ތެހެރާން (27 އޮކްޓޯބަރު 2026): ސައޫދީ އަރަބިއާ ދިފާއު ކުރުމަށްޓަކައި އެ ގައުމު އިސްކޮށް އޮވެގެން އުފައްދާފައިވާ ދިފާއީ އެއްބަސްވުން ނުވަތަ މައްކާ ޕެކްޓްގައި ހިމެނޭ ގައުމުތަކުގެ ދިފާއީ ވަޒީރުން އީރާންއަށް ޒިޔާރަތްކުރީ ހޫޘީން މައިތިރި ކުރުމަށް އީރާނުގެ އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި އެއްބަސްވުމުގައި ހިމެނެނީ ސައޫދީގެ އިތުރުން ޕާކިސްތާނާއި ތުރުކީއެވެ. މައްކާ ދިފާއީ ޕެކްޓްގެ ގައުމުތަކުގެ ދިފާއީ ވަޒީރުން މިދިޔަ އާދީއްތަ ދުވަހު ވަނީ މިސްރުގެ ދިފާއީ ވަޒީރު ވެސް ބައިވެރިކޮށްގެން ކުއާޓެޑްގެ ނަމުގައި ގްރޫޕެއް އުފައްދައި ތުރުކީގެ އިސްތަންބޫލްގައި ބައްދަލުކުރައްވައި މެދުއިރުމައްޗާއި ގަލްފުގައި އުފެދިފައިވާ ހަނގުރާމައާއި ތަޅާފޮޅުންތައް އަދި ނުރައްކާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ބަޔާނެއް ވެސް ނެރުއްވައިފައެވެ. މި ބަޔާނުގައި މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ހަމަޖެހުން ނަގާލައި ހަނގުރާމައާއި ތަޅާފޮޅުންތައް ކުރިޔަށް ގެންދާ މައިގަނޑު ދެފަރާތަކީ އިސްރާއީލާއި ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތްކަން ވަނީ ހާމަކޮށްފައެވެ.
އެއަށްފަހު މައްކާ ޕެކްޓްގައި ހިމެނޭ ތިން ގައުމުގެ ދިފާއީ ވަޒީރުން ކުއްލިގޮތަކަށް ވަނީ އީރާނަށް ވަޑައިގެން އީރާނުގެ ދިފާއީ ވަޒީރާއި އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލިސްގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވައިފައެވެ. ރިޕޯޓްތައް ބުނާގޮތުން މައްކާ ޕެކްޓްގެ ދިފާއީ ވަޒީރުން އީރާނަށް ވަޑައިގެން އީރާނުގެ މަސްއޫލުވެރިންގެ ކިބައިން އެދިވަޑައިގަތީ ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުގެ ހަމަލާތައް ސައޫދީ އަށް އަމާޒުވާތީ އެކަން ހުއްޓުވައިދިނުމުގައި އީރާނުގެ އެހީތެރިކަމަށެވެ.
މައްކާ ޕެކްޓްގެ ދިފާއީ ވަޒީރުން އީރާނުގައި އީރާނުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވަނީ --އީރާނުގެ މީޑިއާ ބުނާގޮތުން ރައްދުގައި އީރާން ވަނީ ޙޫޘީންނާއި ސައޫދީއާ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ދެ ފަރާތް މަޝްވަރާގެ މޭޒަށް ދިޔުމުގެ މުހިއްމުކަން މައްކާ ޕެކްޓްގެ ދިފާއީ ވަޒީރުންނަށް ފާހަގަ ކޮށްދީފައެވެ. މިގޮތުން ހޫޘީންނާއި ސައޫދީން ސުލްހައިގެ މޭޒު ދޮށަށް ގޮސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިކަމަށް މަގުފަހިކުރުމަށް މަސައްކަތް ކޮށްދޭނެކަން އީރާނުގެ މަސްއޫލުވެރިން މައްކާ ޕެކްޓްގެ ދިފާއީ ވަޒީރުންނަށް ދެއްވި ކަމަށް ވެއެވެ.
މީގެއިތުރުން މައްކާ ޕެކްޓްގެ ގައުމުތަކާއި އީރާން ގުޅިގެން ގަލްފުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭގޮތުން ވެސް މައްކާ ޕެކްޓްގެ ގައުމުތަކުން އީރާނަށް ހުށަހެޅުންތަކެއް ވެސް ހުށަހެޅި ކަމަށް ވެއެވެ. އީރާނުގެ މީޑިއާ ބުނާގޮތުން އީރާނުގެ މަސްއޫލުވެރިން ވަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ދެން ގަލްފުގައި އަސްކަރީ ގޮތުން ފައިހަރުކުރުމުގެ ފުރުސަތު އީރާނުން ނުދޭނެއެވެ. ނަމަވެސް ބޭރުގެ ބާރުތަކާ ނުލައި ސަރަހައްދުގެ ގައުމުތައް ގުޅިގެން ގަލްފުގެ އަމަނާއި ސުލްހަ އަދި ސެކިއުރިޓީ ބެލެހެއްޓުމަށް ކުރާ ކޮންމެ މަސައްކަތަކަށް ތަރުހީބުދީ އެކަމަށް އީރާނުން އެއްބާރުލުން ދޭނެކަން މައްކާ ޕެކްޓްގެ ދިފާއީ ވަޒީރުންނަށް އީރާނުގެ މަސްއޫލުވެރިން ވަނީ ދަންނަވައިފައެވެ.
ގަލްފުގެ ގައުމުތަކަކީ އެމެރިކާގެ ޒަމާނީ ހަތިޔާރުތައް އިންތިހާއަށް ހުރި ގައުމުތަކެއް ނަމަވެސް އެ ގައުތަކަކީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގާބިލްކަން ހުރި ގައުމުތަކެއް ނޫނެވެ. އެކި ހާލަތްތަކުގައި މިކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. ނަތީޖާއެއްގެ ގޮތުން ގަލްފުގެ އަރަބި ގައުމުތައް ހިމާޔަތް ހޯދައިގެން އުޅެނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ކިބައިންނެވެ.
މައްކާ ޕެކްްޓްގައި ހިމެނޭ ސައޫދީ ގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އީރާނަށް ވަޑައިގަތުމުން އީރާނުގެ ދިފާއީ ވަޒީރު އޭނާއަށް މަރުހަބާ ދަންނަވަނީ --މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ އެމެރިކާއަށް ގަލްފުގެ ގައުމުތައް ހިމާޔަތް ނުކޮށްދެވޭ މައްސަލައެވެ. އެމެރިކާގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކަށް ދިން ހަމަލާތައް ވެސް އެމެރިކާއަށް ދިފާއު ކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އުރުދުންގައިވާ އެމެރިކާގެ ބޭސްތައް ވެސް އީރާނުގެ ހަމަލާތަކުގައި ވަނީ ހަލާކުވެފައެވެ. މިކަން އެމެރިކާގެ ރިޕޯޓްތަކުން ވެސް ވަނީ ހާމަވެފައެވެ.
ބަހްރައިންގައި ހުރި އެމެރިކާގެ ސެންޓްކޮމްގެ މައި މަރުކަޒު ވެސް އީރާނުގެ ހަމަލާތަކުގައި ހަލާކުވެ ބިމާ ހަމަވުމުގެ ސަބަބުން، ސެންޓްކޮމްގެ މައި މަރުކަޒުގެ ގޮތުގައި މިހާރު އެމެރިކާ ބޭނުންކުރަނީ ފޯޅަވަހީގައި އެމެރިކާ ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ގަލްފުގެ ގައުމުތަކަށް ކުރިމަތިވެފައި މިވަނީ އާދައިގެ މައްސަލައެއް ނޫނެވެ. އެއީ އެ ގައުތަކަކީ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގާބިލްކަން ހުރި ގައުމުތަކެއް ކަމަށް ނުވާއިރު އެމެރިކާއަކީވެސް އެގައުމުތައް ހިމާޔަތްކޮށް ދިނުމުގެ ގާބިލްކަން ހުރި ގައުމަކަށް މިހާރުނުވެއެވެ. މިއީ ގަލްފުގެ ގައުމުތަކުގެ ވުޖޫދާ ހަމަޖެހުމާއި ގުޅިފައިވާ ހައްސާސް މައްސަލައެވެ. ގަލްފުގެ ގައުމުތައް ވަނީ ނަން ހުސްކޮށް އެ ގައުމުތަކުގެ ދިފާއުގައި އެހެން ގައުމުތަކާއެކު ދިފާއީ އެއްބަސްވުންތަކުގައި ސޮއިކޮޮށްފައެވެ.
މައްކާ ދިފާއީ ޕެކްޓް އަކީވެސް މީގެ އެއް އެއްބަސްވުމެވެ. ކުރިން ޖަޒީރާ އައްޑަނައިގެ ނަމުގައިވެސް ގަލްފުގެ 6 ގައުމުންވަނީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސް ގެ ނަމުގައި ސައޫދީ އިސްކޮށް އޮވެގެންވެސް ވަނީ އެތަށް ގައުމަކާއެކު ދިފާއީ އެއްބަސްވުމެއް ހަދައިފައެވެ. މީގެއިތުރުން ގަލްފުގެ ކޮންމެ ގައުމަކުންވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކާއެކު ބައިލޭޓަރަލްކޮށް ދިފާއީ އެއްބަސްވުންތައްވަނީ ގާއިމްކޮށްފައެވެ. އަދި ހޫޘީންނާ ހަނގުރާމަ ކުރުމަށްޓަކައި އަރަބް ކޯލިޝަންގެ ނަމުގައިވެސް ސައޫދީ އިސްކޮށް އޮވެެގެން ކޯލިޝަނެއްވެސްވަނީ އުފައްދައިފައެވެ. ނަމަވެސް ގަލްފުގެ ގައުމުތައް ހިމާޔަތްކޮށް ދިނުމުގައި މިހުރިހާ ޕެކްޓްތަކާއި އެލަޔަންސްތަކާއި އެއްބަސްވުންތަކާ އަދި އެމެރިކާގެ ހިމާޔަތާއެކުގެސް މާބޮޑު ނަތީޖާއެއް ނުނެރެވެއެވެ.
ސައޫދީގެ ދިފާއުގައި މަސައްކަތްކުރާ މައްކާ ޕެކްޓްގައި ހިމެނޭ ގައުމުގެ ދިފާއީ ވަޒީރުން އީރާނަށް ވަޑައިގެން ހޫޘީންގެ ހަމަލާތައް ހުއްޓުވައި ދިނުމަށް އީރާނުގެ ކިބައިން އެދޭނީ އެހެންގޮތެއް ނެތިގެންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ހޫޘީން ސައޫދީ އަށް ދޭ މިސައިލް ހަމަލާތައް ސައޫދީގެ އެއާޕޯޓްތަކަށާއި ތެލުގެ މަރުކަޒުތަކަށް އަރައި މީހުން މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ސައޫދީއަށް ދަނީ ލިބެމުންނެވެ. ހަމަލާތައް ހުއްޓާލުމަށް ހޫޘީން ހުށަހަޅާ ޝަރުތަކީ ސައޫދީ ފައިޓާޖެޓްތަކުން ޔަމަނަށް ދޭ ހަމަލާތައް ހުއްޓާލުމާއި ޔަމަން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމާއި ހިސާރުގެ ފިޔަވަޅުތައް އުވާލުމެވެ.
ދެފަރާތުގެ ހަމަލާތަކުގެ ސަބަބުން ޔަމަންގެ އެތަށް މިލިޔަން ބަޔަކުވަނީ ހާލުގައި ޖެހިފައެވެ. މީގެތެރޭގައި ކާބޯތަކެތި ނުލިބި ހައިހޫނުކަން ތަހައްމަލް ކުރަން ޖެހިފައިވުމާއި ގެދޮރުގެއްލުމާއި ތައުލީމާއި ސިއްހަތުން މަހުރޫމްވެ ބަލިތަކުގެ ޝިކާރައަކަށް ޔަމަންގެ އެތަށް މިލިޔަން ބަޔަކުވެފައިވުން ހިމެނެއެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.