ޑޮލަރު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހެދި ދެ މީހަކު ޖަލަށްލައިފި

ޑޮލަރު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހެދި ދެ މީހުން --

ވައިބާ މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ބޭނުންކުރި ދެ މީހަކު އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށާއި، ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކުދިމާގެ، ޢަބްދުﷲ ހައިޝަމް އަދި ސ. ހުޅުދޫ، ސެވީނާ، އަޙްމަދު ޛަނީފުގެ މައްޗަށެވެ.

މި މައްސަލައަކީ އޮކްޓޫބަރު 07، 2022 ގައި 'ޑޮލަރު އެކްސްޗޭންޖް' ކިޔާ ވައިބާ ޗެނަލެއްގައި ޑޮލަރު ވިއްކާ ކަމަށް ޖެހި އިޝްތިހާރަކާ ގުޅިގެން ހިނގި ހާދިސާއެކެވެ. އެ ޗެނަލް މެދުވެރިކޮށް 6,500 އެމެރިކާ ޑޮލަރު ގަތުމަށްޓަކައި، 17.15 ރުފިޔާގެ ރޭޓުން ޖުމްލަ 111,475 (އެއްލައްކަ އެގާރަހާސް ހަތަރުސަތޭކަ ހަތްދިހަ ފަސް) ރުފިޔާ، އަންހެނެއްގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާއަށްވާ ޑޮލަރު ދީފައެއް ނުވެއެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 50,000 ރުފިޔާ ހައިޝަމްގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ. އަދި އޭގެ ތެރެއިން 25,000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށް، ބާކީ 25,000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ވަނީ ނަގާފައެވެ. މީގެއިތުރުން، އަންހެން މީހާގެ އެކައުންޓުން 25,000 ރުފިޔާ ހުޅުމީދޫ އޭޓީއެމް މެދުވެރިކޮށް ނަގާފައިވަނީ ޛަނީފްކަން ސީސީޓީވީ ފުޓޭޖްގެ އެނަލިސިސް ރިޕޯޓުން ވަނީ ސާބިތުވެފައެވެ.

މި ދައުވާއަށް ދެ މީހުން އިންކާރުކުރި ނަމަވެސް، ފުލުހުންގެ ތަހުގީގު ރިޕޯޓުތަކާއި، ބޭންކް ސްޓޭޓްމަންޓްތައް އަދި ހެކިންގެ ހެކިބަހުން ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް