މިދިޔަ ހަފުތާގައި އެކަނި ވެސް ހަތަރު ލައްކައަކާ ގާތްކުރާ އަދަދަކަށް ރުފިޔާ ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލިފައިވާ ކަމަށް، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއްގައި ޖުމުލަ 387،881 ރުފިޔާ 10 ލާރި ގެއްލިފައިވެއެވެ. އޭގެ ތެރެއިން ހޯދުނީ 208،708 ރުފިޔާ 20 ލާރި ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.
މިދިޔަ ހަފުތާގައި ސްކޭމްގެ ގޮތުގައި ފުލުހަށް ހުށަހަޅައިފައިވަނީ އީ-ކޮމާސްގެ 16 މައްސަލައަކާއި ފައިސާ މާރުކުރުމާ ގުޅޭ 10 މައްސަލައަކާއި ބުކިން ކެންސަލޭޝަނާ ގުޅޭ ފަސް މައްސަލައަކާއި އިންވެސްޓްމަންޓުގެ ނަމުގައި ހިންގި ސްކޭމްތަކާ ގުޅޭ ދެ މައްސަލައެއްގެ އިތުރުން އެހެނިހެން ފަސް މައްސަލައެކެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހަފުތާގައި ސްކޭމްގެ 40 މައްސަލައެއްގައި 306،208 ރުފިޔާ 28 ލާރި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން މި ހަފުތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި 81،672 ރުފިޔާ 82 ލާރި އިތުރަށް ގެއްލިފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އޮންލައިން ކުށްތައް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު މި އަހަރު ދެ ގުނަ އިތުރުކަމަށް ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު އިއްޔެ ވިދާޅުވެފައިވެއެވެ.
ކޮމިޝަނަރުގެ މެސެޖުގައިވަނީ މިހާތަނަށް މި އަހަރު ހުށަހެޅި އޮންލައިން ކުށްތަކާ ގުޅޭ މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަށް ކަމަށެވެ.
އެފަދަ މައްސަލަތަކަށް ނަޒަރު ހިންގައިލާއިރު، މައްސަލަތައް އިތުރުވި ސަބަބެއް ކަމަށް ކޮމިޝަނަރު ވިދާޅުވީ އާންމުން ފަރުވާކުޑަވުމާއި ސައިބާ ކުށްތަކާ މެދު އަދިވެސް ހޭލުންތެރިވެފައި ނުވުމެވެ.