އޯޕަންއޭއައި އިން އޭއައި އޭޖެންޓުންނަށް "ފޭކް އިންޓަނެޓެއް" އުފައްދައިފި

އޯޕަންއޭއައިގެ އެޖެންޓުންވަނީ ހުއްދަނެތި ބައެއް ސައިޓްތައް ހެކްކޮށްފައި ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޭޖެންޓުން އަސްލު އިންޓަނެޓަށް ނުނުކުމެ، ރައްކާތެރިކަމާއެކު މައުލޫމާތު ހޯދައި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި އޯޕަންއޭއައިއިން "ފޭކް އިންޓަނެޓެއް" ނުވަތަ އޮފްލައިން ދުނިޔެއެއް އުފައްދައިފިއެވެ.

މި ނިޒާމަކީ އޭއައި ބޮޓްތައް އެތަކެތި ބަންދުކޮށްފައިވާ "ސޭންޑްބޮކްސް" ތަކުން ސަލާމަތްވެގެން ނުކުތުމާއި، އަދި އަސްލު ދުނިޔޭގެ އިންޓަނެޓް ބޭނުންކުރުމުގެ ތެރޭގައި އާންމުން ކަންބޮޑުވާފަދަ ކަންކަން ކުރުން ހުއްޓުވުމަށްޓަކައި އޯޕަންއޭއައިއިން ތައާރަފުކުރި ފިޔަވަޅެކެވެ. މިއީ އޭއައި އޭޖެންޓުންނަށް ހަގީގީ އިންޓަނެޓް ކަމަށް ހީވާގޮތަށް ތައްޔާރުކޮށްފައިވާ "ޓްރޫމަން ޝޯ" ފަދަ މާހައުލެކެވެ. ނަމަވެސް، މިއީ ފޭކް އިންޓަނެޓެއްކަން އޭއައި އޭޖެންޓުންނަށް އަންގައިދެނީތޯ ނުވަތަ ނޫންތޯ އޯޕަންއޭއައިއިން ސާފުކޮށްދީފައެއް ނުވެއެވެ.

އޯޕަންއޭއައިއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަގިންގް ފޭސްގެ ހާދިސާއަށްފަހު، އެންމެ ކުރިއަރާފައިވާ ފްރަންޓިއާ މޮޑެލްތައް ތަމްރީނުކުރުމުގައި އެންމެ މަސްއޫލުވެރި ގޮތަކީ އިންޓަނެޓާ މުޅިން ވަކިކޮށްގެން (އެއާގެޕްކޮށްގެން) ތަމްރީނުކުރުން ކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ. އެންތުރޯޕިކް ކުންފުނިންވެސް ބޭނުންކުރާ މި އުސޫލުގެ ދަށުން އޯޕަންއޭއައިއިންވެސް އަންނަނީ ވަކިވަރަކަށް އެއާގެޕް ކުރުމުގެ އުސޫލުތައް ބޭނުންކުރަމުންނެވެ. ނަމަވެސް، ތަޖުރިބާތައް ހިންގުމަށާއި މޮނިޓަރުކުރުމަށް ބޭރުގެ ނެޓްވޯކްތަކާ ގުޅާލަންޖެހޭތީ، މުޅިން އެކީ އިންޓަނެޓާ ވަކިކުރުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

https://sun.mv/228512

އެއާގެޕް ކުރުމުގެ ސަބަބުން މޮޑެލްތައް ރައްކާތެރިކޮށް ބެހެއްޓުނު ނަމަވެސް، މޮޑެލްތައް ފަހުން ބޭނުންކުރާނެ ހަގީގީ މާހައުލާ ތަފާތު މާހައުލެއްގައި ތަމްރީނުކުރަން ޖެހުމުގެ ގޮންޖެހުން ކުރިމަތިވެއެވެ. އެކަން ހައްލުކުރުމަށްޓަކައި އޯޕަންއޭއައިއިން ވަނީ "ރީއިންފޯސްމަންޓް ލާނިން" އަށް ހާއްސަކޮށްގެން "އޮފްލައިން ދުނިޔެއެއް" ބިނާކޮށްފައެވެ. މިއީ އިންޑެކްސްކޮށް ކޭޝްކޮށްފައިވާ ވެބް ކޮންޓެންޓް ބޭނުންކޮށްގެން އުފައްދާފައިވާ އިންޓަނެޓް ފަދަ މާހައުލެކެވެ. މީގެ ސަބަބުން އޭއައި މޮޑެލްތަކަށް ވެބް ބްރައުޒްކުރުމާއި، އެޕްލިކޭޝަންތައް ބޭނުންކުރުމާއި، މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، ހަގީގީ އިންޓަނެޓަށް އަމިއްލައަށް ވަނުމުގެ ފުރުސަތެއް ނުލިބެއެވެ.

މި ނިޒާމުގައި އޭއައި އޭޖެންޓުން ހިންގަނީ ބާރުގަދަ ކޮމްޕިއުޓަރު ސިސްޓމްތަކުގެ ތެރޭގައިވާ ކުދި ވާޗުއަލް މެޝިންތަކުގައެވެ. މިއީ އޭއައި އޭޖެންޓެއް އެއަށް ހާއްސަކޮށްފައިވާ ސޭންޑްބޮކްސްއިން ސަލާމަތްވެ، މައި ސިސްޓމް (ހޯސްޓް) ގެ ކޮންޓްރޯލް ހޯދި ނަމަވެސް، އެ އެއްޗެއް ބަންދުކޮށްފައި ބެހެއްޓޭނެ ގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމުގެ ނިޒާމެކެވެ.

އޯޕަންއޭއައިގެ މި "އޮފްލައިން ދުނިޔޭގެ" ތެރޭގައި މޮޑެލްތަކަށް މައުލޫމާތު ހޯދުމުގެ އިތުރުން، އެކަތި އަނެކައްޗާ ރައްކާތެރިކަމާއެކު މުއާމަލާތު ކުރެވެއެވެ. މީގެ ކުރިން އޭއައި އޭޖެންޓުން އިންޓަނެޓް މެދުވެރިކޮށް މުއާމަލާތުކުރަން އުޅުމުގެ ތެރޭގައި މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެގޮތުން ވޭތުވެދިޔަ މަހު ރިޕޯޓުކުރި "ވިކީ އިންސިޑެންޓް" ގައި، އޭއައި އޭޖެންޓްތަކެއް އަނެކައްޗާ މުއާމަލާތުކުރަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ މެސެޖު ބޯޑެއް ކަމަށްވާ "DseWiki" ހެކްނުކޮށް، އެ ސައިޓުގެ ނިޒާމަށް ނޭދެވޭ އަސަރުކޮށް، ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ.

ނަމަވެސް، ނިޒާމުގެ ރައްކާތެރިކަން ބެލުމަށް ބޭއްވި "ރެޑް-ޓީމިން" ހަރަކާތްތަކުގައި، ކުރިއަށް އޮތް "ޖީޕީޓީ-6 އަސްޓްރާ ސައިބާ" މޮޑެލް ހިމެނޭހެން އޭއައި މޮޑެލްތަކުން ވަނީ ސެކިއުރިޓީ ހޯލްތައް ހޯދައި، ސޭންޑްބޮކްސްތަކުން ނުކުމެ، އެހެން ސިސްޓމްތަކަށް ވާސިލްވެ، އަސްލު އިންޓަނެޓާ ހަމައަށް ފޯރާފައެވެ.

މި އޮފްލައިން މާހައުލުގައި މަސައްކަތްކުރާ އޭއައި އޭޖެންޓުންނަށް މިއީ ފޭކް މާހައުލެއްކަން އަންގައިދެނީތޯ ނުވަތަ ނޫންތޯ އޯޕަންއޭއައިއިން ސާފުކޮށްދީފައި ނުވި ނަމަވެސް، އެކުންފުނިން ބޭނުންވަނީ މި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު މޮޑެލްތަކަށް މާބޮޑަށް އެނގެން ނޫންކަން އެނގެއެވެ. އެގޮތުން، މި މައުލޫމާތު ހާމަކުރި ބަޔާނުގެ ފުޓްނޯޓުގައި "ކެނަރީ ސްޓްރިންގްސް" (ތަމްރީނުކުރާ މައުލޫމާތުގެ ތެރެއިން އުނިކުރުމަށް އަންގައިދޭ ހާއްސަ އަކުރުތަކެއް) ހިމަނާފައިވަނީ، މި ލިޔުން ކުރިއަށް އޮތް އޭއައި މޮޑެލްތައް ތަމްރީނުކުރުމުގެ މައުލޫމާތުގެ ތެރެއަށް ނުވަދެ ބޭރުކުރުމަށެވެ.

comment ކޮމެންޓް