އަނީތުގެ އުފަންދުވަހާ ގުޅިގެން އަހާން ފޮނުވި މެސެޖު: 'ތިޔައީ މުޅި ކާއިނާތަށް ލިބުނު އަގުހުރި ހަދިޔާއެއް'

ފިލްމު "ސައްޔާރާ"ގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި އަނީތު ޕައްޑާ--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އަނީތު ޕައްޑާގެ 24 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި، އޭނާގެ ފުރަތަމަ ފިލްމު "ސައިޔާރާ"ގެ ބައިވެރިޔާ އަހާން ޕާންޑޭ ވަރަށް ޚާއްޞަ އަދި އަސަރުގަދަ މެސެޖަކުން ތަހުނިޔާ ކިޔައިފިއެވެ.

އަނީތުއާއެކު ނަގާފައިވާ މީގެ ކުރިން ޢާންމުކޮށްފައިނުވާ ހަނދާނީ ފޮޓޯތަކާއި ވީޑިއޯތަކެއް އިންސްޓަގްރާމްގައި ޙިއްޞާކުރަމުން އަހާން ފޮނުވި އަސަރުގަދަ މެސެޖުގައި ބުނީ، އަނީތު އަކީ މުޅި ކާއިނާތަށް ވެސް ލިބުނު ޚާއްޞަ ހަދިޔާއެއް ކަމަށެވެ. އަދި އަނީތުގެ ސަބަބުން އެހެން މީހުންނަށް ލިބިގެންދާ އުފާވެރިކަމާއި އުޖާލާކަން ދުވަހަކުވެސް ހަނދާންނައްތައިނުލުމަށް އަހާންގެ މެސެޖުގައި އެދިފައިވެއެވެ.

އަނީތު އާއި އަހާން ފިލްމީ ދާއިރާއަށް ނުކުތީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސައިޔާރާ"އިންނެވެ. ޔަޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމެންޓިކް ޑްރާމާއަކީ، މިދިޔަ އަހަރު ނެރުނު ހިންދީ ފިލްމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

އަނީތު އަދި އަހާން ފިލްމު "ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީއާ އެކު--ފޮޓޯ/އެންޑީޓީވީ

މި ފިލްމުގައި ދައްކުވައިދެނީ، އަހާން ކުޅެފައިވާ މިއުޒީޝަން ކްރިޝް ކަޕޫރާއި، އަނީތު އަދާކޮށްފައިވާ އަލްޒައިމާސް ބަލި ތަހައްމަލުކުރަމުންދާ ޒުވާން ލިޔުންތެރިޔާ ވާނީ ބަޓްރާގެ ފުން އަދި އަސަރުގަދަ ލޯބީގެ ވާހަކައެވެ. މިއީ ލޯތްބާއި، ވަކިވުމާއި، ހިތާމައިގެ ފުން އިޙްސާސްތަކެއް ބެލުންތެރިންނަށް ގެނެސްދިން ކާމިޔާބު މަސައްކަތެކެވެ.

ފިލްމަށް ލިބުނު ބޮޑު ތަރުޙީބާއެކު، މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމަށް މީޑިއާތަކުގައި އަޑުފެތުރުނު ނަމަވެސް، މިކަމާ ގުޅޭގޮތުން އެ ދެ ފަންނާނުން ރަސްމީ ސިފައެއްގައި އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި، ޑައިރެކްޓަރު މޯހިތު ސޫރީއާއެކު އަނެއްކާވެސް އިތުރު ފިލްމަކުން މި ދެ ތަރިން އެކުގައި ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޚަބަރުތައް ބުނާގޮތުގައި، އަދި ނަން ހާމަކޮށްފައިނުވާ މި ފިލްމު ވެގެންދާނީ ތަފާތު ވައްތަރެއްގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށެވެ.

comment ކޮމެންޓް