ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި ޔޫރަޕުގެ އެކި ގައުމުތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޓަކައި ޔޫރަޕުގެ އެކި ގައުމުތަކުގެ އެތައް ލައްކަ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ، ބެލްޖިއަމް، ފްރާންސް، އިޓަލީ އަދި ޕޯޗުގަލްގައި ވަކިވަކިން ކުރިއަށްދިޔަ މި މުޒާހަރާތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސަރުކާރުތަކަށް ވަނީ ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެއިތުރުން، އަލްބޭނިއާގައި އެ ގައުމުގެ ބޮޑުވަޒީރު ރާމާއާ ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ، ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފައެވެ.

މި މުޒާހަރާތަކުގެ ތެރެއިން އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވަނީ ފްރާންސްގައެވެ. ފާއިތުވި ދަހަރުތަކުގައި ވެސް އެ ގައުމު ނުދެކޭ ފަދަ ނާމާން ދުވަހަކަށް އިއްޔެ ވިއިރު، ފްރާންސްގެ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި 550،000 އަށް ވުރެ ގިނަ މީހުން ވަނީ މުޒާހަރާތަކުގައި ބައިވެރިވެފައެވެ. ދަރިވަރުން އިސްވެ ތިބެ ފެށި މި ހަރަކާތްތައް ފަހުން ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ، ފިހާރަތައް ފޭރުމާއި، އިމާރާތްތަކާއި ކާރުތަކުގައި ހުޅުޖެހުން ފަދަ ކުށުގެ އަމަލުތަކަކަށް ފުރޮޅިގެން ގޮސްފައެވެ.

ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ހަމަނުޖެހުންތަކާ ގުޅިގެން 1،200 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، 150 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި ވެރިރަށް ޕެރިސްގެ ބޮޑެތި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޕެރިހުގެ މޭޔަރު އެމަނުއެލް ގްރެގުއާ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މާސޭ، ނީސް، ނޯންޓްސް، ބޯޑޯ، އަދި ލިޔޯން ފަދަ ބޮޑެތި ސިޓީތަކުގައި ވެސް ވިޔަފާރިތަކަށް ގެއްލުންދީފައިވެއެވެ. އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ލިމޯޖް ސިޓީގައި ހުންނަ 140 އަހަރުވީ މުނިސިޕަލް އިމާރާތުގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން 'އެކްސް' ގައި ވިދާޅުވީ، މި ޖަރީމާތައް ހިންގި ހުރިހާ ފަރާތްތަކެއް ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް