ފޭސްބުކްގެ ފީޑާއި ރީލްސް އަމިއްލައަށް ކަސްޓަމައިޒް ކުރެވޭ ފީޗާއެއް ތައާރަފުކޮށްފި

މީގެ ކުރިން ޔޫޒަރުން ބަލަން ބޭނުން ނުވާ ތަކެތިވެސް ފީޑާއި ރީލަށް އާދޭ ---

ފޭސްބުކްގެ ފީޑާއި ރީލްސްއިން ފެންނަ މައުލޫމާތާއި މައުޟޫޢުތައް އަމިއްލައަށް ބަދަލުކޮށް ކަސްޓަމައިޒް ކުރެވޭ ގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ "ޔުއާ އަލްގޮރިޒަމް" ނަމުގައި މުޅިން އައު ފީޗާއެއް މެޓާއިން ތައާރަފުކޮށްފިއެވެ.

މާކް ޒަކަބާގްގެ މެޓާއިން ތައާރަފުކުރި މި ފީޗާގެ ސަބަބުން، ޕްލެޓްފޯމުގައި ބަލަން ބޭނުންވާ ދާއިރާތަކާއި ކޮންޓެންޓް އަމިއްލަ އިބާރާތުން ބުނެދީގެން، ކަސްޓަމައިޒް ކުރުމުގެ ފުރުޞަތު ޔޫޒަރުންނަށް ލިބޭނެއެވެ. މި އާ ޓޫލް ފޯރުކޮށްދިނުމަށްޓަކައި ފޭސްބުކްގެ ޕޯސްޓްތަކުގެ "ތިން ތިކި" މެނޫއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ބުދަ ދުވަހު މެޓާއިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، މި ފީޗާގެ ސަބަބުން ފޭސްބުކްގެ ފީޑާއި ރީލްސްއިން މައުލޫމާތު ދައްކައިދޭ އަދި ރެކޮމެންޑްކުރާ އަލްގޮރިޒަމްތަކާ ސީދާ މުއާމަލާތްކޮށް، އަމިއްލަ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޭނުންކުރާ ފަރާތްތަކާ މުޅިން ގުޅޭ، އަދި އަމިއްލަ ޝައުޤުވެރިކަމާ އެންމެ އެކަށޭނެ ރެކޮމެންޑޭޝަންތައް ފެންނާނެ ކަމަށް މެޓާއިން ބުނެއެވެ. މެޓާއިން މި ފީޗާ ސިފަކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހުރި ދާއިރާތައް ސީދާ ބުނެދިނުމަށް ޚާއްޞަ ކުރެވިފައިވާ ފީޗާއެއްގެ ގޮތުގައެވެ.

https://sun.mv/228975

މީގެއިތުރުން ފޭސްބުކް ފީޑާއި ރީލްސްގައި ފެންނަ ޕޯސްޓްތަކަށް ފީޑްބެކް ދިނުމުގެ ފުރުޞަތުވެސް މެޓާއިން ވަނީ ފުޅާކޮށްފައެވެ. އެގޮތުން ޕޯސްޓްތަކަށް "އިންޓްރެސްޓެޑް" ނުވަތަ "ނޮޓް އިންޓްރެސްޓެޑް" ޚިޔާރުކުރުމަށްފަހު، ގަޔާވީ ނުވަތަ ނުވާ ސަބަބު އިތުރަށް އޮޅުންފިލުވުމަށް ސިސްޓަމުން އިތުރު ސުވާލުތައް ކޮށްފާނެއެވެ. މިއާއެކު ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ބަލަން ބޭނުންވާ ނުވަތަ މަދުން ބަލަން ބޭނުންވާ މައުޟޫޢުތައް ސީދާ ޕްލެޓްފޯމަށް އަންގައިދެވޭނެއެވެ.

މީގެ ކުރިން މެޓާއިން ޔޫޒަރުންނަށް ރެކޮމެންޑޭޝަންތައް ދައްކަމުންދިޔައީ އެ މީހުން ކުރިން ކޮށްފައިވާ ލައިކްތަކާއި ކޮމެންޓްތަކުގެ އިތުރުން ބަލާފައިވާ ވީޑިއޯތަކަށް އެކަނި ބަލައިގެންނެވެ. ނަމަވެސް، މި އާ އުސޫލާއެކު ބޭނުންކުރާ ފަރާތްތަކުން އާ ޕްރިފަރެންސްތައް ސިސްޓަމަށް އެތުރުމާއެކު، ރިއަލް-ޓައިމްކޮށް (ވަގުތުން) ރެކޮމެންޑޭޝަންތަކަށް ބަދަލު އަންނާނެކަމުގެ ޔަޤީންކަން މެޓާއިން ދެއެވެ.

މެޓާއިން ހާމަކުރި ގޮތުގައި "ޔުއާ އަލްގޮރިޒަމް" ޓޫލް މަސައްކަތްކުރަނީ ލާޖް ލޭންގުއޭޖް މޮޑެލްސް (އެލްއެލްއެމް) ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން އާދައިގެ ބަހުން ލިޔެފައިވާ ލިޔުންތަކުގައިވާ ޝައުޤުވެރިކަމާއި، އޭގެ ފަހަތުގައިވާ މާނައާއި ބޭނުން ސިސްޓަމަށް ދެނެގަނެވޭނެއެވެ.

comment ކޮމެންޓް