ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ފަސް މިލިއަން ޑޮލަރު ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހޮސްޕިޓަލަކުން ޓޮންސިލް އޮޕަރޭޝަނެއް ކުރިއިރު ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި ފަސް މިލިއަނެއްހާ ޑޮލަރު ހޯދަން ދައުވާކުރި މީހާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ކުރީކޮޅު ހޮސްޕިޓަލަކުން ޓޮންސިލް އޮޕަރޭޝަން ކުރި ދިވެހި ފިރިހެނަކު، ހޮސްޕިޓަލުގެ އިހުމާލުން އޭނާގެ ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (ޖުމްލަ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު) ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މިފަދަ މައްސަލަތަކުގައި ފުރިހަމަކުރަން ޖެހޭ ޤާނޫނީ އަދި ޝަރުޢީ އިޖުރާއުތައް ފުރިހަމަކޮށްފައި ނުވާތީ، މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޤާޟީ ޢަބްދުއްނާޞިރު ޝަފީޤު ވަނީ ދަޢުވާ ކުރި ފަރާތާ ދެކޮޅަށް މައްސަލަ ނިންމަވާފައެވެ. ސިވިލް ކޯޓުން މައްސަލަ ކާމިޔާބު ނުވުމުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މި މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިނުގަތުމަށް (ރިޖެކްޓް ކުރުމަށް) ހައިކޯޓުން ވަނީ ނިންމައިފައެވެ.

ހައިކޯޓުން މި މައްސަލަ ރިޖެކްޓްކުރީ ރަޖިސްޓްރޭޝަން މަރުހަލާއިންނެވެ. އެހެންކަމުން، އެ ނިންމުން އަލުން ރިވިޔު ކުރަން ހުށަހެޅުމުގެ ފުރުސަތު މައްސަލަ ހުށަހެޅި ފަރާތައް އޮންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް