ވިއްސާރައިގައި ޒުވާން ދަނޑުވެރިޔާ ރަމްޒީގެ ޑްރެގަން ފްރުޓް ގަސްތަކަށް ބޮޑު ގެއްލުމެއް، 33 އިންސައްތަ ކަނޑައިލަން ޖެހުނު

ޒުވާން ދަނޑުވެރިޔާ ރަމްޒީގެ ޑްރެގަން ފްރުޓް ދަނޑަށް ގެއްލުންވެފައި --- ސްކްރީންޝޮޓް: ޒުވާން ދަނޑުވެރިޔާ / ފޭސްބުކް

އައްޑޫ މީދުއަށް އިއްޔެ ކުރި ވިއްސާރައިގައި "ޒުވާން ދަނޑުވެރިޔާ" ޢަބްދުﷲ ރަމްޒީގެ ޑްރެގަން ފްރުޓް ދަނޑުތަކަށް ގެއްލުންވެއްޖެއެވެ.

ރަމްޒީ 'ސަން'އަށް މިއަދު ބުނީ، އިއްޔެ ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ފަންގަސް އަށަގަނެގެން ޑްރެގަން ފްރުޓް ގަސްތައް ކަނޑައިލަން ޖެހުނީ ކަމަށެވެ.

"ދަނޑުގެ 33 ޕަސެންޓު ވަރު އޮތީ ނަގައިލައިފައި ފަންގަސް ހެދިގެން ސަލާމަތްނުވެގެން، ދެން ހުރި ގަސްތަކަށް ވެސް ސްޕްރެޑްވެދާނެތީ ބުއްދިވެރި ގޮތަކީ އެ އެއްޗެހި ނައްތާލުން ކަމަށް ވާތީވެ ލޮލުން ކަރުނަފޮދު އޮއްސައިލައިފައި ހަމަ ކޮށާލީ،" ރަމްޒީ ބުންޏެވެ.

ރަމްޒީ ބުނީ، 2020ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އިންދި ޑްރެގަން ފްރުޓް ގަސްތަކެއް ކަމަށެވެ. އެއީ އާއްމުންގެ ތެރޭގައި ވަރަށް މަގުބޫލުކަން ލިބުނު ދަނޑެކެވެ.

"ފޯދިފައި އިން ގަހެއްގެ ކުރި ވެއްޖިއްޔާމު އިންދާތާ ގާތްގަނޑަކަށް އަހަރެއް ތެރޭ ފްރުޓް ލިބޭނެ، ދެން އޭގެ ފަހުން ސެކަންޑް އިޔާގައި ޔީލްޑް މަތިވާނެ، އެގޮތަށް ޑްރެގަން ފްރުޓަކީ ފުރަތަމަ އަހަރު ތަންކޮޅެއް މަދުން ލިބުނަސް ދެވަނަ އަހަރުން ފެށިގެން ގިނައިން ލިބޭ އެއްޗެއް،" ރަމްޒީ ކިޔައިދިނެވެ.

ވިއްސާރައިގައި ފެންބޮޑުވެ ފަންގަސް ފެތުރުމުގެ ސަބަބުން ކަނޑައިލަންޖެހުނީ އެންމެ ރަނގަޅަށް ހެދެމުން ދިޔަ ގަސްތައް ކަމަށް ވެސް ރަމްޒީ ބުންޏެވެ.

އޭނާ ބުނީ އަލަށް ޖެހި 120 ތަނބެއްގެ ޑްރެގަން ފްރުޓް ގަސްތައް މިހާރު ހުރީ ފޯދިފައި ކަމަށާއި އެ ގަސްތަކަށް އަދި އަހަރެއް ނުވާ ކަމަށެވެ.

ރަމްޒީގެ ދަނޑުން ފުރަތަމަ މީހުންގެ ހިތްތައް ދަމައިގަތީ އޭނާގެ ޑްރެގަން ފްރުޓް ގަސްތަކެވެ. އެ ދަނޑުގައި ހައްދާ ޑްރެގަން ފްރުޓް، ދުރާލާ 'ރިޒާވް'ކޮށްގެން ވެސް ބައެއް މީހުން ގަންނައިރު، އެ ދަނޑު ބަލައިލައި ފޮޓޯ ނެގުމަށް ވެސް ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ.

comment ކޮމެންޓް