އިސްރާއީލާއި ހޫޘީން ކުށްވެރިކޮށް އިސްލާމީ 4 ގައުމަކުން ބަޔާނެއް ނެރެފި

ކުއާޓެޑް ގެ ޚާރިޖީ ވަޒީރުން އިސްތަންބޫލްގައި ބައްދަލުކުރައްވަނީ

އިސްތަންބޫލް (25 އޮކްޓޯބަރު 2026): މެދުއިރުމައްޗާއި ގަލްފުގައި އުފެދިފައިވާ ހަނގުރާމައާއި ތަޅާފޮޅުމާއި ނުރައްކާތަކުގެ އަސާސީ މަސްދަރަކީ ޔަހޫދީ އިސްރާއީލުކަމަށާ ދެން އޮތް އެންމެ ބޮޑު ނުރައްކަލަކީ ޔަނަމްގައި ވެރިކަންކުރާ ހޫޘީ ޖަމާއަތް ކަމަށް މިސްރު، ޕާކިސްތާން، ތުރުކީ އަދި ސައޫދީ އަރަބިޔާއިން ބުނެފިއެވެ.

"ދަ ކުއާޓެޑް" ގެ ނަމުގައި މި ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ތުރުކީގެ އިސްތަންބޫލްގައި ބައްދަލު ކުރައްވައި މެދުއިރުމައްޗާއި ގަލްފުގައި އުފެދިފައިވާ ހަނގުރާމައާއި ތަޅާފޮޅުންތަކާ އަދި ނުރައްކާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި އިސްރާއީލަކީ ސަރަހައްދަށް އޮތް ނުރައްކަލެއްކަމަށް ބަޔާން ކުރުމުގެ އިތުރުން މިހުރިހާ މައްސަލަތަކާއި ނުރައްކާތަކެއްގެ އަސާސީ މަސްދަރަކީ ޔަހޫދީ އިސްރާއީލު ކަމަށް ވަނީ ބުނެފައެވެ. މި ބަޔާނުގައި އިސްރާއީލު ގެންދަނީ ސަރަހައްދުގައި ހަމަނަނުޖެހުން އުފައްދައި ފަލަސްތީނު މީހުންނަށް އަނިޔާކޮށް އަމިއްލަ ވަޒަނުން ފަލަސްތީނު މީހުން ނެރުމަށް ޣައިރު ގާނޫނީ އަދި ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން ކަމަށް ވެސް ބުނެފައިވެއެވެ.

އިސްރާއީލުގެ ސިޔާސަތުގެ ސަބަބުން ފަލަސްތީނު މީހުން އެމީހުންގެ އަމިއްލަ ވަޒަނުގައި ހައްގުތައް ގެއްލި ނިކަމެތިވެ އަނިޔާލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން އިސްރާއީލު ގެންދަނީ އަވަށްޓެރި ގައުމުތަކަށްވެސް އިސްވެ ހަމަލާދީ އުދުވާން ހިންގައި ތަންތަން ހިފައި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހަމުންކަންވެސް ފާހަގަކޮށްފައިވެއެވެ. މިހުރިހާ ކަންކަމާއެކުވެސް އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ނިންމުމެއް ކުއާޓެޑްގެ މި ހަތަރު ގައުމުން ނިންމާފައެއް ނުވެއެވެ. ހަމައެކަނި ގޮވާލާފައި ވަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް ދިނުމަށެވެ. ދައްކާފައި ވަނީ ފަލަސްތީނުގެ ދައުލަތަކާ ނުލައި މެދުއިރުމައްޗަށް ހައްލު ނުގެނެވޭނެ ކަމުގެ ކުރީގެ ވާހަކަތަކެވެ.

އިސްލާމީ މި ހަތަރު ގައުމުގެ ތެރެއިން މިސްރާއި ތުރުކީ އަކީ އިސްރާއީލަކީ ދައުލަތެއް ކަމަށް އިއުތިރާފްވެ އިސްރާއީލާއެކު ފާޅުކަން ބޮޑު ގޮތެއްގައި ޑިޕްލޮމެޓިކް، އިގްތިސާދީ އަދި ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުން ގެންދާ ދެގައުމެވެ.

ކުއާޓެޑްގެ މި ހަތަރު ގައުމުން ނެރުނު ބަޔާނުގައި އިސްރާއީލުގެ އިތުރުން ދެން ސަރަހައްދަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޔަމަންގައި ވެރިކަން ކުރާ ޙޫޘީ ޖަމާއަތެވެ. ހޫޘީން ގެ ލަޝްކަރުތަކުން ސައޫދީއަށް ދެމުންގެންދާ ހަމަލާތަކަކީ އުދުވާނީ ހަަމަލާތަކެއްކަމަށް ސިފަކޮށް މި ބަޔާނުގައި އެހަމަލާތައްވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ނަމަވެސް ސައޫދީން ޔަމަނަށް ދޭ ހަމަލާތަކަށް މިބަޔާނުގައި އިޝާރާތް ކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އީރާންއާ ދެކޮޅަށް އެމެރިކާ އިސްވެ އުދުވާނީ ހަނގުރާމައެއް ފަށާފައިވާކަންވެސް ފާހަގަނުކޮށް މިބަޔާނުގައި ފާހަގަކޮށްފައިވަނީ އީރާނުން ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް އީރާނުގެ ސަބަބުން ގަލްފާއި ހުރުމުޒުގެ ކަނޑުދަތުރު ފަތުރަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. އީރާންއާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ދެމުންގެންދާ ހަނގުރާމައިގެ އިންޒާރުތަކަށް އަޅާލުމުގެ ބަދަލުގައި މި ބަޔާނުގައި އީރާނަށް ގޮވާލާފައިވަނީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައި ގަލްފާއި ހުރުމުޒުގެ ކަނޑުދަތުރު ފަތުރަށް ކުރިމަތިކޮށްފައިވާ ދަތިތައް ފިލުވާލައި އެކަނޑުއޮޅި އެއްވެސް ޝަރުތަކާ ނުލައި އަލުން ހުޅުވުމަށެވެ.

އެެމެރިކާގެ އެއްވެސް އުދުވާނެއް ކުށްވެރި ކޮށްފައިނުވާއިރު އެމެރިކާއިން އީރާންއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވެސް މިބަޔާނުގައި ގޮވާލައިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު