ބޮޑެތި ކުށްތަކުގައި ދިވެހީން: ދިވެހީންނަށް ގައުމުތައް ބަންދުވެދާނެ؟

ސަން ގްރެފިކްސް: އަޙްމަދު ސާއިލު ޢަލީ

"ޕާސްޕޯޓް ދިއްކޮށްލާއިރަށް ބުނާނެ މޯލްޑިވްސް ދޯއޭ. ނޯ ނީޑޭ. އަވަހަށް ދާށޭ. އެހާ ވެސް ދިވެހީންނަށް އިތުބާރު އޮތް އޭރު,"

މިހާރު 50 ގެ އަހަރުތައް ގުނަމުން އަންނަ ރައްޓެހި ވިޔަފާރިވެރިއަކު މީގެ 20 އަކަށް އަހަރު ކުރިން އެކި ގައުމުތަކަށް ކުރި ދަތުރުތަކުގެ ހަނދާން އާ ކޮށްލަމުން ބުންޏެވެ.

"އޭރު އެންމެންނަށް ވެސް އެނގޭ ދިވެހީންނަކީ ބޮޑެތި ކުށްތައް ކޮށް، ޖަރީމާ ގޭންގްތަކާ ގުޅުން އޮންނަ ބައެއް ނޫންކަން. އެކަމަކު މިހާރު މި އިވޭ އަޑުތަކުން އެ މަންޒަރު ބަދަލުވާނެ. ދިވެހީންނަށް އެހެން ގައުމުތަކަށް ދިއުމާއި އެ ތަންތަނުގައި އުޅުމަށް ކުރިން އޮތް ފަސޭހަ ނޯވެދާނެ,"

https://www.sun.mv/228709

މީގެ ކުރިން ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމަކީ ދިވެހީންނަށް ވަރަށް ފަސޭހަ ކަމެކެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހީންނަކީ ކުށްކުރާ ބައެއް ކަމަށް ގަބޫލުކޮށްފައި ނުވުމަކީ، ވިސާއާ ނުލައި ގިނަ ގައުމުތަކަކަށް އެތެރެވުމުގެ ފުރުސަތު ފަހިވެފައި އޮތް އެންމެ ބޮޑު އެއް ސަބަބެވެ. ދިވެހިރާއްޖެއަކީ ސުލްހަވެރި، ފަތުރުވެރިކަމަށް މަޝްހޫރު ގައުމަކަށް ވުމާއެކު، ދިވެހި ރައްޔިތުންނަށް ބޭރު ގައުމުތަކުގެ އިމިގްރޭޝަންތަކުން އަބަދުވެސް މަރުހަބާ ކިޔައެވެ.

ނަމަވެސް، ފަހަކަށް އައިސް ރާއްޖެއިން ބޭރުގައި ހިނގާ ބޮޑެތި ޖިނާއީ ކުށްތަކުގައި ދިވެހީން ބައިވެރިވާ މިންވަރު އިތުރުވުމާއި، ބައިނަލްއަގުވާމީ ކުށްކުރާ ނެޓްވޯކްތަކާ ބައެއް ދިވެހީންނާ އޮންނަ ގުޅުން ބޮޑުވުމުގެ ސަބަބުން، ދިވެހި ޕާސްޕޯޓަށް ލިބިފައިވާ ރީތި ނަން މިހާރު މިވަނީ ކިލަނބުވާން ފަށައިފައެވެ. މިއީ އާންމު ދިވެހި ރައްޔިތުންނަށް އޭގެ ހިތްދަތިކަން ކުރިމަތިވެދާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރީގައި ދިވެހީންގެ ބައިވެރިވުން ބޭރު ގައުމުތަކުގައި ފުޅާވަމުންދާކަން ފާހަގަކުރެވެން ފެށުމަކީ، ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށާއި ޕާސްޕޯޓުގެ ބާރަށް އެޅެމުންދާ ވަރަށް ބޮޑު ހިޔަންޏެކެވެ.

މަސްތުވާތަކެއްޗާއި އެހެނިހެން ބޮޑެތި ކުށްތަކުގައި ރާއްޖެއިން ބޭރުން ދިވެހީން ހައްޔަރުކުރާ މިންވަރު މިހާރު ވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ. މި ފަހުން ތައިލޭންޑުގެ ބެންކޮކުން 12 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ދިވެހީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން އެކަކު ކަމަށްވާ މުހައްމަދު ވިސާމަކީ، މަސްތުވާތަކެތީގެ ވަރަށް ބޮޑު މައްސަލައެއްގައި މީގެ ކުރިން ރާއްޖެއިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. މިފަދަ ބޮޑު ކުށެއްގެ ރެކޯޑު އޮތް މީހަކު، އެއްވެސް ހުރަހަކާ ނުލައި ބޭރު ގައުމަކަށް ގޮސް، އެ ގައުމުގައި ވެސް އެފަދަ ބޮޑު ކުށެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ނިޒާމާމެދު ބޭރު ގައުމުތަކުން ސުވާލު އުފައްދާނެ ކަމެކެވެ. މީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅު ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން ވެސް މިފަދަ އެތައް ކޭސްއެއް ހިނގާފައި އެބަހުއްޓެވެ.

https://www.sun.mv/228586

މިފަދަ މައްސަލަތަކުގެ ސަބަބުން، ދިވެހީންނަކީ ވެސް ބައިނަލްއަގުވާމީ ޑްރަގް ޓްރެފިކިން ނެޓްވޯކްތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށް ބޭރު ގައުމުތަކުގެ އިދާރާތަކުން މިހާރު ދެކެން ފެށުން ގާތެވެ. މިއީ ހަމައެކަނި އެ ކުށްކުރާ ފަރުދުންނަށް ލިބޭ އަދަބަކަށް ނިމޭ ކަމެއް ނޫނެވެ. މުޅި ގައުމުގެ ނަން ކިލަނބުވެ، ބައިނަލްއަގުވާމީ މީޑިއާތަކުގައި ރާއްޖޭގެ ނަން ކުށްވެރިންނާ ގުޅުވައިގެން ލިޔެވެން ފެށުމަކީ ގައުމުގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

"ހަމައެކަނި މައްސަލަ ޖެހޭނީ އިމިގްރޭޝަނާ ހަމައަކުން ނޫން. ގައުމުތަކުގައި އުޅޭއިރު ޗެކްޕޮއިންޓްތަކުން ހިފެހެއްޓިޔަސް އިތުރަށް ބަލައި ފާސް ކުރުމާއި ސުވާލު ކުރުމާއި ގިނައިރު ހިފެހެއްޓުން ފަދަ ކަންކަން ކުރިމަތިވެދާނެ. އެއީ ޝައްކު ކުރެވޭ ހިސާބުން ވަރަށް ބަލާނެ," ރާއްޖޭގެ ޚާރިޖީ ދާއިރާގައި 20 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު މި ރިޕޯޓަށް ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑުމެން ރާއްޖެއަށް ވެސް އެކި ގައުމުތަކުން މީހުން އަންނައިރު އޭގެން ވަކި ގައުމެއްގެ ބަޔަކު މިސާލަކަށް ޑްރަގް މައްސަލަ ނޫނީ އެހެން މައްސަލައެއްގައި އުޅޭކަން ފާހަގަވާ ހިސާބުން އެ ގައުމެއް ރެޑް ފްލެގްވެ އިތުރަށް ޗެކްކޮށް, ބަލައި ހަދާނެތާ. އެ އުސޫލު އެހެން ގައުމުތަކުގައި ވެސް ވަރަށް ބޮޑަށް ގެންގުޅޭނެ."

ރާއްޖެއިން ބޭރުގައި އެކިއެކި ކުށްތައް ކުރުމުގައި ދިވެހީން ބައިވެރިވަމުންދާ ދިއުމުގެ ނޭދެވޭ އަސަރު މިހާރު ވެސް ވަނީ ފެންނަން ފަށައިފައެވެ. އޭގެ އެއް މިސާލަކީ، ތައިލޭންޑުން މި ފަހުން ވިސާގެ އުސޫލުތައް ހަރުކަށިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލޭންޑުން އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން، ދިވެހީންނަށް ކުރިން ލިބެމުން އައި 60 ދުވަހުގެ ވިސާ ފްރީ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. މިއީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްގެން އެޅި ފިޔަވަޅަކަށް ނުވި ނަމަވެސް، ކުށްކުރާ މީހުން ގިނަވުމުގެ ސަބަބުން އިމިގްރޭޝަންގެ ގަވާއިދުތައް ހަރުކަށިކުރާއިރު، ރާއްޖެ ފަދަ ގައުމުތަކަށް އޮންނަ ލުއިތައް ގެއްލިގެންދާކަން މިއިން ސާބިތުވެއެވެ. ތައިލޭންޑަކީ ދިވެހީން ބޭސްފަރުވާއަށާއި ވިޔަފާރިއަށް ވަރަށް ގިނައިން ދަތުރުކުރާ ގައުމަކަށް ވާއިރު، މި ބަދަލުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބޭރު ގައުމުތަކުން އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކުށެއް ނެތް އާންމު ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ޖެހެއެވެ.

https://www.sun.mv/228724

ބޮޑެތި ކުށްތައް ކުރާ ދިވެހީން މިނިވަންކަމާއެކު ރާއްޖެއިން ބޭރަށް ދަތުރުކުރަން ފުރުސަތު ލިބެނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއްގެ ސަބަބުންނެވެ. ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، ނުވަތަ ތަހުގީގު މަރުހަލާގައި ދޫވެގެން ދިއުމަކީ އާންމު ކަމެކެވެ. ހެކި ނެތިގެން ނުވަތަ އިޖުރާއީ ގޯސްތަކެއްގެ ސަބަބުން ބޮޑެތި ކުށްވެރިން މުޖުތަމައުއަށް ދޫވާއިރު، އެ މީހުންގެ މައްޗަށް އެކަށީގެންވާ ފާރަވެރިވުމެއް ނޯވެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާ ހެދި ދޫކޮށްލާފައި ތިބޭ މީހުންނާއި، ކުށުގެ ރެކޯޑު އޮންނަ މީހުން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ހަރުދަނާ ނިޒާމެއް ބޯޑަރު ކޮންޓްރޯލްގައި ގާއިމުވެފައި ނެތުމަކީ ވެސް ކުށްވެރިންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މުހައްމަދު ވިސާމް ފަދަ މީހުންނަށް ރާއްޖެއިން ބޭރަށް ގޮސް އެހެން ގައުމުތަކުގައި ކުށްކުރުމުގެ ފުރުސަތު ލިބެނީ މިފަދަ ނިޒާމީ ބާގަނޑުތަކުގެ ސަބަބުންނެވެ. ފުލުހުންނާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާއި އަދި އިމިގްރޭޝަނާ ދެމެދު މައުލޫމާތު ބަދަލުކުރުމުގެ ހަރުދަނާ ވިއުގައެއް ނެތުމަކީ ވެސް މި މައްސަލަ ގޯސްވާން މެދުވެރިވާ ސަބަބެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން މުސްތަގުބަލުގައި އެންމެ ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހޭނީ ކުށެއް ނެތް އާންމު ދިވެހި ރައްޔިތުންނަށެވެ. ބޭސްފަރުވާއަށާއި، ތައުލީމު ހާސިލުކުރުމަށާއި، ޗުއްޓީ ހޭދަކުރުމަށް ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހީންނަށް އިމިގްރޭޝަން ކައުންޓަރުތަކުން އިތުރު ސުވާލުތަކާ ކުރިމަތިލާން ޖެހުމާއި، ޕްރޮފައިލް ކުރެވިގެން ގިނަ ވަގުތުތަކެއް ވަންދެން ހިފެހެއްޓުން ފަދަ ކަންކަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުށްކުރާ މީހުން އުޅޭ ގައުމުތަކާމެދު އެހެން ގައުމުތަކުން އަމަލުކުރާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވިސާގެ ލުއިތައް ކަނޑާލައެވެ. އަދި އެއަށްފަހު، އެ ގައުމެއްގެ ރައްޔިތުންނަށް ވިސާ ދިނުމުގައި ހަރުކަށި ޝަރުތުތައް ކަނޑައަޅައެވެ. މީގެ މާނައަކީ، ކުއްލި ހާލަތެއްގައި ބޭސްފަރުވާއަށް ފުރަން ބޭނުންވާ މީހާއަށް ވެސް، ވިސާ ހޯދުމަށް އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހުމެވެ. އަދި ވިޔަފާރިވެރިންނަށް އެހެން ގައުމުތަކަށް ދަތުރުކޮށް މުދާ ގެނައުމުގައި ވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެއެވެ. މިއީ ދިވެހީންގެ ދިރިއުޅުމުގެ ފެންވަރަށް ސީދާ ގޮތުން އަސަރުކުރާނެ ކަމެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ރައްޔިތުން ކުރާ ކުށްތަކުގެ ސަބަބުން މުޅި ގައުމުގެ ޕާސްޕޯޓުގެ ބާރު ކެނޑިފައިވާ މިސާލުތައް އެބަހުއްޓެވެ. މިސާލަކަށް، ކެރީބިއަންގެ ބައެއް ގައުމުތަކާއި ވަނުއާޓޫ ފަދަ ގައުމުތަކުން ފައިސާއަށް ޕާސްޕޯޓު ވިއްކުމުގެ ސަބަބުންނާއި، އެ ޕާސްޕޯޓުތައް ބޭނުންކޮށްގެން ބައިނަލްއަގުވާމީ ކުށްވެރިން ވިލާތުގެ ގައުމުތަކަށް އެތެރެވުމާ ގުޅިގެން، ވިލާތުގެ އިއްތިހާދުން ވަނީ އެ ގައުމުތަކަށް ދީފައިވާ ވިސާ ފްރީގެ ހުއްދަ ބާތިލުކޮށްފައެވެ. ހަމައެހެންމެ، ބައެއް ގައުމުތަކުގެ ރައްޔިތުން އެހެން ގައުމުތަކަށް ގޮސް ގަވާއިދާ ހިލާފަށް އުޅުމާއި ކުށްކުރުން އިތުރުވުމުގެ ސަބަބުން، އެ ގައުމުތަކުގެ ޕާސްޕޯޓުތައް ވަނީ ބްލެކްލިސްޓު ކުރެވިފައެވެ. ދިވެހިރާއްޖެއިން ޕާސްޕޯޓު ނުވިއްކި ނަމަވެސް، ދިވެހި ޕާސްޕޯޓު ހިފައިގެން ދަތުރުކުރާ މީހުން ބޮޑެތި ޖިނާއީ ކުށްތަކުގައި ބެދޭ މިންވަރު އިތުރުވާނަމަ، ރާއްޖެއަށް ވެސް މިފަދަ ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ގެއްލުމަކީ އަލުން ހޯދަން ވަރަށް އުނދަގޫ ކަމެކެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މި އަހަރުގެ ރޭންކިންއަށް ބަލާއިރު، ދިވެހި ޕާސްޕޯޓު އޮތީ ދުނިޔޭގެ 52 ވަނައިގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓެވެ. މިހާރު ވެސް ދިވެހި ޕާސްޕޯޓުގައި 92 ގައުމަކަށް ވިސާއާ ނުލައި ނުވަތަ އޮން އެރައިވަލް ވިސާގައި ދަތުރުކުރެވެއެވެ. މިކަން މިގޮތަށް ހިފަހައްޓައި، ބޭރު ދުނިޔޭގައި ދިވެހީންގެ އަގު ހިފެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުށުގެ ރެކޯޑު އޮންނަ މީހުންނާއި ޝަރީއަތް ހިނގަމުންދާ މީހުންނަށް ފަސޭހައިން ފުރައިގެން ނުދެވޭނެ ގޮތަށް ބޯޑަރު ކޮންޓްރޯލް ނިޒާމު ވަރުގަދަކުރަން ޖެހެއެވެ. އަދި އިންޓަޕޯލް ފަދަ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އިންޓެލިޖެންސް ހިއްސާކުރުން އިތުރުކޮށް، ކުށްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ބޭރުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި ފިޔަވަޅުތައް ނާޅައިފިނަމަ، ދިވެހި ޕާސްޕޯޓަށް ލިބިފައިވާ އިތުބާރު ގެއްލި، އާންމު ރައްޔިތުންނަށް އޭގެ ހިތްދަތިކަން ތަހައްމަލުކުރަން ޖެހިދާނެއެވެ. ކަމާބެހޭ އިދާރާތަކުން މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ދިވެހި ޕާސްޕޯޓުގެ ބާރު ކެނޑި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައި ދިވެހީންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ.

comment ކޮމެންޓް