ފައިސާ ނުދީފިނަމަ ބޭބެ މަރާލާނެކަމަށް ބުނެ ބިރު ދެއްކި ކުޅުދުއްފުށީ މީހަކު ޖަލަށްލައިފި

ކުޅުދުއްފުށީގައި ފުލުހެއް: ކުޅުދުއްފުށީ މީހަކު ބޭބެއަށް ބިރު ދެއްކި މައްސަލައިގައިވަނީ ޖަލަށްލާފައި -- ފޮޓޯ/ ކުޅުދުއްފުށީ ޕޮލިސް

އެއްބަނޑު އެއްބަފާ ބޭބެ އަތުން ފައިސާ ހޯދަން އުޅެ، އެ ފައިސާ ނުދިނުމުން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއް ސާބިތުވެ، ހދ. ކުޅުދުއްފުށީ މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައި ހދ. ކުޅުދުއްފުށީ މީހާގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

މި އަހަރުގެ ޖުލައި މަހު އެއް ދުވަހު، މެންދުރުފަހު ހިނގި މި ހާދިސާގައި، ދައުވާ ލިބުނު މީހާ، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ހދ. ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރުގައި ޑިއުޓީގައި ހުއްޓައި އޭނާ އެތަނަށް ގޮސް ބޭބެގެ ކިބައިން ފައިސާ ދިނުމަށް އެދުނެވެ. ނަމަވެސް، އަތުގައި ފައިސާ ނެތް ކަމަށް ބޭބެ ބުނުމުން ހިތްހަމަނުޖެހި، ފައިސާ ހުންނާނެ ކަމަށާއި އުޅެނީ ފައިސާ ނުދޭން ކަމަށް ބުނެ، ފައިސާ ނުދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީ ބިރުދެއްކިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނަށް ރިޕޯޓުކޮށް ފުލުހުން އެތަނަށް ދިއުމުންވެސް، ފުލުހުންގެ ހާޒިރުގައި އޭނާ ވަނީ ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދައްކައި، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު ތިބި ދިމާއަށް އިންޒާރުގެ ރޫހެއްގައި ގޮސްފައެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ވަކީލަކާ ނުލައި ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައްޔާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުވާ ލިބުނު މީހާވަނީ ދައުވާއަށް ފުރިހަމައަށް އިއުތިރާފުވެފައެވެ. އޭނާގެ މި އިއުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ ސައްހަ އިއުތިރާފެއްކަން ކަށަވަރުކުރުމަށްފަހު، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށަށް ކަނޑައެޅޭ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. މައްސަލައިގައި އަދަބު ކަނޑައެޅުމުގައި ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޖިނާޔަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ، އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރިއެވެ. އަދި ކުށަށް އިއުތިރާފުވެފައިވާތީ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރެވުނެވެ.

މައްސަލައިގެ ވިކްޓިމް (ބޭބެ) މައްސަލަ ދޫކޮށްލަން ބޭނުންވެ ފުލުހުންނަށް ބަޔާން ދީފައިވުމާއި، އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ، ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އިތުރު އެއް ދަރަޖަ ދަށްކުރެވުނެވެ. މި ބަދަލުތަކާއެކު އޭނާއަށް އައި އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 16 ދުވަސް އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އަސްލީ އަދަބަކީ ތިން މަހާއި ދެ ދުވަހުގެ ޖަލު އަދަބު ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ދައުވާ ލިބުނު ފަރާތުން ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް، ކޯޓުން ނިންމީ އަދަބު ބަދަލުކޮށްދެވެން ނެތް ކަމަށެވެ. އެގޮތަށް ނިންމީ ޖޫރިމަނާ ދެއްކޭނެ ފަދަ މާލީ ވަސީލަތެއް ހުރިކަން އެނގޭނެ ހެއްކެއް އޭނާއަށް ދެއްކިފައި ނުވާތީއެވެ. މީގެ އިތުރުން، މި ކުށަކީ ގެވެށި ގުޅުމަކުން ގުޅިފައިވާ އާއިލާގެ މީހަކާ ދެކޮޅަށް ހިންގި ކުށަކަށްވާތީއާއި، މީގެ ކުރިންވެސް މިފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައި އޮތުމުން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ގޭބަންދުގެ އަދަބެއް ދިނުމަކީވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް ކޯޓުން ފާހަގަކުރިއެވެ.

މި މައްސަލައިގައި 19 އޮކްޓޫބަރު 2026 ގައި ހުކުމް ކުރެއްވީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލެވެ.

comment ކޮމެންޓް