމަންޓާއި، އަދި މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރުވެ އިގުތިސާދީ އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން އާ ފެންވަރެއްގެ އުފެއްދުންތެރި ބާރުތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީގެ އީޖާދުތަކުގެ ބޭނުންހިފައިގެން ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، އަދި ދަތުރުފަތުރުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ސޯލާ އަދި މައިކްރޯ-ގްރިޑް ހައްލުތައް ބޭނުންކޮށްގެން، ސަރުކާރުން ކަނޑައަޅާފައިވާ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ޗައިނާއިން އެހީތެރިވެދެވޭނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެ ގައުމުގެ ސިޔާސީ އިތުބާރުގެ މައްޗަށް ބިނާކޮށް ހުނަރުވެރި ޒުވާނުން އުފެއްދުމަށާއި، މި ފޯރަމްގެ މާހައުލުގައި ދެފަރާތުން އަމަލީ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް އޮތް ޖީލުތަކަށް ފައިދާހުރި ތަރައްގީގެ އާ ބިންގަލެއް އެޅުމަށް އެދިވަޑައިގަތެވެ.

"...ޚާއްސަކޮށް ޒުވާނުންގެ ހުނަރަކީ އާ ފެންވަރެއްގެ އުފެއްދުންތެރި ބާރުތަކުގެ މައިގަނޑު ސަބަބު. އަދި އަމަލީ ތަޖުރިބާއަކީ ހުނަރު ތަރައްގީކުރުމަށް އެންމެ އެކަށީގެންވާ މަގު. އަމަލީ މަޝްރޫއުތައް މެދުވެރިކޮށް، ޒުވާނުންގެ ހުނަރު ބިނާކޮށް، ފަހި، ނޫ އަދި ޑިޖިޓަލް އިގުތިސާދުތަކުގައި ކުރިއަށް އޮތް ޖީލުގެ ފަންނީ މާހިރުންނާއި އާ ވިޔަފާރިވެރިންނަށް ހެދުމަށް އެހީތެރިވާންޖެހޭ. މީގެ ސަބަބުން އެއްބާރުލުން ރާއްޖޭގައި ހަރުދަނާވެ، ރައްޔިތުންނަށް ފައިދާކޮށް، އަމިއްލައަށް ތަރައްގީވުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ،" ސަފީރުގެ ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވިއެވެ.

comment ކޮމެންޓް