ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަން އެދުނު މިސްކިތްތަކުގެ އިވެލުއޭޝަން މިހާރު ނިމިއްޖެ ކަމަށާއި އުންމީދަކީ އެ މިސްކިތްތައް ލިސްޓުގައި ހިމެނުން ކަމަށް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ބައެއް ތަންތަން ހިމެނުމަށް މަސައްކަތް ކުރާތާ 13 އަހަރުވެއްޖެ ކަމަށެވެ.
މިގޮތުން، މިދިޔަ ޖަނަވަރީގައި ރާއްޖޭގެ ހިރިގަލުގެ ހަތް ވަރަކަށް މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ޔުނެސްކޯއަށް ފޮނުވާފައިވާ ކަމަށާއި އެ މިސްކިތްތައް ބަލައިގަންނަކަން މިދިޔަ މަހު އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަޖުރިބާކާރު ޓީމެއް ރާއްޖެ އައިސް އެ މިސްކިތްތައް ބަލައި، މިހާރު އިވެލުއޭޓުކޮށް ނިމިފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި، އުންމީދަކީ އަންނަ އަހަރުގެ ފަހު ކޮޅު އެ ތަންތަން ލިސްޓުގައި ހިމެނުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ހީނާ ވިދާޅުވި ގޮތުގައި، އެ ކަންކަމުގެ ސަަބުން ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެ، އިގުތިސާދު ކުރިއަރާނެއެވެ.
ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހަތް ވަރަކަށް މިސްކިތް ހުށަހެޅި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ނަންތަކެއް ހާމައެއް ނުކުރައްވައެވެ.