ބޮލީވުޑްގެ 'ކިންގް'ގެ ލަގަބު ހޯދާފައިވާ އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު 'ކިންގް'ގެ އައު ޕޯސްޓަރު އިއްޔެ އާންމުކުރުމާއެކު، ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށި، އާންމުންގެ ސަމާލުކަން އެއްކޮށް އެއަށް ހުއްޓިއްޖެއެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގެ ޕޯސްޓަރު ފެނިގެންދިޔަ ގޮތުން ގިނަ ބަޔަކު ވަނީ، މިއީ އެކްޓަރު ރަންވީރު ސިންގްގެ ކާމިޔާބު ފިލްމު 'ދުރަންދަރް: ދަ ރިވެންޖް'ގެ ޕޯސްޓަރާ އެއްގޮތްކޮށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ ސުވާލު އުފައްދަން ފަށައިފައެވެ.
ޢުމުރުން 60 އަހަރުގެ ޝާހްރުކް މި ޕޯސްޓަރުން ފެންނަނީ ނުރަ އިސްތަށިގަނޑަކާއި ތުނބުޅިއެއްގައި، ބާވެފައިވާ ލެދަރު ޖެކެޓަކާއި ގޮށް ނާޅުވާ ހުރި ގަމީހެއް ލައިގެން ވަރުގަދަ 'ރަފް' ލުކެއްގައެވެ. އަނދަމުންދާ މަތިންދާބޯޓެއްގެ ކުރިމަތީގައި، އެއް އަތުން ބަޑިއެއް ހިފައިގެން ހުރެ އޭނާ ހިނގާފައި އަންނަ މަންޒަރު ދައްކުވައިދޭ މި ފޮޓޯއަކީ އެތައް ބަޔަކު ހައިރާންކޮށްލި މަންޒަރެކެވެ.
ޝާހްރުކްގެ މި ނުރައްކާތެރި ސިފައަށް އޭނާގެ ސަޕޯޓަރުން އިންތިހާއަށް ތައުރީފުކުރި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ވަނީ މި ޕޯސްޓަރުގެ އޮރިޖިނަލިޓީއާމެދު ސުވާލު އުފައްދައި މަލާމާތް ރައްދުކޮށްފައެވެ. އެގޮތުން، ބޮކްސް އޮފީހުގައި 1،800 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ހޯދި 'ދުރަންދަރް'ގެ މަންޒަރުތަކާއި ވިޝުއަލް ސްޓައިލް ނަކަލުކޮށްފައިވާ ކަމަށް ބުނެ އެކްސްގައި މީހުން ޚިޔާލު ފާޅުކުރިއިރު، އަނެއް ބަޔަކު ވަނީ މިއީ "އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފެންވަރު ދަށް އުފެއްދުމެއް" ކަމަށް ސިފަކޮށްފައެވެ. މީގެއިތުރުން، މި ޕޯސްޓަރުން ފެންނަ އަލިފާނާއި މަންޒަރު ފަރުމާކޮށްފައިވާ ގޮތުގައި، ހޮންގްކޮންގްގެ މަޝްހޫރު އެކްޝަން ތަރި ޑޮނީ ޔެންގެ 2021 ވަނަ އަހަރުގެ ފިލްމު 'ރޭޖިންގް ފަޔަ'ގެ ކުލަވަރުތަކެއް އެކުލެވިގެންވާ ކަމަށްވެސް ބައެއް މީހުން ފާހަގަކުރިއެވެ.
ޝާހްރުކް ޚާން ފިލްމު "ކިންގް"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމި ފަދަ ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، ޝާހްރުކްގެ ފޭނުން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. އެމީހުން ބުނާ ގޮތުގައި މިއީ ބޮޑު ސްކްރީނުގައި ބެލުންތެރިން އެންމެ ބަލަން ބޭނުންވާ ފަދަ ޖޯޝުން ފުރިގެންވާ އަދި ވަރުގަދަ ސިފައެއްގައި ޝާހްރުކް ފެނިގެންދާ ފެށުމެކެވެ. އަދި މި ފިލްމު ސިނަމާތަކަށް އަންނަ ފުރަތަމަ ދުވަހުވެސް، އިންޑިއާގެ ނެޓް ކަލެކްޝަނުން އެކަނި 100 ކްރޯޑް ރުޕީސް ހޯދައި ތާރީޚީ ރެކޯޑެއް ގާއިމުކުރާނެ ކަމަށްވެސް އެ ފަރާތްތަކުން ޔަގީންކަމާއެކު ދަނީ ބުނަމުންނެވެ.
މި ޕޯސްޓަރު ހިއްސާކުރަމުން ޝާހްރުކް ލިޔެފައިވަނީ، އޭނާގެ 1990ގެ މަޝްހޫރު ފިލްމު 'ބާދްޝާހް'ގެ ޓައިޓަލް ލަވައިގެ ޖުމްލައެކެވެ.
މި އަހަރުގެ ޑިސެމްބަރު 24ގައި ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާ 'ކިންގް' އަކީ، ބޮލީވުޑް ތާރީޚުގައި ބޮޑު ކާމިޔާބީއެއް ހޯދި 'ޕަތާން' އަށްފަހު، ޝާހްރުކް އަދި ޑައިރެކްޓަރު ސިދާތު އާނަންދު އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މި ފިލްމު ވެގެންދާނީ ޝާހްރުކް އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންއާއެކު އެއް ސްކްރީނަކުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. މީގެއިތުރުން، ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރްޖީ ފަދަ ފަންނާނުންގެ ހުނަރުވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މިއީ 2023 ވަނަ އަހަރު ނުކުތް ކާމިޔާބު ތިން ފިލްމު ކަމަށްވާ 'ޕަތާން'، 'ޖަވާން' އަދި 'ޑަންކީ' އަށްފަހު ޝާހްރުކް ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ އެންމެ ފަހުން ފެނިފައިވަނީ، ފިރިހެން ދަރިފުޅު އަރިޔަން ޚާން ޑައިރެކްޓްކުރި އޯޓީޓީ ސީރީޒް 'ދަ ބޭޑްސް އޮފް ބޮލީވުޑް'ގެ ޚާއްޞަ މަންޒަރަކުންނެވެ.