ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި، އިތުބާރުހުރި މުއައްސަސާތަކާއި މާލީ މައުލޫމާތު ލިބިގަތުން މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން ބޭއްވި "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" ފެށުމުގެ ރަސްމިއްޔާތުގައި ޒަރީރު ވަނީ، ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް ބޭނުންވާ ގައުމެއްގެ ސިޔާސަތުތައް ބިނާވާން ޖެހޭނީ އިތުބާރާއި، ޒިންމާދާރުކަމާއި ވަސީލަތްތައް ހެޔޮ ގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ކަންކަމުގެ ބިންގަލަކީ އެކައުންޓިން ދާއިރާއެވެ.
އެކައުންޓިންއަކީ ހަމައެކަނި ނަންބަރުތަކާ ގުޅޭ ކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ ދައުލަތުގެ ފައިސާ ބޭނުންކުރަނީ ޒިންމާދާރުކަމާއެކުކަން ކަށަވަރުކޮށްދީ، އިންވެސްޓަރުންގެ އިތުބާރު ވެސް ހޯދައިދޭ ދާއިރާއެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމަކަށް، އެއީ ވަކިން މުހިންމު ދާއިރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރީރު ވަނީ، މި ސަރުކާރުން ފާއިތުވި ދޮޅު އަހަރު ތެރޭގައި 1.4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކަށް ދަރަނި ދައްކައިފައިވާކަން ފާހަގަކުރައްވައިފައެވެ. އެއީ ރާއްޖޭގެ ތާރީޚަށް ބަލާއިރު، އެފަދަ މުއްދަތެއްގެ ތެރޭގައި އެންމެ ގިނައިން ދަރަނި ދެއްކި ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އެކައުންޓެންޓްސް ފޯރަމްގެ ތެރެއިން: އެ ފޯރަމްގައި މިނިސްޓަރު ޒަރީރު ވަނީ، އެކައުންޓިންގެ މުހިންމުކަން ފާހަގަކުރައްވައިފައި -- ސަން ފޮޓޯ/ މުހައްމަދު އިހުސާން ހުސައިންޒަރީރު ވިދާޅުވީ، ދަރަނި އަދާކުރުމަކީ ބޮޑު ކާމިޔާބީއެއް ނަމަވެސް، ހަގީގީ ވިލުންތެރިކަމަކީ ހަމައެކަނި ވަގުތުން ވަގުތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ނޫން ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް، ޕްރައިވެޓް ސެކްޓާ އިސްވެ އޮންނަ، ސިންދަފާތުވެފައިވާ އިގުތިސާދެއް ބޭނުންވޭ، އެއީ މިހާރަށްވުރެ ވަރުގަދަ މާލީ ދާއިރާއަކާއެކު، މިހާރަށްވުރެ އުފެއްދުންތެރި، ޑިޖިޓަލް އިގުތިސާދަކަށް ވާން ޖެހޭ. ޚާއްސަކޮށް، އިތުބާރު ކުރެވޭ މުއައްސަސާތަކާއި ބަރޯސާވެވޭ ފަދަ މާލީ މައުލޫމާތު މުހިންމުވާނެ،" ޒަރީރު ވިދާޅުވިއެވެ.
އޭނާ ވަނީ، މި ސަރުކާރުން އަންނަނީ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަކުރައްވައި، އާމްދަނީ ރައްކާތެރިކޮށް އިގުތިސާދީ ހިންގުން ވަރުގަދަ ކުރުމުގައި އެކައުންޓިން ދާއިރާ މުހިންމު ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އާއި އޮޓޮމޭޝަން ފަދަ ޓެކްނޮލޮޖީއާއެކު، މާލީ މައުލޫމާތު އުފައްދާ ގޮތާއި ބޭނުންކުރާ ގޮތް ބަދަލުވަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ.