ވިއްސާރައިގައި ހދ. އާއި ހއ.އަށް ބޮޑެތި ގެއްލުންތައް؛ ކުޅުދުއްފުށިން 140އަށްވުރެ ގިނަ މީހުން ސްކޫލުތަކަށް

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ހދ. އާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިިބި، ކުޅުދުއްފުށި ސިޓީން އެކަނިވެސް 140 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އެ ވިއްސާރައިގައި ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށި ސިޓީގައި ހަތް ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ފެން ބޮޑުވުމުގެ ސަބަބުން އެ ސިޓީގެ 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސުކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ އޮތޯރިޓީން ހާމަކުރިއެވެ.

ހދ. އަތޮޅުގެ އެހެން ރަށްތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ބުނި ގޮތުގައި، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދެއެވެ. އެ ރަށުގައި އެއް ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

އެކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި، ދެ ޕަންޕެއްގެ އެހީގައި އެ ރަށުގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށާއި ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ އަތޮޅު ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ، ކާޑުގެ ބާވަތްތައް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް ފަހުން އަވިދިނުމާ ގުޅިގެން ރަށުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ވަނީ ހދ. ވައިކަރަދޫގައި ވިއްސާރަވެ ގެއަކަށް ގެއްލުމެއް ނުލިބޭ ނަމަވެސް އެ ރަށުގައި ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ހަނިމާދުއާއި މަކުނުދޫގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވެފައި --- ފޮޓޯ: އެންޑީއެމްއޭ

މީގެ އިތުރުން ހއ. އަތޮޅަށް ބަލާއިރު، ފިއްލަދޫއާއި ކެލާގެ އިތުރުން މާރަންދޫގައި ބޮޑުވި ފެންގަނޑު މޫދަށް ކޯރު ކަނޑައިގެން ހިންދާފައިވާ ކަމަށާއި ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެ އޮތޯރިޓީން ބުނީ ދިއްދުއާއި އިހަވަންދޫގައި ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާ ކަމަށާއި ދިއްދޫގެ އެއް ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ތަކަންދޫގައި ފެން ހިންދުމަށް ޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރިއެވެ.

މީގެ އިތުރުން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ ދެ އަތޮޅުގެ އިތުރުން، ޅ. ނައިފަރުގެ ދެ ގެއަކަށް ފެންވަދެ، އެ ދެ ގެއިން މީހުން ބަދަލުކޮށްފައިވާކަން އެންޑީއެމްއޭއިން ފާހަގަކުރިއެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީއާއި ކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

comment ކޮމެންޓް