ކޯޓުތަކުން ކުރާ ބައެއް ޙުކުމްތައް ފަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރަން އެންގުމުގެ ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްގު ޢަމަލީގޮތުން ބޭކާރުވެގެންދާ ކަމަށް ވިދާޅުވެ، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަން 10 އަހަރު ކުރައްވައި، އޭގެ ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި، ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ ސަމީރުގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މަދަނީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ދަށު ކޯޓެއްގެ ނިންމުން އިސްތިއުނާފު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބިދެއެވެ. ނަމަވެސް، ބައެއް ޙުކުމްތަކުގައި ފަސް ދުވަސް ފަދަ ކުރު މުއްދަތެއްގެ ތެރޭގައި ޙުކުމަށް ޢަމަލުކުރަން އަންގާތީ، ގާނޫނުން ލިބިދޭ އިސްތިއުނާފީ ޙައްގާއި އަވަސް ތަންފީޒަ ދެމެދު ބޮޑު ފުށުއެރުމެއް އުފެދެއެވެ.
ކަންބޮޑުވުން އޮތް މައިގަނޑު ސަބަބުތައް
އިސްތިއުނާފު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވުން: ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދިރާސާކޮށް، ގާނޫނީ ނުކުތާތައް ކަނޑައަޅައި، އިސްތިއުނާފު ފޯމު ފުރިހަމަކޮށް ހައިކޯޓަށް ހުށަހެޅުމަކީ ދޭއް ނުވަތަ ތިން ދުވަހުގެ ތެރޭގައި ޢަމަލީގޮތުން ކުރުން ދަތި ކަމެއް ކަމަށް ސަމީރު ފާހަގަ ކުރެއްވިއެވެ.
ފަހުން ރުޖޫޢަނުކުރެވޭ ފަދަ ގެއްލުންތައް: ކުޑަކުދިންގެ ރައްކާތެރިކަން ނުވަތަ ވެއްޓެން ކައިރިވެފައިވާ ޢިމާރާތެއް ފަދަ ކުއްލި ނުރައްކަލެއް ނެތް ޙާލަތްތަކުގައި، ފަހުން އަނބުރާ ރުޖޫޢަ ނުކުރެވޭ ފަދަ މައްސަލަތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި ޙުކުމް ތަންފީޒުކުރުމަކީ ޢަދުލުވެރި ގޮތެއް ނޫން ކަމަށް ވެސް ސަމީރު ދެކެވަޑައިގަންނަވައެވެ.
ކުރީގެ ފަނޑިޔާރު ސަމީރު ހުށަހެޅުއްވި ޙައްލުތައް
މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން އަލީ ސަމީރު ބާރުއެޅުއްވީ ދެ ކަމެއްގެ މައްޗަށެވެ:
ސަބަބު ބަޔާންކުރުން: ކޮންމެހެން ކުރު މުއްދަތެއްގެ ތެރޭގައި ޙުކުމް ތަންފީޒުކުރަން ޖެހޭނަމަ، އޭގެ ފަހަތުގައިވާ ގާނޫނީ އަދި ޙަގީގީ ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ސާފުކޮށް ބަޔާންކުރަންޖެހޭނެއެވެ.
ތަންފީޒު މަޑުޖައްސާލުމުގެ އަވަސް ނިޒާމެއް އޮތުން: އިސްތިއުނާފު މުއްދަތާއި ތަންފީޒީ މުއްދަތު ތަފާތުވާނަމަ، ޙުކުމް ތަންފީޒުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް އެދި ހުށަހެޅޭނެ އަވަސް، ފަސޭހަ އަދި ޢަމަލީ އިޖުރާއާތެއް އޮންނަންޖެހެއެވެ.
ސަމީރު ވިދާޅުވީ، ކޯޓުން ޙުކުމް ކާމިޔާބުކުރި ފަރާތަށް މަންފާ އަވަހަށް ލިބިދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އެއް ޙައްގު ޙިމާޔަތްކުރުމަށްޓަކައި އަނެއް ޙައްގު ބޭކާރުކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އިންޞާފަކީ އެ ދެ ޙައްގުގެ ދެމެދުގައި ކޯޓުތަކުން ޢަމަލީ ތަވާޒުނެއް (ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ) ގާއިމުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.