އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް، ބޭނުންވާވަރަށް ރާއްޖޭގައި ހައްދައި ބާޒާރަށް ނެރުން: ރައީސް

މީހަކު ދަނޑުހައްދަނީ: ދަނޑުވެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އުންމީދުން ފުރިގެންވާ މެސެޖެއް ހިއްސާކުރައްވާފައި-- ފައިލް ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ އެކަށައަޅާފައިވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި، ދުވަހުގެ މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި އެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާ ހެޔޮ އެދުން ފޮނުއްވުމަށްފަހު ވިދާޅުވީ މި ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި އިގުތިސޯދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.

މީގެ އިތުރުން، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭކަމަށެވެ. އެހެންކަމުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިއުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓުކުރުމާނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުންކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ މި މަގުސަދު ހާސިލު ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގައި ދެމިހުންނެވުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށެވެ.

ރާއްޖޭގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރަކު ގައުމީ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އާދެއެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "އީޖާދުން، މާދަމާގެ ދިރުން" މި ޝިއާރެވެ.

comment ކޮމެންޓް