ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު 'ސޫރްޔާ: އަންތު ސޭ އާރަމްބް ތަކް' ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.
އެ ޓީޒާ ނެރެފައިވަނީ ސަނީގެ 69 ވަނަ އުފަންދުވަހާ ދިމާކޮށެވެ. އެމް ޕަދްމަކުމާރު ޑައިރެކްޓުކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.
އެ ޓީޒާއިން ސަނީ ފެންނަނީ، ސިއްހީ ދާއިރާގައި ހިންގާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފުލުހެއްގެ ރޯލުންނެވެ. އޭނާގެ ކެރެކްޓާއަކީ އަމިއްލަ ދަރިފުޅު މަރުވުމާ ގުޅިގެން، ސިއްރުން ހިންގާ ނިޒާމެއްގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބައްޕައެކެވެ.
ޓީޒާގައި އޭނާ ބުނާ ގޮތުގައި، އާންމުން ޑޮކްޓަރުންނަށް އިތުބާރުކުރި ނަމަވެސް، ބައެއް ޑޮކްޓަރުން ބޭސް ލިޔަނީ ހަމައެކަނި އެ މީހުންނަށް ލިބޭ ފައިދާއަށް ބިނާކޮށްފައެވެ. އެހެންކަމުން، އެ ފިލްމު ސިފަކޮށްފައިވަނީ ސިއްހީ ދާއިރާގެ ކޮރަޕްޝަނާއި ސިއްރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ކްރައިމް ތްރިލާއެއްގެ ގޮތުގައެވެ.
ފިލްމުގެ ޑައިރެކްޓަރު ޕަދްމަކުމާރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ފިލްމުން ސަނީ ޑިއޯލް ފެންނާނީ މީގެ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ތަފާތު ގޮތަކަށެވެ. އެގޮތުން އޭނާގެ ކެރެކްޓާއަކީ މާޒީގެ ފުން ހިތާމަތަކެއް އުފުލަމުންދާ މީހެއް ކަމަށާއި، ނަމަވެސް ހަގީގަތް ހޯދުމަށް އޭނާއަށް ހިތްވަރު ލިބެނީ ހަމަ އެ ހިތާމައިގެ ސަބަބުން ކަމަށް ޕަދްމަކުމާރު ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ފިލްމުގައި އެކްޝަން މަންޒަރުތައް ހިމެނުނު ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ މަންޒަރުތަކުގެ ފަހަތުގައިވާ މީހާއަށާއި އޭނާ ކުރާ ސުވާލުތަކަށެވެ. މި ފިލްމުގައި ސަނީ ޑިއޯލްގެ އިތުރުން ރަވީ ކިޝަން، ޕްރަގްޔާ ޖައިސްވާލް، ތަނުޝްރީ ޗަކްރަބަތީ، މަނީޝް ވާދްވާ އަދި ޓީނޫ އާނަންދު މުހިންމު ރޯލުތަކުން ފެންނާނެއެވެ.
މީގެ އިތުރުން ވީރްތީ ވަގާނީ، ޖިއްޝޫ ސެންގުޕްތާ، ހާލިދު ސިއްދީގީ، އަނޫޕް ޓްރިވޭދީ އަދި ރޯހިތު ތިވާރީ ވެސް މި ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.
ފަހަކަށް އައިސް ސަނީ ޑިއޯލް ވަނީ ގިނަ ފިލްމުތަކެއް ކުޅެފައެވެ. ސެކްނިލްކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓުކޮށް، ޕްރީތީ ޒިންތާއާއެކު އޭނާ ކުޅުނު 'ބަޓްވާރާ 1947' އަށް އިންޑިއާއިން 38.08 ކްރޯޑު ރުޕީސް ލިބިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 54.20 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. އެ ފިލްމު ނެރެފައިވަނީ މި އަހަރުގެ އޮގަސްޓު 14 ގައެވެ.
އަނޫރާގް ސިންގް ޑައިރެކްޓުކޮށް މި އަހަރުގެ ކުރީކޮޅު ނެރުނު ހަނގުރާމައިގެ ފިލްމު 'ބޯޑާ 2' އަށް އިންޑިއާއިން 329.43 ކްރޯޑު ރުޕީސް އަދި މުޅި ދުނިޔެއިން 450.19 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު ނެރުނު ފިލްމު 'ޖާޓް' އަށް ވެސް އިންޑިއާއިން 89 ކްރޯޑު ރުޕީސް ލިބިފައިވެއެވެ.