ފައިސާ ދައްކައި ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރު ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު އިއުލާންކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ، ހައްޖަށް ފުރާ މީހުންގެ ކިޔުއަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ވަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކުގައި އާއި ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުން ކަމަށެވެ. އެހެންވެ، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ މީހުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ބޭނުންވީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ދިވެހި ހައްޖުވެރިއެއް: ފައިސާ ދައްކައި ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރު ހައްޖަށް ދެވޭނެ -- ފޮޓޯ/ ހައްޖު ކޯޕަރޭޝަންޝަހީމާއި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، އެ އުޞޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިޔޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި ތަންފީޒުކުރާނެ އުޞޫލެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުޞަތު ލިބި، ޙައްޖު ކިއުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު މަދުވާނެ ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވުމުގެ ފުރުޞަތު ބޮޑުވާނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ ތިން އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، ޑިސެންބަރު 31، 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، އަންނަ ޑިސެންބަރު 31ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ އަދި ފުރޭ މީހުންނަށްކަން އޭނާ ހާމަކުރެއްވިއެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން އަންނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިދެވޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނޭއިރު، އެ މީހުންނާއެކު އެހީތެރިން ފޮނުވާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އުޞޫލު ތަންފީޒުކުރުމާއެކު، އަންނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް، މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން ކިޔޫގައި އިސްކަންދޭނެއެވެ. އެހެންކަމުން މި އުޞޫލު ތަންފީޒުކުރި ނަމަވެސް، އަންނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 މީހުންނަށް ޙައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.
ފިރުޒުލް ވަނީ، މި އުސޫލުތަކުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ މީހުންނަކީ ވެސް، މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
މި ނިންމުމާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ ޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބުނު ވަރަށް ބޮޑު އުންމީދެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
ހައްޖު ކިޔޫ ދިގުވެ، ހައްޖަށް ދާން އެތައް އަހަރެއް ވަންދެން މަޑު ކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ.