ހުޅުމާލޭގައި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުންގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި މައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި 42 ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް، އެންމެ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހައިކޯޓުން ނިންމާލައިފިއެވެ.
ފަސް އަހަރާއި ހަ އަހަރު ވެފައިވާ ބޮޑެތި އެތައް މައްސަލައެއް ނުނިމި ހައިކޯޓުގައި އަދިވެސް އެބަހުއްޓެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން އައްމަޓީ ސަލާމަތްވި މައްސަލަ ދައުލަތުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމާއެކު، އެ ކޯޓުން ވަނީ އެންމެ ތިން ހަތަރު އަޑުއެހުމަކުން މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ބާއްވައި ނިންމާލާފައެވެ.
ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންއެވެ.
މި މައްސަލައިގެ އިސްތިއުނާފު ފެށުމާއެކު ހައިކޯޓުން ވަނީ އައްމަޓީ ރާއްޖެއިން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. މީގެކުރިން ތަހުގީގަށް ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނިކޮށް އޭނާ ސްރީ ލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައީ 2021 ވަނަ އަހަރުއެވެ. އަދި ބަންދުގައި ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު ފަހުން އޭނާ ހުރީ ބަންދުން ދޫކޮށްލާފައެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ކުންފުންޏާ 2014 ވަނަ އަހަރު ހަވާލުކުރުމުން ފްލެޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި ޚިޔާނާތްވި މައްސަލާގައި އައްމަޓީގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލިއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން މީގެކުރިން ހުކުމްކުރީ އެއީ މަދަނީ މުއާމަލާތަކާ ގުޅޭ ކަމަކަށް ވާތީ، އެކަމުގައި ފިޔަވަޅު އަޅަންޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް ބުނެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގެ ތެރެއިން ދިގުލައިގެން ދިޔަ އަޑުއެހުމެއްގައި، އައްމަޓީ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ހުރެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީފައެވެ. އަދި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ދޮގު ހަދައި، ކަންކަން އޮޅުވާލަން އުޅޭ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
"ދައުލަތުގެ ފަރާތުން ކޯޓުގައި ވާހަކަ ދައްކަން ޖެހޭނީ ކަން ހިނގާފައިވާ ގޮތަށް، ލިޔެކިޔުންތަކުގައި ހުރި ގޮތަށް. ކަނޑައެޅިގެން ދައުލަތުގެ ފަރާތުން މިހާރު ބުނަމުން އެގެންދަނީ ވުޖޫދުގައި ނެތް ފްލެޓްތަކެކޭ ނަންބަރުތަކެއް ޖަހައިގެން އަޅުގަނޑުމެން ބުކިން ހަދައިގެން ވިއްކި ކަމަށް. އެއީ އެއްގޮތަކަށް ވެސް ހިނގާފައިވާ ކަންކަމެއް ނޫން،" ކޯޓުގައި އައްމަޓީ ބުންޏެވެ.
އޭނާ އިތުރަށް އެ ދުވަހު ބުނީ މިއީ ޝަރީއަތުގެ މާލަން ކަމަށާއި، މި މާލަމުގައި ވާހަކަ ދައްކަން ޖެހޭނީ ކަން ހިނގާފައި ހުރި ގޮތަށް އަދި ލިޔެކިޔުންތަކުގައި ވާ ގޮތަށް ކަމަށެވެ. އަދި ޝަރީއަތުގައި މަކަރާއި ހީލަތް ހަދައިގެން، އޮޅުވާލައިގެންނާއި ދޮގު ހަދައިގެން ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށް ވެސް އައްމަޓީ ވަނީ ބުނެފައެވެ.