ސައުދީ އަރަބިއްޔާއަށްދޭ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ އުމުރާވެރިންނަށް ނުރައްކަލެއް އޮތް ކަމަކަށް ކަމާބެހޭ ރަސްމީ އިދާރާއަކުން މިހާތަނަށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމްރާއަށް މީހުން ފޮނުވުމުގައި ސަރުކާރުން ބަލާނީ ސައުދީގެ ކަމާބެހޭ އިދާރާތަކުން ނެރޭ ބަޔާންތަކަށް ކަމަށެވެ.
މިނިސްޓަރު ވަނީ މިހާތަނަށް އައިއިރު އުމްރާގެ ކަންތައްތަކުގައި އެއްވެސް ކަހަލަ ނުރައްކަލެއް އޮތް ކަމަށް ބުނެ، ސައުދީން އެފަދަ ބަޔާނެއް ނެރެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ވިދާޅުވެފައެވެ.
ސައުދީ އަރަބިއްޔާއަށް ލިބޭ ކޮންމެ ދެރައަކީ ގެއްލުމަކީ، އަޅުގަނޑުމެން އެންމެހައި އިސްލާމުންނަށް ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއިން އެކަމާ ހިތާމަކުރާނެ ކަމެއް. އަޅުގަނޑުމެން އަބަދުވެސް އެދެނީ، އުންމީދަކީ ސައުދީ އަރަބިއްޔާގެ ވެރިކަމަށާއި ސައުދީ އަރަބިއްޔާގެ ލޮބުވެތި ރައްޔިތުންނަށާއި އަދި މާތްވެގެންވާ ދެ ޙަރަމަށް މާތްﷲ އަމާންކަމުގެ މަތިން ނިއުމަތް ދެއްވުން. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ވަނީ ރާއްޖޭގެ ރައްޔިތުންގެ ކިބައިން ސައުދީ އަރަބިއްޔާއަށާއި މާތްވެގެންވާ ދެ ޙަރަމަށް ހެޔޮ ދުއާކުރުން މަތީގައި ތިބުމަށް އެދިވަޑައިގެންފައެވެ. ސައުދީއަކީ ރައްޔިތުން ދާންޖެހޭ ގައުމެއް ކަމަށާއި އެ ތަނަކީ ދިިވެހީންނާ ދުވަހަކު ވެސް ވަކިނުކުރެވޭނެ ފަދަ މަތިވެރި ގުޅުމެއް އޮތް ގައުމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"އިންޝާ ﷲ އެއްވެސް ނުރައްކަލެއް އަޅުގަނޑުމެންގެ އުމުރާވެރިންނަށް އޮތް ކަމަށް އެއްވެސް ރަސްމީ އިދާރާއަކުން އަންގާފަ ނެތް. އެހެންވީމަ އެކަމުގައި ކަންބޮޑުވުމެއް މި ވަގުތާ ހަމައަކަށް ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
އުމްރާވެރިންތަކެއް: ސައުދީއަށް ދޭ ހަމަލާތަކާ ގުޅިގެން ޝަހީމް ވަނީ، އުމުރާވެރިންނަށް ނުރައްކަލެއް އޮތް ކަމަށް ރަސްމީ އިދާރާއަކުން އަދި ނާންގާ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ އެ ބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އެމްޑީ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މި ވަގުތު ދިވެހި އެއްވެސް އުމްރާވެރިއަކު ސައުދީގައި ނެތްކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހީން އަބަދު ވެސް އުމްރާއަށް ދަތުރުކުރާ ރޫޓު ތަފާތުކަން ފާހަގަކުރައްވައި އޭނާ ވަނީ، ހައްޖު ކޯޕަރޭޝަނުން އަމަލުކުރާނީ ސަރުކާރުން ދޭ އިރުޝާދަކަށް ކަމަށް ވިދާޅުވެފައެވެ. މިހާތަނަށް އުމްރާއާ ގުޅޭ ޚާއްސަ އިރުޝާދެއް ދީފައިނުވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޟްގެ އެއާޕޯޓުތަކަށް ހޮނިހިރު ދުވަހާއި އިއްޔެ ވެސް ހަމަލާތައް ދީފައިވެއެވެ. އެ ހަމަލާތަކުގައި 13 މީހުން މަރުވެ، 300އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ޢާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި، އެއީ ސަޢޫދީގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެއިތުރުން ސަޢުދީގެ ސިޔާދަތާއި ގައުމުގެ ސަލާމަތާއި، އެ ގައުމުގެ ރައްޔިތުންނާއި އެ ތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.