ޖެމިނައިއަށް 66 ސަރަޙައްދީ އަޑާއި ވެބްސައިޓް ހެދޭ ފީޗާއެއް ތަޢާރަފުކޮށްފި

ނޯޓްބުކް ޗެޓުގައި ބޭނުންވާ ގޮތް ލިޔެލުމުން ސައިޓް ފަރުމާކޮށްދޭ މި ޚިދުމަތް މިހާރު ލިބޭނެ ---

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް ކަމަށްވާ ޖެމިނައި އެޕަށާއި ޖެމިނައި ނޯޓްބުކަށް މުހިންމު އާ ފީޗާތަކެއް ތަޢާރަފުކޮށްފިއެވެ. މި އަޕްޑޭޓާއެކު އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ޖެމިނައި އެޕުން 66 ސަރަޙައްދީ އަޑު އިޚްތިޔާރު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީގެ ތެރޭގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އިނގިރޭސި ބަހުގެ އިތުރުން، އިންޑިއާގެ އިނގިރޭސި ބަހާއި، ހިންދީ، ބްރެޒިލްގެ ޕޯޗުގީޒް، އިންޑޮނޭޝިއާ އަދި ކޮރެއާ ބަހުގެ އެކި ރާގުތަކުގެ އަޑުތައް ހިމެނެއެވެ. ގޫގުލްއިން ހާމަކުރި ގޮތުގައި މި އަޑުތަކަކީ މަސްނޫޢީ ރާގުތަކެއްގެ ބަދަލުގައި އެ ސަރަޙައްދުތަކުގެ މީހުން ވާހަކަދައްކާ ޤުދުރަތީ ރާގާއި ޓޯން އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އަޑުތަކެކެވެ.

މި އަޑުތައް ޖެމިނައި ލައިވްގައި ވާހަކަދެއްކުމަށާއި، ބަސް ދަސްކުރުމުގެ ސެޝަންތަކުގައި އަދި ޗެޓްގައި ހުންނަ ލިޔުންތައް އަޑުއެހުމަށް ބޭނުންކުރެވޭނެއެވެ. ބޭނުންވާ އަޑެއް ޚިޔާރުކުރުމަށް ޖެމިނައި ލައިވްގެ ތިން ތިކީގެ މެނޫއިން ނުވަތަ އެޕްގެ ސެޓިންގްސްގެ ތެރެއިން އަޑުތައް އަޑުއަހާލުމަށްފަހު ސެޓްކުރެވޭނެއެވެ. މިއީ މިއަހަރު ކުރީކޮޅު ބޭއްވި ގޫގުލް އައިއޯ އިވެންޓުގައި އިޢުލާންކުރި ފީޗާއެކެވެ.

https://sun.mv/229376

މީގެ އިތުރުން، ޖެމިނައި ނޯޓްބުކްގައި ރައްކާކޮށްފައި ހުންނަ ނޯޓުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިންޓަރެކްޓިވް ވެބްސައިޓްތައް އުފެއްދޭނެ ފީޗާއެއް ވެސް ގޫގުލްއިން ވަނީ ތަޢާރަފުކޮށްފައެވެ.

މި ފީޗާ މެދުވެރިކޮށް ކިޔަވާ ނޯޓުތަކުން ޕީރިއަޑިކް ޓޭބަލް ނުވަތަ ތާރީޚީ ޓައިމްލައިންތަކާއި، ވިޔަފާރީގެ ހިސާބުތައް ދައްކުވައިދޭ ޑޭޝްބޯޑުތަކުގެ އިތުރުން ޕްރޮޖެކްޓް ޓްރެކަރުތައް ފަދަ ތަކެތި ފަސޭހައިން ތައްޔާރުކޮށްލެވެއެވެ.

ނޯޓްބުކް ޗެޓުގައި ބޭނުންވާ ގޮތް ލިޔެލުމުން ސައިޓް ފަރުމާކޮށްދޭ މި ޚިދުމަތް މިހާރު ވަނީ ވެބް ބޭނުންކުރާ 18 އަހަރުން މަތީގެ ފަރާތްތަކަށާއި ގޫގުލް ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މޯބައިލް އެޕަށް ވެސް މި ޚިދުމަތް ލިބިގެންދާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

comment ކޮމެންޓް