ޓައިގާ ޝްރޮފަށް ހަމަލާ ދިން މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

ޓައިގާ ޝްރޮފް: އޭނާއަށް ދިން ހަމަލާއާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފައިވޭ --

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފަށް އަމާޒުކޮށް މުމްބާއީގައި ބަޑިން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ރާޖަސްތާނުގެ ކޯޓާ ސިޓީ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޯޓާގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ތޭޖަސްވާނީ ގޯތަމް ވިދާޅުވި ގޮތުގައި، މި ތިން މީހުން ހައްޔަރުކުރީ ޕޫނޭ-ޖައިޕޫރު އެކްސްޕްރެސް ރޭލުގައި ދަތުރުކުރަމުން ދަނިކޮށެވެ. އެގޮތުން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭލު ސްޓޭޝަނަށް ވަންނަ ދޮރުތަކާއި ޕްލެޓްފޯމްތައް ބަންދުކޮށް، 15 މިނެޓުގެ ތެރޭގައި މުޅި ރޭލު ބަލައި ފާސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަރިޔާނާގެ ސޯނިޕަތަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ރެހާން (ސުއްކާ) އާއި ބިހާރަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ރިތިކް ކުރުމީ (ރޯޝަން) ގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

ތޭޖަސްވާނީ ވިދާޅުވި ގޮތުގައި، ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހުން ރާވާފައި އޮތީ ރޭލުގައި ދިއްލީއަށް ގޮސް، އެއަށްފަހު ނޭޕާލަށް ފިލުމަށެވެ. އަދި މި ހަމަލާ ދިނުމަށް އެ މީހުންނަށް އެޑްވާންސްގެ ގޮތުގައި 50،000 ރުޕީސް ލިބިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ރެހާން އަކީ ރެޕިޑޯ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ ވަނީ ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުން އޮންނަ ކަމަށް ބެލެވޭ އަނިލް ޕަންޑިތު ނަމަކަށް ކިޔާ މީހަކާ މުއާމަލާތްކޮށްފައެވެ. މިހާރު މި މީހުން ވަނީ 48 ގަޑިއިރުގެ ޓްރާންސިޓް ރިމާންޑެއްގެ ދަށުން މުމްބާއީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 7:00 ހާއިރު، މުމްބާއީގެ ޖޫހޫ ސަރަހައްދުގައި ހުންނަ ޕުޝްޕާ ނާރްސީ ޕާކު ކައިރީގައި އޮންނަ ފުޓުބޯޅަ ދަނޑަކުން ޓައިގާ ނުކުމެގެން ކާރަށް އެރި ވަގުތުގައެވެ. މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ސައިކަލެއްގައި އައިސް ދިން މި ހަމަލާގައި ފަސް ފަހަރަށް ބަޑިޖަހާފައިވެއެވެ.

ޓައިގާގެ ގަޔަށް ވަޒަނެއް އަރާފައި ނުވި ނަމަވެސް، ކާރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް އޭނާއަށް ވަނީ އަނިޔާވެފައެވެ. އަދި އޭނާގެ ޑްރައިވަރުގެ އަތަށް ވަޒަނެއް އަރައި ޒަޚަމްވެފައިވެއެވެ.

https://sun.mv/229293

ފުލުހުންގެ ކްރައިމް ބްރާންޗުން ބުނި ގޮތުގައި، ހަމަލާދިން މީހުން ވަނީ ޓައިގާގެ ހަރަކާތްތައް ކުރިން ބަލައި، އޭނާ އާދީއްތަ ދުވަހު އެ ދަނޑަށް ދާކަން ދެނެގަނެފައެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ އެސްވީ ރޯޑުން ގޮސް އަންދޭރީ ވެސްޓް ރޭލު ސްޓޭޝަން ކައިރިއަށް ސައިކަލު ދޫކޮށްލުމަށްފަހު ރޭލެއްގައި ފިލާފައެވެ.

މި ހާދިސާއާ ގުޅިގެން މަހާރާޝްޓްރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އޭކްނާތު ޝިންޑޭ ވަނީ އާދީއްތަ ދުވަހުގެ ރޭ ޓައިގާ ޝްރޮފްގެ ގެއަށް ޒިޔާރަތްކުރައްވައި، އޭނާއާއި އޭނާގެ މަންމަ އައިޝާ ޝްރޮފަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ޝިންޑޭ ވިދާޅުވީ އާންމު ފަރާތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ބަލައިނުގަނެވޭނެ ކަމަށާއި، ކުށްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހާދިސާއަށްފަހު، މުމްބާއީގެ ބާންދްރާގައި ހުންނަ ސަލްމާން ޚާންގެ ގެ، ގެލެކްސީ އެޕާޓްމަންޓްސްގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން، ބުލެޓްޕްރޫފް ޖެކެޓު ލައިގެން ތިބި ފުލުހުންނާއި ފުލުހުންގެ އުޅަނދުތައް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

comment ކޮމެންޓް