މިދިޔަ ހަފުތާގައި ހިމަބިއްސަށް އެކަކު ވެސް ފައްސިއެއް ނުވޭ: އެޗްޕީއޭ

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖަހަނީ -- ފޮޓޯ/ އެޗްޕީއޭ

މިދިޔަ ހަފުތާގައި ހިމަބިހީގެ އެއްވެސް ވޭދަނައެއް މާލެ ސަރަހައްދުން ފެނިފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އެއްވެސް ވޭދަނައެއް ނުފެނެއެވެ. އޭގެ ކުރީ ހަފުތާގައި ހިމަބިއްސަށް މާލެ ސަރަހައްދުން އެކަކު ފައްސިވެގެން އެޗްޕީއޭއަށް ރިޕޯޓުކުރިއެވެ.

އެހެންކަމުން މިއަހަރުގެ މިހާތަނަށް 287 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިން މިދިޔަ ހަފުތާގައި އިތުރު 186 މީހަކު ޖަހައިފައިވެއެވެ. އެހެންކަމުން މި އަހަރު މިހާތަނަށް 16،689 މީހުން އެމްއާރު ވެކްސިން ޖަހައިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތައިލައިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭ ހިމަބިހި ފެތުރެން ފެށިއެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ވޭދަނަތައް ފެނުނު ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް