ދެވަނަ ލެގުގައި ފިނޮޅު ކޮޅަށް ޖެހި ގިނަ ލަނޑުތަކާއެކު ވެލާއަށް ރިކޯޑު މޮޅެއް

ރިސޯޓު ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑު ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފިނޮޅު ކޮޅަށް ލަނޑު ޖެހުމަށްފަހު-- ފޮޓޯ: ރިސޯޓު ލީގު

ރިސޯޓު ސުޕަ ލީގުގައި ނޫނު ޒޯނުގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ބާ ޒޯނުގެ ޗެމްޕިއަން ފިނޮޅު ސީސައިޑް މޯލްޑިވްސްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ތާރީޚީ މޮޅަކާއެކު ފައިނަލުގެ ޖާގައަކަށް ބޮޑު އުއްމީދެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 3-2 އިން ފިނޮޅު އަތުން ވެލާ ބަލިވި ނަމަވެސް، އަވާނީ ފަރެސް މޯލްޑިވްސްގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ވެލާއިން ވަނީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފިނޮޅު ބަލިކޮށްފައެވެ.

އެއާއެކު ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު 12-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި ވެލާއިން ވަނީ މުބާރާތުގެ އެންމެ ކުރީގައި މަގާމު ހޯދާފައެވެ. މިއީ ރިސޯޓު ސުޕަ ލީގުގެ ތާރީޚުގައިވެސް ޓީމަކުން މޮޅުވި އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މެޗުގައި ވެލާ ޖެހި 12 ގޯލުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަހުމަދު އިމްރާން ވަނީ ފަސް ލަނޑު ޖަހާފައެވެ. ދެން އެ ޓީމަށް ލަނޑު ޖެހީ ހަސަން އަބްދުލް ޖަލީލް، މުހައްމަދު ޒާހިދު ސައީދު، އަޒްލީމް އަހުމަދު، އަލީ ރާޒީ އަދި އަހުމަދު އިމްތިނާހު އެވެ. ފިނޮޅުގެ އެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ޝުއާއު އެވެ.

ސުޕަ ލީގުގައި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލިން ވަނީ ނޯތު މާލޭ ޒޯނުގެ ޗެމްޕިއަން ބަރޮސް މޯލްޑިވްސް ބަލިކޮށް، އެގްރިގޭޓުން 7-2 އިން ކުރިހޯދާފައެވެ. އޮޅުވެލީގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން އޮޅުވެލި ކާމިޔާބުކުރިއިރު ކުރުނބާ މޯލްޑިވްސްގައި ކުޅުނު ދެވަނަ ލެގުގެ މެޗު އޮޅުވެލިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ސަން ސިޔާމް އޮޅުވެލި ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނެކަން ކަށަވަރުވެފައެވެ. އަދި މިވަގުތު ނަތީޖާ ދައްކާގޮތުން ފައިނަލުގެ ސީދާ ޖާގައެއް ލިބެނީ ވެލާ ޕްރައިވެޓް އައިލެންޑަށެވެ. ނަމަވެސް އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ދާލު ޒޯނުގެ ޗެމްޕިއަން ސެއިންޓް ރީޖަސް ވޮއްމުލި ބައްދަލުކުރާ ދެ ލެގުގެ މެޗުގައި ލަނޑުގެ ނިސްބަތުން ވެލާއަށް ވުރެ ކުރި ހޯދައިފިނަމަ އެ ޓީމަކަށް ފައިނަލުގެ ޖާގަ ލިބިގެންދާނެއެވެ.

ސުޕަ ލީގުގައި އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ދާލު ޒޯނުގެ ޗެމްޕިއަން ސެއިންޓް ރީޖަސް ވޮއްމުލި ބައްދަލުކުރާ ދެ ލެގުގެ ތެރެއިން ފުރަތަމަ ލެގުގެ މެޗު އޮކްޓޯބަރު 21 ވާ ބުދަ ދުވަހު ކޮންރެޑްގައި ކުޅޭއިރު، ދެވަނަ ލެގުގެ މެޗު އޮކްޓޯބަރު 23 ގައި ކުޅުމަށް ހަމަޖެހިފައިވަނީ ވެލާވަރުގައެވެ. ދެވަނަ ލެގަކީ ވޮއްމުލީގެ ހޯމް މެޗެވެ.

ސަަން ސިޔާމް އޮޅުވެލީގައި ކުޅުމަށް ހަމަޖެހިފައިވާ ސުޕަ ލީގުގެ ސެމީ ފައިނަލް މެޗު ކުޅޭނީ އޮކްޓޯބަރު 27 ގައެވެ. އަދި ފައިނަލް ކުޅޭނީ އޮކްޓޯބަރު 29 ގައެވެ.

comment ކޮމެންޓް